ހުކުމް ބާތިލު ނުކުރާހައި ހިނދަކު ޔާމީނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެ: އީސީ

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލު ނުކުރާހައި ހިނދަކު އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމު ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި ރައީސް ޔާމީން ވަނީ ހަމަޖައްސައިފައެވެ. ނަމަވެސް އޭގެފަހުން ވ.އާރަށުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ނަމަވެސް ޕީޕީއެމްއިން ބުނަމުންދަނީ އޭ ޓު ޒެޑަށް ވެސް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެކަން ބަދަލެއް ނުވާނެ ކަމަށެވެ. އަދި ވޯޓު ކަރުދާސް ކޮޅުގައި އެމަނިކުފާނުގެ ނަންފުޅު އޮންނާނެ ކަމަށެވެ. 

ނަމަވެސް އެހެން އެކަން ވާން އޮތީ މިހާރު ހައިކޯޓުގައި ކުރިއަށްދާ އާރަށު މައްސަލައިގެ އިސްތިއުނާފު މަރުހަލާ ރައީސް ޔާމީނާ އެއްކޮޅަށް ނިމިގެން ކަމަށް ގާނޫނީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.

ޕީޕީއެމްއިން މިހާރު ވަނީ ރައީސް ޔާމީން ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމު ހުށަހަޅަން ނިންމައިފައެވެ.

އަދަދު ނޫހުން ގެނެސްދިން ޝޯއެއްގައި އީސީގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ ޖަލު ހުކުމް ދެމި އޮތްހައި ހިނދަކު ޔާމީންގެ ކެންޑިޑެންސީ އެ ކޮމިޝަނުން ބަލައިނުގަންނާނެ ކަމަށެވެ.

އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފައި އޮންނަ މުއްދަތުގެ ތެރޭގައި ޔާމީނުގެ ހުކުމް ބާތިލުކޮށްފިނަމަ ބަލައިގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަނެފިނަމަ ކޯޓަށް ދާނެކަމަށް ޕީޕީއެމްއިން ބުނެފައިވާތީ އެކަމާ ގުޅިގެން ފުއާދު ވިދާޅުވީ ނިންމުން ބަދަލުކުރަން ސްޕްރީމް ކޯޓުން އަންގަވައިފިނަމަ އެހިސާބުން އީސީއަށް ކެންޑިޑެންސީ ބަލައިގަންނާނެ ކަމުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް