އެމެރިކާގެ ރައީސް ޖޯ ބައިޑްން އަކީ އިނގިރޭސި ވިލާތުގެ ބުރިކަށްޓަން ފަހަތުންގޮސް ވަޅިހެރުމުގެ ދިގު މާޒީއެއް އޮތް ބޭފުޅެކެވެ.
އެމެރިކާއާއިއެކު އިނގިރޭސިވިލާތުން ކުރެވުނު ވަރަށްބޮޑު ވިޔަފާރީގެ އެއްބަސްވުމެއް ކަނޑުފެއްތުމާއި ކިންގް ޗާލްސް3 ރަސްކަމަށް އިސްކުރެވުނު ރަސްމިއްޔާތަށް ވަޑައި ނުގަތުމާއި މިހާރުގެ ނޭޓޯ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލޓެންބާރގް ގެ މަގާމުގެ މުއްދަތު ހަމަވުމުން އެ މަގާމަށް ވާދަކުރައްވާ އިނގިރޭސި ދިފާއީ ވަޒީރުގެ އުޅަނދު ޓޮރޕިޑޯކޮށް ފައްތާލަން ކުރަމުން ގެންދާ މަސައްކަތް ފަހުގެ ތާރީޚުން ފާހަގަކުރެވެއެވެ.
ޓެލެގްރާފުން ރިޕޯރޓުކުރާ ގޮތުގައި ރައީސް ބައިޑްން ބޭނުންފުޅުވަނީ އެ މަގާމަށް ޔޫރަޕިއަން ކޮމިޝަންގެ މިހާރުގެ ރައީސް އުރުސަލާ ވޮން ޑަރ ލޭޔެން ގެންނާށެވެ. އަދި މިއީ އެމެރިކާގެ އެންމެ ގާތް ރަޙްމަތްތެރި ބައިވެރިޔާއަށް ދެ އިނގިލި ދިއްކުރުން ކަމަށާއި ޔޫރަޕިއަން ޔުނިއަންގެ ފޫކޮޅުގައި ސައްޕެއް ޖެހުން ކަމަށެވެ.
ރައީސް ބައިޑްންއަކީ އަބަދުވެސް ބްރަސެލްސްއާއި ޖަރުމަނާއި ޕެރިސްއަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި އިނގިރޭސިވިލާތާއިއެކު އޮތް ޒަމާންވީ ގުޅުން ގެންދަވަނީ ޑައުންގްރޭޑް ކުރައްވަމުންކަމުގައި ބެލެވެން ފަށައިފިއެވެ.
އެބޭފުޅާގެ ވިސްނުންފުޅު އަބަދުވެސް ހުންނަނީ ޖަރުމަނާ އެއްކޮޅަށެވެ. އަދި ދުނިޔޭގެ މަސްރަހުގައި ޖަރުމަނުން އަދާކުރަމުންގެންދާ ރޯލަށް ރުޙުމުގެ ލޮލަކުން ބަލަމުންނެވެ. ރައީސް އޮބާމާގެ ނައިބަކަށް ހުންނެވިއިރު ޔޫރަޕިއަން ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވަމުން ބްރަސެލްސް ވެގެންދާނީ މިނިވަން ދުނިޔޭގެ ވެރިކަންކުރާ ޝަހަރުކަމުގައި އިޢުލާނުކުރެއްވި ދުވަސް ނޫސްވެރިން އަދި ހަނދާނެއް ނުނެތޭނެއެވެ.
ރައީސް ޓްރަމްޕަކީ އަދި އެހެން މިޒާޖެއްގެ ބޭފުޅެކެވެ. އެބޭފުޅާގެ ވިސްނުމުގައި ޔޫރަޕިއަން ޔޫނިއަން އަކީ ބޭނުންތަނެއް ނޫނެވެ. އަދި ޚާއްސަކޮށް ޖަރުމަނަކީ ބޭކާރު ގައުމުކެވެ. ނޭޓޯ ގައި ޖަރުމަނުން އަދާކުރަންޖެހޭ ދިފާއީ ރޯލު އަދާނުކުރެވޭތީއެވެ.
