ކުރު ވާހަކަ: ގާޒީގެ ކުކުޅުގެ ބަރަކާތް

Loading

Facebook
Twitter
WhatsApp


އެއްދުވަހަކު، މީހަކު ކަތިލައިފައި އޮތް ކުކުޅެއް ހިފައިގެން ކުކުޅު ވިއްކާ ފިހާރައަކަށް ދިޔައެވެ. އަދި އެ ފިހާރައިގެ ސޭޓު ގާތު އޭނާގެ ކުކުޅު   ސާފުކޮށްލައި ކޮށާއިދިނުމަށް އެދިފައި، ތިމަންނަ އެބަ އަންނަމޭ ބުނެފައި ދިޔައެވެ.

އެ ވަގުތު ކުކުޅު ފިހާރައަށް ރަށުގެ ގާޒީ އައެވެ. އަދި ކުކުޅެއް ވިއްކުމަށް އެދުނެވެ. ދެން، ފިހާރައިގެ ސޭޓު ބުނީ ކުކުޅު ހުސްވެއްޖެ ކަމެވެ. ފިހާރައިގައި އޮތީ މީހަކު ސާފުކޮށްފައި ކޮށަންދީފައި އޮތް ކުކުޅެއް ކަމެވެ. 

ސޭޓުގެ ވާހަކަ އަޑުއަހައިފައި ގާޒީ ބުނީ އެ ކުކުޅު ދިނުމަށެވެ. އަދި ކުކުޅުގެ ވެރިމީހާ އައުމުން ކުކުޅު އުދުހިފައި ދިޔަ ވާހަކަ ބުނާށޭ ވެސް ގާޒީ ބުންޏެވެ. އެކަން އޭނަ ގަބޫލު ނުކޮށްފި ނަމަ މައްސަލަ ކޯޓަށް ހުށަހަޅަން އޭނަ ގާތު ބުނާށެވެ.

ގާޒީ އެގޮތަށް ބުނެދީފަ ދިޔަތާ މާ ގިނަ އިރެއް ނުވަނީސް ކުކުޅުގެ ވެރި މީހާ ކުކުޅު ހޯދަން އައެވެ. ދެން އޭނަ ގާތު އޭނަގެ ކުކުޅު އުދުހިފައި ހިނގައްޖޭ ސޭޓު ބުންޏެވެ. މަ މިހުންނަނީ އެކަމާ ވަރަށް ދެރަވެފައެވެ.

އެ ވާހަކަ އަޑުއަހައި ކުކުޅުގެ ވަރިޔާ ރުޅި އައިސްގެން ތިމަންނަ މިތަނަށް ގެނައީ ކަތިލައި މަރުވެފައި އޮތް ކުކުޅެއްކަމާއި އެއަށް އުދުހިގެން ދެވޭނީ ކިހިނަކުންހޭ ކުކުޅުގެ ވެރިމީހާ ބުންޏެވެ. ދެން އެހެންވެ ސޭޓުގެ ދޮގު ވާހަކަޔައިގެންސޭޓްކަލޭގެ ގޮވައިގެން ކޯޓަށް ދާން ނިންމައި އެގޮތަށް ބުންޏެވެ. ސޭޓްވެސް ތިއީ ދެން މިކަމުގައި ހަމައެކެނި އޮތްގޮތް ކަމުގައި ބުންޏެވެ.

ސޭޓު ގޮވައިގެން ކޯޓަށް ދިޔަ މަގުމަތީގައި މިނިވަނަކާއި އަޅަކު ޒުވާބުކޮށް ތަޅާފޮޅަނިކޮށް އެ މީހުންނަށް ދިމާވިއެވެ. ދެން އެ ދެމީހުން ދުރުކުރަން ފިހާރައިގެ ސޭޓު އުޅުމުގެ ތެރޭގައި އަޅު މީހާގެ ލޮލަށް ސޭޓުގެ އިނގިލި ވަދެ އޭނާގެ ލޮލުގެ ފެނުން ގެއްލުނެވެ.

މިކަމާ ކަންބޮޑުވެ ސޭޓު ބިރުން ދުއްވައިގަތުމުން އޭނާ ފަހަތުން އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ދުއްވައިގަތެވެ. ސޭޓު ގޮވައިގެން ކޯޓަށް ދިޔުމަށެވެ. މީހެއްގެ ލޮލަށް ގެއްލުން ދިނީމައެވެ. 

