ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެހެން ގައުމުތަކުގެ އިސްވެރިންނާއި އެކަހެރިވެވަޑައިގެން ވާހަކަފުޅު ނުދައްކަވައި ގިނިކަންޏާ ހުންނަވާ މަންޒަރު، ލިތުއޭނިއާގެ ވެރިރަށް ވިލިނަސްގައި ބޭއްވި ނޭޓޯ ސަމިޓުގެ ތެރެއިން ނެގި ތަސްވީރުތަކުން ވަނީ ފާހަގަކުރެވިފައެވެ.
ނޭޓޯގައި ހިމެނޭ ގައުމުތަކުގެ އިސްވެރިންނަށް ހާއްސަކޮށް ރޭ ބޭއްވި ހަފްލާއަކަށް ޒެލެންސްކީ ހާޒިރުވެވަޑައިގެންފައިވަނީ އަނބިކަނބަލުން އޮލެނާ ޒެލެންސްކާ އެކުގައެވެ.
އެހެންނަމަވެސް، ހުރިހާ ހާޟިރީން އެއްކޮށް ނެގުނު ފޮޓޯތަކުން ފެންނަނީ ޒެލެންސްކީ އެކަހެރިވެ ވަޑައިގެން ގިނިކަންޏާ ހުންނަވާ މަންޒަރެވެ. އަދި ގިނަ ބައެއްގެ ސަމާލުކަން މި ފޮޓޯތަކަށް ލިބިފައިވާއިރު، ފޮޓޯތަކުން ފެންނަގޮތުގައި، އެހެން ގައުމުތަކުގެ ވެރިން އެކަކު އަނެކަކާ ވާހަކަދައްކަވަމުން ގެންދަވާއިރު، ޒެލެންސްކީގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.
