ދިވެހިރާއްޖޭގެ ތާރީޚު ލިޔާން ފެށީއްސުރެ މިއަދާ ހަމައަށް ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށްވުރެ ބޮޑު ޣައްދާރެއް ރާއްޖެއަކުން ފެނިފައިނުވާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިން ރޭ ގެނެސްދިން “ނިއުސް ޓޯކް“ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައި އަދުރޭ ވިދާޅުވީ ރައީސް ޞާލިޙަށް ވޯޓު ދޭން ނުޖެހޭ އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނު ގައުމަށް ޣައްދާރުވެފައިވާތީ ކަމަށެވެ.
“އަޅުގަނޑަކު ހަމަ ގައިމުވެސް ނުދެކެން ދިވެހިރާއްޖޭގެ ތާރީޚު ލިޔާން ފެށީއްސުރެ މިއަދާ ހަމައަށް މިއަށްވުރެ ބޮޑު ޣައްދާރެއް ދިވެހިރާއްޖެއަކުން. އޭގަ ކިޔާނެކަމެއް ނެތް ކަޅު މުޙައްމަދު ރަސްގެފާނެއް, ނުވަވަނަ ޙަސަން ރަސްގެފާނެއް, ޙަސަން ތާޖުއްދީންގެ ދެ ދަރިންނެއް, މޯދީރާޖާއެއް އަދި ސިއްކައެއް މީގެން އެއްވެސް މީހަކު ކިޔާނެ ކަމެއް ނެތް މި ހުރިހާ އެންމެން އެއްކޮށްލީމަ ވެސް ޣައްދާރުވުމުގަ މަތީވަނައެއް ހޯއްދަވަނީ އިބްރާހިމް މުޙައްމަދު ޞާލިޙް.“
މި އެންމެންނަކީ ވެރިކަމުގެ އާރާބާރު ހޯދަން ގައުމަށް ޣައްދާރުވި މީހުން ކަމަށާއި ނަމަވެސް މި އެންމެންނަށްވުރެ ވެސް “ނުބައިނުލަފާ“ ބޭފުޅަކަށް ރައީސް ޞާލިޙް ވެވަޑައިގަތް ސަބަބަކީ ރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެން ރައްޔިތުންނަށް ޚިޔާނަތްތެރިވެ ޣައްދާރުވުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކަފުޅުގައި ވަނީ މިއަށްވުރެ ވަކިން ބޮޑަށް އިސްލާމްދީނަށް ފުރައްސާރަކުރަން ޖާގަ ހުޅުވައިލި ސަރުކާރެއް އަދި ނާންނަ ކަމަށާއި މިއަށްވުރެ ވަކިން ބޮޑަށް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ޖާގަދިން ސަރުކާރެއް ނާންނަ ކަން ފާހަގަކުރައްވައިފައެވެ.