ސޭޓު ދުވަމުން ގޮސް ގެއެއްގެ ފުރާޅު މައްޗަށް އެރިއެވެ. އަދި އެއް ފުރާޅުމަތިން އަނެއް ފުރާޅަށް ފުންމާލަން އުޅުމުގެ ތެރޭގައި ސޭޓު ބިންމައްޗަށް ވެއްޓި ބިންމަތީ ހުރި އުމުރުން ދުވަސް މީހެއްގައިގައި ޖެހި ޙާލުދެރަވެ އެ މީހާ މަރުވެއްޖެއެވެ. ދެން، އެތާ ތިބި މީހުން ވެސް ނިންމީ ސޭޓު ގޮވއިގެން ކޯޓަށް ދިޔުމަށެވެ.

ކޯޓަށް ދިޔުމުން، ގާޒީއަށް ސޭޓު ފެނުމުން، އެއީ ގާޒީއަށް ކުކުޅު ދިން ސޭޓުކަން އެނގުނެވެ. ނަމަވެސް، ސޭޓުގެ މައްސަލައަކީ ހަމައެކަނި މީހެއްގެ ކުކުޅު އެހެން މީހަކަށް ވިއްކާލި މައްސަލަ ނޫންކަމާއި މީގެ އިތުރުން މީހެއްގެ ލޮލަށް ގެއްލުން ދިން މައްސަލައަކާއި އަދި މީހަކު މެރި މައްސަލައިގައި ވެސް ސޭޓަށް ދައުވާ ކުރެވޭކަން ގާޒީއަށް އެނގުނީ ތަންކޮޅެއް ފަހުންނެވެ.

ކޮންމެއަކަސް ގާޒީއަށް ކުކުޅު ވިއްކި ސޭޓު އޭނާގެ ކުށްތަކުން ސަލާމަތް ކުރާނެ ގޮތަކާ މެދު ވިސްނުމަށް ފަހު ފަހަރަކު މައްސަލައެއް ހުށަހެޅުމަށް ކޯޓަށް ހާޒިރުވެފައި ތިބި މީހުންނަށް ގާޒީ އެންގިއެވެ. އެ ގޮތުން އެންމެ ފުރަތަމަ ހާޒިރުކުރެވުނީ ކުކުޅުގެ ވެރި މީހާއެވެ.

ކުކުޅުގެ ވެރިމީހާ ގާތު މައްސަލަ ހުށަހެޅުމަށް ގަޒީ ބުންޏެވެ. ދެން އޭނާގެ މަރުވެފައި އޮތް ކުކުޅު އުދުހިގެން ދިޔަވާހަކައާއި ސޭޓު އެ ކުކުޅު ބޭނުން ކުރިކަމުގެ ޝަކުވާކުކުޅުގެ ވެރިޔާ ގަޒީއަށް ހުށަހެޅިއެވެ.

ގާޒީ ވަރަށް ވިސްނާލުމަށް ފަހު، ކުކުޅުގެ ވެރިޔާ ގާތު ބުންޏެވެ: “ ކަލޭ ހެއްދެވި ފަރާތް ވޮޑިގެންވާ ކަމަށް އީމާންވަމު ހެއްޔެވެ“؟ ކުކުޅުގެ ވެރިޔާ އާނއެކޭ ބުނުމުން ގާޒީ ބުންޏެވެ: ހެއްދެވިފަރާތް އެއީ މީހާ މަރުވެ ކަށިތައް ފީވުމުން ވެސް އެ ކަށިތަކުގެ ވެރިފަރާތް ދިރުއްވާ ރަސްކަލާނގެ ނޫންހެއްޔެވެ. އެހެންވީމާ މަރުވެފައި އޮތް ކަލޭގެ ކުކުޅުވެސް ދިރުއްވުން އެކަށިގެންވޭ ނޫން ހެއްޔެވެ؟ 

ކަލޭ ތި ދައުވާ ކުރާ މައްސަލަ ސާބިތެއް ނުވެއެވެ.“ އެހެން ބުނެ ގާޒީ ކުކުޅުގެ ވެރިޔާގެ ދައުވާއަކީ ބާތިލު ދައުވާއެއް ކަމަށް ކަނޑައަޅައި މައްސަލަ ނިންމާލިއެވެ.

