ސީރިޔާގައި ދިރިއުޅޭ އިސްލާމިކް ސްޓޭޓުގެ ލީޑަރކަމަށް ބުނާ އުސާމާ އަލް މުހާޖިރު އެމެރިކާގެ އެމް. ކިޔޫ-9 މަރކާގެ 3 ރީޕަރ ޑްރޯނުން ދިން ޙަމަލާއެއްގައި މަރާލައިފިކަމަށް ވޯޝިންގްޓަނުން ޚަބަރުދީފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ރަޝިޔާގެ މިލިޓްރީ ޖެޓްތަކުން އެ ތިން ޑްރޯނަށް ޖެއްސުން ކުރަމުން ގެންދިޔަ ކަމަށްވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން މަޢުލޫމާތު ހާމަކޮށްފައިވެއެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ އުސާމާ އަލްމުހާޖިރަށްއެމެރިކާގެ ޑްރޯންތަކުން ފާރަލަމުން ގެންދިޔައިރު ރަޝިޔާގެ މިލިޓްރީ ޖެޓު ތަކުން 2 ގަޑިއިރުވަންދެން ޖެއްސުން ކުރަމުން ގެންދިޔައެވެ.
އޭގެފަހުން އެ އުސާމާ އަލް މުހާޖިރު މޮޓަރ ސައިކަލެއްގައި ސީރިޔާގެ ހަލަބުގެ ސަރަހައްދުގައި ދަތުރުކުރަމުން ދަނިކޮށް ފެނިގެން ޑްރޯނުން ޙަމަލާދީ މަރާލީކަމަށްވެސް އެމެރިކާގެ ދިފާޢީ ވުޒާރާއިން ވަނަވަރު ހާމަކުރަން ނޭދޭ އޮފިޝަލަކު ބުނެފައިވެއެވެ.
މަރާލެވުނު މިލިޓެންޓަކީ އުސާމާ އަލް މުހާޖިރުކަން ކަށަވަރުކުރެވުނު ގޮތެއް އެމެރިކާގެ އެއްވެސް އޮފިޝަލަކު މިހާތަނަށް އަދި ހާމައެއް ނުކުރެއެވެ. ވަނަވަރު ސިއްރުކުރަން އެދުނު އޮފިޝަލް ބުނެފައިވާގޮތުގައި އުސާމާ އަލް މުހާޖިރުގެ ބާރުގެ ދަށުގައި އޮންނަނީ ސީރިޔާގެ އިރުމަތީ ސަރަޙައްދު ކަމަށްވިޔަސް އޭނާ މަރާލެވިފައިވަނީ ސީރިޔާގެ ހުޅަނގު އުތުރު ސަރަޙައްދުގައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އާދީއްތަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އެ ޙާދިސާގައި އާންމު ރައްޔިތަކުގެ ފުރާނައަށް ނުރައްކަލެއް މެދުވެރި ނުވާކަމަށާއި އެހެންނަމަވެސް އެންމެ މީހަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަން މިހާރު ބަލަމުން ގެންދާކަމަށެވެ.
އެމެރިކާއިން ބުނާގޮތުގައި މިދިޔަ ހުކުރުދުވަހަކީ ރަޝިޔާގެ މިލިޓްރީ މަތިންދާ ބޯޓުތަކުން އެމެރިކާގެ ޑްރޯންތަކަށް ޖެއްސުން ކުރަމުން ގެންދާތާ ތިންވަނަ ދުވަހެވެ. އެމެރިކާގެ އެއަރފޯސްގެ ސެންޓްރަލް ކޮމާންޑުގެ ފަރާތުން ލެފްޓިނެންޓް ޖެނެރަލް އެލެކްސް ގްރިންކްވިޗް ބުނެފައިވާ ގޮތުގައި ހުކުރުދުވަހުގެ ކުރިމަތިލުމުގައި އެކަނިވެސް ރަޝިޔާގެ މިލިޓްރީ މަތިންދާ ބޯޓުތަކުން 18 ފަހަރު އެމެރިކާގެ ޑްރޯންތަކާ ވަރަށް ނުރައްކާތެރި ކައިރިމިނަކުން ދިމާކުރަމުން ގެންދިޔައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރަކު ކަމުގައިވާ ޖެނެރަލް އެރިކް ކުރިއްލާ ދީފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ މެދުއިރުމަތިން އައި.އެސް. އެސް. އެއްކޮށް ނައްތާލާނެކަން އަހަރެމެން ވާނީ ވަރަށް ސަރީޚް ބަހުން އޮޅުންފިލުވާ ދީފައެވެ.
މިޙާދިސާއާއި ގުޅިގެން ސީރިޔާގައި ހުންނަ ރަޝިޔާގެ ރިކޮންސިލިއޭޝަނުން ރިއަރ އެޑްމިރަލް އޯލެގް ގްރިނޯވްގެ ބަޔާނެއްގައި ބުނެފައިވަނީ ސީރިޔާއާއި ރަޝިޔާއިން ގުޅިގެން ހިންގާ 6 ދުވަހުގެ ތަމްރީނުތަކެއް ކުރިއަށް ދާ ކަމަށާއި އެ ތަމްރީނުތައް ނިމުނީ މިދިޔަ ހޯމަ ދުވަހުގައި ކަމަށެވެ.
އެމެރިކާއިން އުތުރު ސީރިޔާގެ ސަރަޙާއްދުގައި ޑްރޯން އުދުއްސަމުން ގެންދިއުމަކީ ދެ ގައުމުގެ މިލިޓްރީން ވެފައިވާ އެއްބަސްވުމާއި ޚިލާފަށް އެމެރިކާއިން ހިންގަމުން ގެންދާ ޙަރަކާތްތަކެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.