އޮސްޓްރޭލިއާއިއެކު ކުރެވުނު ނިއުކްލިއަރ ސަބްމެރިން އައުކުސް ގެ ޑީލާއެކު ކޮންމެވެސް ވަރަކަށް އެލީޒޭ ޕެލަސް އާއިއެކު އޮންނަ ގުޅުމަށް ބުރޫ އެރިނަމަވެސް އެމެރިކާގެ ލޮލުގެ ކުރިމަތީގައި ޔޫރަޕަކީ ބަރލިން ޕެރިސް އަދި ބްރަސެލްސް އެވެ.
އެމެރިކާގެ ސިޔާސަތު ދަތުރު ކުރާނީ އެމަގުންލާފައެވެ. ޔޫރަޕްގެ މުހިންމު ލީޑަރުންނަކީ ޖަރުމަންގެ ޗާންސެލަރ އޯލަފް ސޯލެޒް އާއި ފަރަންސޭސި ރައީސް އިމެނުއަލ މެކްރޯން އާއި ޔޫރަޕިއަންޔުނިއަންގެ ރައީސާ ވޮން ޑަރ ލޭޔެން އެވެ.
އިނގިރޭސި ބޮޑުވަޒީރާއި ޕޯލޭންޑުގެ ބޮޑުވަޒީރަކީ މާ މުހިންމު ބައެއްނޫނެވެ. އެކަމަކުވެސް ޔޫކްރެއިންގެ ހަނގުރާމައިގާވެސްއެމެރިކާއާއެކު ޔޫކްރެއިނަށް އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދެނީ އިނގިރޭސި ވިލާތާއި ޕޯލެންޑުންނެވެ.
ރައީސް ބައިޑްންގެ ސަޕޯރޓް އުރުސަލާ ވޮން ޑަރ ލޭޔެން އަށް އޮތުމުން ފަރަންސޭސީންނާއި ޖަރުމަނުން ގެންދަނީ މަރުޙަބާ ކިޔަމުންނެވެ. އެކަމަކު 2013 އިން 2019 އަށް ޖަރުމަނުގެ ދިފާއީ ވަޒީރަކަށް އެކަމަނާ ހުންނެވިއިރު 2015 ގައި ބޭއްވުނު ނޭޓޯގެ މިލިޓްރީ ތަމްރީނުތަކެއްގައި ޖަރުމަނުން ހަތިޔާރު ހުސްވެގެން ބެރުދަނޑި ބޭނުންކުރަން ޖެހުނު ވާހަކައަކީ ޔޫރަޕުގެ އެންމެން ދަންނަ އެކަމަކު ލަދުވެތި ވާހަކައެކެވެ.
އިގިރޭސިވިލާތަކީ ކޮންމެ ހަނގުރާމައެއް ގައިވެސް އެމެރިކާ ބޭނުންވާ ގޮތަކަށް ސުވާލުތަކެއް ކުރުމެއްނެތި ބައިވެރިވާ ގައުމެވެ. އެގޮތުން އިރާގާއި އަފްޣާނިސްތާނާއި ލީބިޔާ ފަނާކޮށްލުމުގައިވެސް މިތުރުންނެވެ.
One Response
މީނަ ދެން މާ މުސްކުޅިވީއެވެ. ހަނދާނެއްވެސް ނުހުރެއެވެ. ވައިރޯޅިއެއް އަތުވެއްޖެއްޔާ ސިޑިންވެސް ފޮރޮޅާލަނީ ވިއްޔާއެވެ. ސަކަރާތް! މިއަންނަ ދައުރުގައި އަލުން ޓްރަމްޕް އާއި ޙަވާލުކުރީމާ ދެން ހަމަޔަކަށް އެޅޭނެކަމަށް ބެލެވެއެވެ.