އެއައްފަހު ލޮލަށް ގެއްލުންވި އަޅު ކަލޭގެ ގާޒީކުރި މައްޗަށް ގެނެސް އޭނަގެ ލޮލުގެ މައްސަލަ ހުށަހެޅުމުން ގާޒީ ބުންޏެވެ. ލޮލަށް ލޮލެކެވެ. ނަމަވެސް ކަލެއަކީ އަޅެކެވެ. 

އެހެންވުމުން މިނިވަނެއްގެ އަދަބަކީ އަޅަކަށް ދެވޭ އަދަބުގެ ދެބައި ކުޅަ އެއްބައެވެ. ސޭޓުގެ އެއްލޮލަށް ގެއްލުން ދެވޭނީ ކަލޭގެ އަނެއް ލޮލަށް ގެއްލުންދީފައެވެ. އެވާހަކަ އަޑުއަހާފަ އަޅުކަލޭގެ ތިމަންނާ ދެންހުރި ލޮލަށް ގެއްލުމެއް ލިބުމަށް ބޭނުމެއް ނޫންކަމަށް ބުނެ އޭނަގެ ދައުވާ އަނބުރާ ގެންދިޔައީއެވެ.

ތިން ވަނައަށް މަރުވި ދުވަސްވީ މީހާގެ ހަމައެކަނި ވާރުތަވެރިޔާ ކަމުގައިވި އޭނާގެ ދަރިފުޅު ހާޒިރުކުރެވުނެވެ. ދެން، އޭނަގެ ބައްޕަގެ މަރުގެ މައްސަލަ އަޑު އެހުމަށް ފަހު ގާޒީ ބުންޏެވެ. 

އިންސާފަކީ މަރަށް މަރު ހިފުމެވެ. ކަލޭގެ ބައްޕަ މަރުވީ އޭނަ ފުރާޅު މަތިން ބައްޕަގެ ގައި މައްޗަށް ވެއްޓިގެންކަމަށް ވުމުން ސޭޓު ބިންމަތީ ބަހައްޓާފައި، ކަލޭ ފުރާޅު މައްޗަށް އަރައި ސޭޓު ގައި މައްޗަށް ފުންމާލާށެވެ. 

އެ ދަރިފުޅު ބުންޏެވެ. ސޭޓު ހުރި ތަނުން ގުޑާލައިފި ނަމަ، އަހަރެން ބިންމައްޗަށް ވެއްޓި މަރުވެއްޖިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ގާޒީ ބުންޏެވެ. ތިޔައީ މިހުށަހެޅިފައިވާ މައްސަލަޔާއި ގުޅުންހުރި ސުވާލެއްނޫނެވެ. ނަމަވެސް އަހާލަމެވެ.

ސޭޓު ފުރާޅުމަތިން ވެއްޓުނު ވަގުތު ކަލޭގެ ބައްޕަ އެއްފަރާތަށް ނުޖެހުނީ ކީއްވެ ހެއްޔެވެ؟“ ދެން، ދަރިފުޅު ވެސް، އޭނަގެ އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ހުށަނާޅަން ނިންމައި އޭނާގެ މައްސަލަ އަނބުރާ ގެންދިޔައެވެ.

މައްސަލަތައް ބަލައި ނިމި ކުށްވެރި ނުވެ ސޭޓު ސަލާމަތް ވުމުން ސޭޓު ގާޒީއަށް އިންތިހާއަށް ޝުކުރު ވެރިވިއެވެ. 

ގާޒީ ބުންޏެވެ. ޝުކުރު އަދާ ކުރަންވީ އަހަންނަކަށް ނޫނެވެ. މަރުވެފައި އޮތް ކުކުޅަށެވެ. އެއީ ވަރަށް ވެސް ބަރަކާތްތެރި ކުކުޅެކެވެ!

ގާޒީން ކުކުޅު ކާ ހިތްވާ އިރު، އަދުލު އިންސާފު ގާއިމުކުރެވޭނީ ކިިހިނެއް ހެއްޔެވެ؟ ގާންޒީ ބޭނުންވާ ކުކުޅުތަކުގެ ’ބަރަކާތުގެ‘ ސަބަބުން، އަދުލު އިންސާފު ގެއްލި، ޝަރުއީ ނިޒާމު މުޅިން ހަލާކުވާ ގޮތް މެދުވެރިވެއެވެ!

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް