ޢާއިލާގެ ގުޅުން ދެމެހެއްޓުން

Loading

Facebook
Twitter
WhatsApp

ޢާއިލާގެ ގުޅުންތަކަކީ ލިއެކިއުމުން ބަޔާންކުރެވޭނެ ކަމެއްނޫންކަން އެންމެފުރަތަމަ ގަބޫލުކުރާނީ އަޅުގަނޑެވެ. އެހެންނަމަވެސް އަޅުގަނޑުމެން މި ދިރިއުޅޭ މުޖުތަމާގައްޔާއި އަދި މުޅިދުނިޔޭގައިވެސްް ބަދަލުވަމުންދާ ޢާއިލީ ގުޅުންތަކުގެމައްޗަށް ކޮންމެވެސް އެއްޗެއް ލިޔާހިތްވާތާ ދުވަސްގަނޑެއް ވެއްޖެއެވެ. މައިގަނޑު ގޮތެއްގައި އަޅުގަނޑު ބަލާލާނީ އަޅުގަނޑުމެންގެ ދިވެހިި މުޖުތަމާގައި ކަންތައް ހިނގަމުންދާގޮތުގެ މައްޗަށެވެ. ސަބަބަކީ އެހެންމީހުންގެ ކަންތަކާބެހުމަށްވުރެން ތިމަތިމާމެންގެ ކަންތަކަށް އިސްކަންދިނުން ރަނގަޅުކަމަށް އަބަދުވެސް އަޅުގަނޑު ދެކޭތީއެވެ.

އަޅުގަނޑުމެން ބޮޑުވަމުން އައި ދުވަސްވަރަކީ މީގެ 60-50 އަހަރު ކުރިކަމަށްވެފައި ޚާއްސަކޮށް މެދުރާއްޖެތެރޭގެ ތަޢުލީމީ ޙާލަތުވެސް ހުރީ މިއަދުގެ ފެންވަރަށްވުރެން މާދަށުގައެވެ. ތަޢުލީމާއި ދުނިޔޭގައި ކަންހިނގާގޮތް އެނގުމަކީ އިންސާނުންގެ ދިރިއުޅުމާއި ވިސްނުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާކަމެއްތާއެވެ. ބައެއްފަހަރު ހެޔޮބަދަލުތަކަށް މަގުފަިކޮށްދޭއިރު ކޮންމެވެސް ވަރަކަށްް ނުރަނގަޅު ކަންތަކަށް މަގުފަހިކޮށްދޭކަމަށް ބުނުމަކީވެސް މުޅިއަކުންދޮގަކަށް ނުވާނެއެވެ. އަޅުގަނޑު  ގަބޫލުކުރާގޮތުގައި ހެޔޮނުބައި ވިސްނުން އަށަގަތުމުގައި ޢިލްމުއުގެނޭ މާހައުލާއި އުގަންނައިދޭ ބައެއްގެ ވިސްމާއި ފިކުރުވެސް ޙިއްސާ ކުރެއެވެ. އިލްމުވެރިންގެބަހުން އެނގޭގޮތުގައި މީހަކަށް އެއްޗެއް އުގަންނައި ދެވޭނީ އެމީހަކަށް އެ އިލްމެއް ނުވަތަ ކަމެއް އެނގި އޮޅުންފިލާފައިއޮތް ގޮތެއްގެ މައްޗަށެވެ. މިއިން އެނގެނީ އުގަންނައިދޭމީހާ އުގަންނައިދިނުމުގައި އޭނާގެ ވިސްމާއިފިކުރުގެ ވަރަށްމުހިންމު ދައުރެއް އޮތްކަމެވެ.

