ރަޝިޔާއާއި ޔޫކްރެއިނުން ހަނގުރާމަ ކުރަމުން ގެންދަނިކޮށް ނޭޓޯގެ މެމްބަރުކަން ޔޫކްރެއިނަށް ދިނުމަށް ޖަރުމަނުން ހުރަސް އަޅާނެކަން ހާމަކޮށްފިއެވެ.
ޖަރުމަނުން ބުނަނީ ނޭޓޯގެ އާރޓިކަލް 5 ގެ ދަށުން ރަޝިޔާގެ ރައީސް ޕޫޓިންއަށް މަގުފަހިކޮށް ދިނުމަކީ ބިރުވެރި ކަމެއް ކަމަށެވެ. ނޭޓޯގެ އާރޓިކަލް 5 ގައި ބުނަނީ ނޭޓޯގެ މެމްބަރު ގައުމަކަށް އެޖަމްއިއްޔާގެ މެމްބަރު ނޫން ގައުމަކުން ޙަމަލާދިނުން ބެލެވޭނީ މުޅި ޖަމާއަތަށް ހަމަލާދިނީ ކަމަށެވެ. އަދި އެކަމަށް ނޭޓޯ އިން ފުރިހަމަ ރައްދު ދޭނެ ކަމަށެވެ.
ނޭޓޯގެ މެމްބަރުކަން ޔޫކްރެއިނަށް ދީފިނަމަ އެއަށްފަހު ޔޫކްރެއިންގެ ހަނގުރާމަ ވެގެންދާނީ ރަޝިޔާއާއި ނޭޓޯގެ ހަނގުރާމައަކަށެވެ.
ނޭޓޯއިން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި މި ހަފުތާގައި ލިތުއޭނިޔާގެ ވިލްނިއަސްގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ ނޭޓޯގެ ވެރިންގެ ބައްދަލުވުމުގައި ޔޫކްރެއިނަށް މެމްބަރުކަން ދިނުން ފަސްކުރަން ޖަރުމަނުން މަސައްކަތްކުރާނެއެވެ.
ޖަރުމަނަކީ އެމެރިކާގެ ރައީސް ޖޯ ބައިޑްން ގެ ހިތްޕުޅުގައި ވަރަށް ޚާއްސަ މަގާމެއް ދެވިފައިވާ ގައުމަކަށް ވުމުން އެމެރިކާއިން ބުނަމުން ގެންދަނީ ނޭޓޯގެ މެމްބަރުކަން ޔޫކްރެއިނަށް ދިނުން އުޒުރަކަށް ހަދައިގެން ތިންވަނަ ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުސަތު ރައީސް ޕޫޓިންއަށް ނުދެއްވާނެ ކަމަށެވެ. އަދި ނޭޓޯގެ މެމްބަރުކަން ލިބިދިނުމަށް ޔޫކްރެއިންވެސް އަދި ފުރިހަމަ ނުވާކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށެވެ.
މިމައްސަލާގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖެކް ސުލިވާން ވިދާޅުވީ ތިންވަނަ ބޮޑު ހަނގުރާމައެއް ފަށަން އެމެރިކާއިން ބޭނުން ނުވާ ކަމަށާއި މިހަފްތާގައި ފެށޭ ސަމިޓްގައި ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދިނުމާބެހޭގޮތުން ވާހަކަ ނުދެކެވޭނެ ކަމަށެވެ.
އެހެންނަމަވެސް ޔޫކްރެއިންގެ ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ޔޫކްރެއިން ނޭޓޯގެ ތެރެއަށް ވަނުމަށް މަގުކޮށަމުންނެވެ.
މިމަގުގައި ރައީސް ޒެލެންސްކީ ގެންދަވަނީ ކޮންމެވެސް ގޮތަކުން ޔޫކްރެއިނަށް މެމްބަރުކަން ޔަގީން ކޮށް ދިނުމަށްޓަކައި ނޭޓޯގެ 31 މެމްބަރުންނަށް ދަންނަވަމުންނެވެ.
އެމެރިކާއާއި ޖަރުމަނުން ގެންދަނީ މިކަމުން ނިކުމެދާނެ ނުރައްކާތެރިކަން މެމްބަރު ގައުމުތަކަށް ހާމަކޮށް ދެމުންނެވެ. ހަމައެއާއިއެކު އެމެރިކާއާއި ޔޫރަޕިއަން ޔުނިއަން އަދި ޔޫކޭ އިން މަސައްކަތް ކުރަމުން ގެންދަނީ މިހާރުން މިހާރަށް މެމްބަރުކަން ނުދެވުނު ކަމުގައި ވިޔަސް ހިނގަމުންދާ ހަނގުރާމައިގާ ކީވް ރައްކާތެރިކުރެވޭނެ ގޮތްތަކެއް ރޭވުމަށެވެ.
