ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ހަމަޖައްސާފައިވާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީއަތްތައް ކުރިއަށްދާ ގޮތާމެދު ހުރި ކަންބޮޑުވުންތަކާއެކު އެ ކޯލިޝަންގެ ލީޑާރޝިޕުން މިއަދު ރައީސް އޮފީހަށާއި ބައެއް މުއައްސަސާތަކަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ހައިކޯޓަށް ވަޑައިގެންފައެވެ.
ހާޒިރުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ޢަބްދުއްރަޙީމް (އަދުރޭ) އާއި ކޯލިޝަންގެ ދެ ޕާޓީގެ ނައިބު ރައީސުންނާއި ސެނެޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް އެއިން ތަނެއްގެ އިސްވެރިއަކާ ބައްދަލު ކުރެއްވޭ ގޮތްވި ކަމެއް އަދި ސާފެއް ނުވެއެވެ.
ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ ޑިސެމްބަރު 25 ގައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު މިހާތަނަށް ދެތިން އަޑުއެހުމެއް ވަނީ ބާއްވައިފައެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނަންގަވާފައިވާތީ ދެން އަޑުއެހުމެއް ބޭއްވޭނެ ދުވަހެއް ނޭނގެއެވެ.