1960 ގެ އަހަރުތަކުގައި އަޅުގަނޑުމެން އުޅެބޮޑުވި މެދުރާއްޖެތެރޭގެ ޢާއިލީދިރިއުޅުން ހަމަޖެހިފައިއޮތީ ވީވަަރަކުން ބޮޑު ޢާއިލާއެއް އެއްފުރާޅުދަށުގައި ދިިރިއުޅޭ ކަހަލަ ވެއްޓެކެވެ. ވަރަށް އާދައިގެ ކުދިކުދި ގޭގެނަމަވެސް އެއްގެއެއްގައި ދިރިއުުމަކީ އެންމެރިވެތިގޮތްކަމުގައި ދެކިގެންނެވެ. ފިރިހެންދަރިން މީހުންނާ އިނދެގެން އަނބިމީހާ ދިރިއުޅޭނީ ފިރިމީހާއާއެކު އޭނާގެ ގޭގައެވެ. އެގޭގައި ފިިރިމީހާގެ މައިންބަފައިންނާއެކުގައެވެ. އަންހެންދރިން ދާނީ ފިރިމީހާގެގެއަށެވެ. އެގޭގައި ފިިރިމީހާގެ މައިންބަފައިންނާއެކުގައެވެ. ބައެއް ކައިވެނިތަކުގެ ނަތީޖާ ދެފަރާތުގެ ޢާއިލާއިން އުންމީދުކުރިގޮތަށް ކުރިޔަށް ނުދިޔަނަމަވެސް އެކަމުގެ ސަބަބުން ދެ ޢާއިލާގެ މެދުގައި މާބޮޑުރުޅިވެިކަމެއް ނުއުފެދެއޭވެސް ބުނެވިދާނެއެވެ. އަދިކިއެއްތަ ! ގިނަފަހަރު ފެންނަމުންދިޔައީ ވަރަށްވެސް އެކުވެރި ގުޅުންތަކެކެވެ. ދަރިންލިބިފައިވާނަމަ ދެފަރާތުގެ ޢާއިލާގެ ލޯބި އެ ދަރިންނާ ޙިއްސާ ކުރުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސް ދޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނެވެ. މީގެ އިތުރުން މައިންބަފައިން ނިޔާވެ ގޮސްފައިވާ ދުރުތާތިމާގެ ބައެއްމީހުންވެސް ކުރިއްސުރެން ތިމާގެމީހުންގެތެރޭގައި ޚާއްސަ މަގާމުތަކެއް ދެވިފައިވާމީހުންނާއެކު އެފަދަ ގޭގޭގައި ދިރިއުޅެމުންގެންދިޔައެވެ. މިގޮތަށް ދިރިއުޅެމުން ގެންދިޔައީ ވަކި ޢާއިލާއެއްގެ ތަނަވަސްކަން ހުރުމަކުން ނުމެނޫނެވެ. އުފެދިފައިއޮތް ގާތް ތިމާގެ ކަމުގެ އިޙްސާސެއްގެ ސަބަބުންނެވެ. ދިރިއުޅުމަށްކުރެވޭ އެންމެ ޢާންމު މަސައްކަތަކީ މަސްވެރިކަމެވެ. ވަކިމީހަކަށް ލިބޭ މަސް ގިނަ ނުވަތަ މަދު ވުމަކީ ސުވާލުއުފެދޭކަމެއްނޫނެވެ. މަސްކޮޅުހިފައިން މާލެއަންނައިރު އެއްވެސް މީހަކަށް ވަކި އެއްޗެއް ބޭނުންވާނަމަ އެއެްޗެއް ހޯދާދޭނެއެވެ. މިޒަމާނުގެ ބޭނުންތަކާއި އޭރުގެ ބޭނުންތައް ވަރަށްތަފާތެވެ. ބޮޑުވެގެން މުންޑަކާ ކޮނޑުކެނޑިއެއްފަދައެއްޗެއް ބޭނުންވެދާނެއެވެ. ކޮންމެ ހުކުރުދުވަހަކު ހުކުރުނަަމާދަށް ފަހު ގޭގައިދިރިއުޅޭ ހުރިހާފިރިހެނުން އެކުގައި ގޭގެބޮޑުއަށި މަތީގައިތިބެނެް މެންދުރުގެ ކެއުން އެއީ އެދުވަސްވަރުގެ އެންމެރީތި އެއް އާދަކާދަކަމަށް އަޅުގަނޑަށް ފާހަގަކުރެވުނެވެ.

މިހާރު ދިވެހިރާއްޖޭންވެސް ފެންނަނީ ދުނިޔޭގެ އެހެންގައުމުތަކުގައި ކަންތައްކުރެވެމުންދާ ފަދައިން މީހަކާއިނުމަށްފަހު ދެމަފިރިންގެ ދިރިއުޅުން މައިންބަފައިންނާއި ވަކިކުރެވިގެންދާތަަނެވެ. މިއީ ދެކޮޅަށްވެސް ވާހަކަދެކެވިދާނެ މަޢުޟޫއެކެވެ. ނަމަވެސް ދިވެހިރައްޖޭގައި އާންމުކޮށް ކަންތައް ހިނގަމުންދާގޮތަށް ބަލާއިރު ހަމަގައިމުވެސް އަޅުގަނޑަށް ބުރަވެވެނީ ކައިވެނީފަހުންވެސް މައިންބަފައިންނާއެކު ދިރިއުޅުން ބިނާކުރުމުގެ ވިސްނުން ރަނގަޅުކަމުގައެވެ.  ކައިވެނި ކުރަނީ މުޅި އުމުރުއެކުގައި ހޭދަކޮށް ރިވެތި ޢާއިލާއެއް ބިނާކުރުމުގެ ވައުދުތަކާ ހުވަފެންތަކާއެކުގައެވެ. ނަމަވެސް މިކަން ޙަގީގަތަކަށްނުވާފަހަރުވެސް އާދެއެވެ.

