އިނގިރޭސިވިލާތުގެ ރަސްކަމަކީ އެއްޒަމާނެއްގައި އެރަސްކަމުގެ
ފަރާތުން ނެރޭ ކޮންމެ އަމުރަކީ ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިއަން މީހުނެއް ރުހުމުގައިވިޔަސް ނުރުހުމުގައި ވިޔަސް ގަބޫލުކުރަން ޖެހުނު އަމުރެކެވެ. އެ ރަސްކަމުގެ ނިންމުންތައް ނިންމާފައިހުރީ ކޮންމެ ޙާލަތެއްގައިވެސް ޝާހީ ބޭފުޅުންނަށް ފައިދާ ކުރަނިވި ގޮތްގޮތަށެވެ.
ޕްރިންސް ވިލިއަމަށް އަހަރަކު ލިބޭ މުސާރައާއި އެހެނިހެން ފައިދާތައް އާންމުވެގެން މިދިޔައީ ޝާހީ ޚާންދާނުން ހާމަކުރި މިދިޔައަހަރުގެ މާލީ ރިޕޯރޓުންނެވެ.
އެ ރިޕޯރޓުން އެނގުނު ގޮތުގައި ވިލިއަމްއަކީ މިހާރު ހަމަ ހަގީގަތުގައިވެސް މުއްސަނދި ޕްރިންސެކެވެ. އަދި މިހާރު ޑިއުކް އޮފް ކޯރންވެލްގެ ޝަރަފާއިއެކު އިތުރު މުއްސަނދިކަން ލިބިގެން ހިނގައްޖެއެވެ.
ޔޫ އެސް ވީކްލީ މެދުވެރިކޮށް ނެރެފައިވާ ރިޕޯރޓުން ހާމަވެގެންދިޔަ ގޮތުގައި ޕްރިންސް ވިލިއަމްގެ މުސާރައަކީ އަހަރަކު 7.5 މިލިއަން އެމެރިކާ ޑޮލަރެވެ. އެމުސާރަ ލިބިގަތުމަށް އޭނާ ކުރައްވަނީ ކޮން މަސައްކަތެއް ބާވައެވެ.
ޑިއުކް އޮފް ކޯރންވެލްގެ ޝަރަފާއެކު އެމަނިކުފާނުގެ ޢާއިލާއާއި ދަރިންގެ ދަރިންނަށް ދާންދެން އެމީހުން ރަސްމީ އަދި ނުރަސްމީ ޚަރަދުތަކަށް ފައިސާހޯ ދުމަށް ދަނޑުބިމާއި ޖަންގައްޔާއި ކޯރުތަކާއި ދިރިއުޅުމަށް ބޭނުންކުރާ އިމާރާތްތަކާއި މައިންތައްވެސް ހިމެނޭ ގޮތުގައި ބައިލައްކަ ހެކްޓަރުގެ ބިން ވަނީ ލިބިވަޑައިގެންފައެވެ.
އޭގެ އިތުރުން 345 މިލިއަންޑޮލަރުގެ އަގުހުރި ކޮމާރޝަލް ޕްރޮޕަރޓީ ވެސް ވަނީ ލިބިވަޑައިގެން ފައެވެ. ޕްރިންސް ވިލިއަމްއަށް ރަސްކަން ލިބުނީމާ ދެން އެހުރިހާއެއްޗެއްގެ މިލްކުވެރިއަކަށް ވާނީ އެމަނިކުފާނުގެ ފިރިހެން ދަރިކަލުން ޕްރިންސް ޖޯޖެވެ.
އަހަރެމެން ކޮންމެމީހަކަށް ހަމަހަމަކަމާއި އިންސާފޭ ގޮވައިގެން ޕްރިންސްއަކަށް ވެވޭނެނަމަ ކިހާރަނގަޅު ހެއްޔެވެ. އަހަރެމެންގެ ކުޑަކުޑަ ރާއްޖޭގައިވެސް މިހާރަކަށް އައިސް ނަމުން ޕްރިންސަކަށް ނުވިޔަސް ލިބޭ ވަޒީފާއެއްގެ ސަބަބުން މިލިއަނަރުންނަށް ވުމުގެ ފުރުސަތު ދަނީ ހުޅުވެމުން ކަން ފާހަގަކުރެވެއެވެ.
One Response
ހަމަ އިނގިރޭސީންވެސް ކަންތައްކުރި ގޮތަށެވެ. ފަސް އަހަރު ދުވަހުގެ ވެރިކަންނިމޭއިރު މިއޮންނަނީ ރިސޯޓްތަކާ ތަންތަން ފާޑަކަށް މިލްކުކޮށްދީފައެވެ. ދެން ހަމަ ދަރިންގެ ދަރިންނަށް ދާންދެން ފައިސާ ލިބިލިބި ހުންނާނެއެވެ.