ރައީސް ބައިޑްން ވިދާޅުވަނީ ޔޫކްރެއިނަށް މެމްބަރުކަން ދިނުމަށް ނޭޓޯގެ ތެރޭގައިވެސް މިވަގުތަށް އެއްބަސް ވެވިދާނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އަދި މިކަމާގުޅޭގޮތުން ވަރަށް ދިގުކޮށް ރައީސް ޒެލެންސްކީއާއިއެކު ވާހަކަ ދައްކަވާފައިވާ ކަމަށާއި އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދޭ މިންވަރަށް ޔޫކްރެއިނަށްވެސް ސަލާމަތާއި ރައްކާތެރިކަމުގެ އެހީތައް ފޯރުކޮށްދެމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާފައިވާނެ ކަމަށެވެ.
އެމެރިކާއާއި ޖަރުމަނާ އަދި ފަރަންސޭސި ވިލާތުން މަސައްކަތް ކުރަމުން ގެންދަނީ ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން މިހާރު ނުދެވުނަސް ޔޫކްރެއިނަށް ބޭރުން އަންނަ ކޮންމެ ޙަމަލާއެއް ދިފާއުކުރުމުގައި ނޭޓޯގެ ކޮންމެ ގައުމަކުންވެސް އެހީ ފޯރުކޮށްދިނުން ލާޒިމްކުރާފަދަ އެއްބަސްވުމެއް އެކުލަވާލުމަށެވެ.
އެފަދަ އެއްބަސްވުމަކުން ކީވް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށް ދެވޭނެއެވެ.އެކަމަކު މިހަފުތާގައި ބޭއްވޭ ނޭޓޯގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ޔޫކްރެއިނަށް ފޯރުކޮށްދޭނީ ކިހާވަރެއްގެ އެހީއެއް ކަމާމެދު އަދި ގޮތެއް ނުނިމެއެވެ.

ރައީސް ޒެލެންސްކީ ވިދާޅުވަމުން ގެންދަވަނީ އެ ސަމިޓުން ޔޫކްރެއިންގެ ރައްޔިތުންނަށް ހިތް ހަމަޖެހުން ލިބިދޭނެ ގޮތަކަށް ނުނިންމަވާނެ ކަމަށް ބެލެވޭނަމަ އެ ސަމިޓަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
ހަމައެކަނި ނޭޓޯގައި ބައިވެރި ވުމުގެ ދޮރު އޮތީ ހުޅުވިފައޭ ބުނުމަކުން ނުފުދޭނެއެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާރގް ވަރަށް ސާފު ބަހުން ވިދާޅުވެފައި އެވަނީ 31 މެމްބަރުންގެ ރުހުން ލިބިގެން މެނުވީ ސަމިޓުގައި އެއްވެސް ޙައިސިއްޔަތަކުން ބައިވެރިވުމަށް ރަސްމީގޮތުން ކީވް އަށް ދައުވަތު ނުދެވޭނެ ކަމަށެވެ.
އެމެރިކާއިން ގެންދަނީ 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ގާތަގަނޑަކަށް ހަތަރު ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ އިސްރާއީލަށް ފޯރުކޮށް ދެމުންނެވެ. އަދި އިޒްރާއީލުން ފަލަސްތީނަށް ދެމުންގެންދާ އެންމެހާ ލާއިންސާނީ އަނިޔާތަކަށް ކަނު ލޮލެއް ދެމުންނެވެ.
ރަޝިޔާގެ ރައީސް އަބަދުވެސް ވިދާޅުވަމުން އެ ގެންދަވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރާގަންނަން ޖެހުނީ ނޭޓޯ އިން ރަޝިޔާގެ ގޮނޑުދޮށާއި ހަމަޔަށް ހަންފަތުރަން މަސައްކަތް ކުރަމުންގެންދާތީ ކަމަށެވެ.
އަދި ސޯވިއެޓް ޔޫނިއަން ރޫޅާލުމުގެ އެއްބަސްވުމުގައި ފުރަތަމަ ރުކުނެއްގެ ގޮތުން އެއްބަސްވެފައިވަނީ ސޯވިއެޓް ޔޫނިއަނުން ފްރީޑަމްލިބޭ އެއްވެސް ގައުމެއް ނޭޓޯގައި ބައިވެރި ނުވުމާއި ރަޝީއާއަށް އެއްވެސް ހަނގުރާމައިގެނ ބިރެެއް އަންނަފަދަ އެއްވެސް ޢަމަލެއް ނުކުރުމަށެވެ.
އެހެނަސް 14 އަހަރުފަހުންވެސް އެ އެއްބަސްވުމާއި އެއްގޮތަށް ޢަމަލުތައް ބަހަށްޓައިފާ ނުވާކަމަށާއި ނޭޓޯގެ މެމްބަރުކަން ޔޫކުރޭނަށް ދިނުމަށް ހުށަހެޅެމުން ދަނީ ރަޝީއާ ބަލިކަށިކޮށްލުމަށް ކަމަށެވެ. އެއްވެސް ޙާލެއްގައި ރަޝީޔާއަށް ނުރައްކަލެއް ދިނުމަށް އެއްވެސް އަވަށްޓެރިކަމަކުން ކުރުމަށް ފުރުސަތު ނުދެއްވާނޭކަމަށެވެ. ރައީސް ޕޫޓިން ވިދާޅުވެފާއެވެ.