މިހާރުކަންތައްތައް ހިނގަމުންދާގޮތަށްބަލާއިރު ކުދިކުދި ޢާއިލާތަކެއްގެ ގޮތުގައި ވަކިން ދިރިއުޅެމުން ގެންދިއުމުން އެންމެބޮޑު ނިކަމެތިކަމެއްޙަގީގަތުގައި ލިބޭތަން ފެންނަނީ ދަރިންނަށެވެ. ސަބަބަކީ ދެމަފިރިން ވަޒީފާއަދާކުރުމުން ދަރިން ބަލާ ތަރުބިއްޔަތުކުރުމުގައި އިހުމާލު ވެވުމެވެ. މިއަދު ދިވެހިރާއްޖޭގައިތިބި އިސްރައްވެހިންނަކީ ފަހުގެ ޖީލުތަކުން ފެންނަ އެންެމެ ތަހުޒީބު މުޖުތަމާ ކަމުގައި ދިވެހި އެއްވެސް ރައްޔިތަކު ދެބަސްނުވާނެއެވެ. މާލެއާއި ރާއްޖެތެރެ އެއްކޮށް ބެލިކަމުގައިވިޔަސް މެއެވެ. މައިގަނޑު ސަބަބަކީ އެދަރިންބޮޑެތިވަމުން އައިސްފައިވަނީ މަންމައާއި ބައްޕަ، ކާފައާއި މާމަ އަދި އާއިލާގެ ބަސްވިކޭ ހަރުމީހުންގެ ކުރިމަތީގައެވެ. މަގުއޮޅިގެންދިއުމުގެ ފުރުސަތު އަމުދުންނެތޭ ބުނެވޭކަހަލަ މާހައުލެއްގައެވެ. ބޭކާރު އާދަކާދަތަކަށް ދެވިހިފުމުގެ މަގެއް ފެންނާކަށް ނޯންނާއެވެ. ނަމަވެސް ބޭރުގެ އާދަކާދަތަކާދިމާލަށް  ދިވެހިމުޖުތަމާ އަރިއަޅާލަން ފެށީއްސުރެން ފެންނަމުންދަނީ ދުވަހެއް ދުވަހަކަށް މިދެންނެވި މިއަރިއަޅާލުން ބޮޑުވެ ދިވެހިންގެ އެހެން ބައެއް ރީތި އާދަކާދަތައް ފަދައިން ބިމާހަމަވެގެން ހިނގައިދާނެކަމުގެ ހިތާމަވެރި މަންޒަރެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާގޮތުގައި ސަރުކާރުގެ ޚާއްސަ ބެލުމުގެދަށުގައި ތިބި އެތަށް ދިވެހިންނަކަށް ދަރިންގެ ފަރާތުން އޯގާތެރިކަމުގެ ފިޔަގަނޑު ތިރިކޮށްލާތަނެއް ނުފެނެއެވެ. އަޅުގަނޑަކީ ދީނީ ޢިލްމުއެނގޭ މީހަކީމެއް ނޫނެވެ. އެކަމަކު ދެންމެ މިލިއުނު ކަހަލަ ނަސޭޙަތުގެ ބަސްކޮޅެއް ވަރަށްގިނަ ފަހަރު ހުކުރު ޚުތުބާއިން އަޑުއަހަމެވެ.

Loading

One Response

  1. ގަބޫލުކުރެވޭ ރަނގަޅު ވާހަކަކޮޅެކެވެ. މިޒަމާނުގެ ތަހްޒީބީ ގައުމުތަކުގައި ޢާއިލީ ގުޅުންތައް ފެންނަނީ ކުކުޅުހާލުގެ ގުޅުންތައް ފަދަ ގޮތެއްގައެވެ. ވަކިއުމުރަކަށް ދިއުމުން ބައެއް މީހުން މައިންބަފައިންނާދޭތެރޭ ދެކެނީ މިސްކިތުވަކަރު ގޮތުގައެވެ. އަނެއްބަޔަކަށް އެއީ އެހާމުހިންމު ބައެއް ނޫނެވެ. ތަހްޒީބުގޮތަކީ އެއީ ކަމަށް ދެކޭމީހުން އެގޮތަގއި ތިއްބަ ދޭށެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި މިކަން މިގޮތަށް އޮތުން ރީތިކަން ދައްކަން ކުރާމަސައްކަތް ކާމިޔާބުވަމުންދިއުމެވެ. ޙަގީގަތުގައިވެސް ދިވެހިރާއްްޖޭގައި މިހާރު ތިބި އިސްރައްވެހިންގެ ސުލޫކާއި ރިވެތި އަޚްލާގަށް ތަޢްރީފް ޙައްގެވެ. އެއުރެންގެ ތެރެއަށް މިޒަމާނުގެ ނުބައި ނުރަނގަޅު އާދަތައް އުފަން ނުކުރިފަދައިން މިޒަމާނުގެ ޒުވާނުންގެ ތެރޭގައި އުފަންވަމުންއަންނަ ނުރަނގަޅު ނުބައި އާދަކާދަތައް ފިލުވާލަޑޭނެނަމަ ހާދަހާރަނގަޅެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް