ދުބާއި އިން ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި އީރާނުން އެމިރޭޓްސްއާއިއެކު ދެބަސްވުން އުފެދިފައިވާ 3 ޖަޒީރާއަކާ ބެހޭ ގޮތުން އެމިރޭޓްސްއާއިއެކު އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާކަމަށް އީރާނުގެ ރައީސްގެ ޚާއްސަ މުޝީރު ރަޝިޔާގެ ސަފީރަށް ދަންނަވައިފިއެވެ.
އަބޫ މޫސާ އާއި ޓަންބުގެ ނަން ދީފައިވާ 2 ޖަޒީރާއަކީ 1971 ވަނައަހަރުގެ ކުރިންވެސް އީރާނުގެ ބާރުގެ ދަށުގައި ހުރި ރަށްތަކެކެވެ. އެކަމަކު 1971 ގައި އިނގިރޭސީން އަތުން މިނިވަން ވުމަށްފަހު އެމިރެޓްސް އިންވެސް ބުނަމުން ގެންދަނީ އެއީ އެމީހުންގެ ރަށްތަކެއް ކަމަށެވެ. ކަންދިމާވެފައިވާ ގޮތުން މިއަދު އެމެރިކާއާއި އިނގިރޭސީންނަކީވެސް އެމިރޭޓްސްގެ ބައިވެރިންނެވެ.
މިދިޔަ ހޯމަ ދުވަހު ގަލްފް ކޯޕަރޭޓިވް ކައުންސިލުން ރަޝިޔާގެ ބައިވެރިވުމާއި އެކު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ރަށްތަކުގެ މައްސަލަ ބައިނަލް އަގްވާމީ ކޯޓަށް ހުށައަޅައިގެން ސުލްޙަވެރި ޙައްލެއް ހޯދުމަށް ތާއީދު ކުރާނެކަމަށެވެ.
އީރާނުގެ ރައީސްގެ ޚާއްސަ މުޝީރު މުޙައްމަދު ދެހްޣާން ވިދާޅުވެފައިވަނީ އެ ތިންރަށަކީ މާޒީގެ ހުރިހާ ޒަމާނެއްގައިވެސް އީރާނުގެ ރަށްތަކެއް ކަމުގެ ލިއެކިއުންތައް އެބަހުރި ކަމަށެވެ.

ހަމައެއިއާއެކު އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނާސިރު ކަންޢާން ވިދާޅުވެފައިވަނީ އެ ތިން ރަށަކީ ކުރިންވެސް އަދި ދެން އޮތްތަނުގައިވެސް އީރާނުގެ ރަށްތަކެއް ކަމަށާއި އެކުވެރި އަވަށްޓެރިންގެ މެދުގައި ރުޅިވެރިކަން އުފެދޭގޮތަށް އެއްވެސް ބަޔަކު ބަޔާންތައް ނެރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
One Response
އެކުވެރިކަމާއެކު ތިއްބަކަ ނުދޭނެ.