ޕާކިސްތާނުގައި ޙުކުމް ތަންފީޒު ކުރެވެމުންދާ ސިޔާސީ ކުށްވެރިން ސިޔާސީ ޙަރާކާތުން އެކަހެރި ކުރުވާ ގާނޫނަށް ބަދަލުގެނެސް އެބަދަލުތައް ފާސްކޮށްފިއެވެ. މި ބަދަލުތައް ފާސްކުރުމުގެ ބޭނުމަކީ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފަށް ސިޔާސީ ގޮތުން ޙަރަކާތްތެރި ވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމުގައި ބެލެވެއެވެ.
ޕާކިސްތާނު ސަރުކާރުގެ ސްޕޯކްސް ޕަރސަން ވިދާޅުވީ އެގާނޫނުގައި މިހާރުގެ ވަގުތީ ރައީސް ސޮއިކުރައްވާފައި ވުމާއެކު މީގެ ފަހުން 5 އަހަރަށްވުރެން ދިގު މުއްދަތަކަށް ސިޔާސީ ޙަރަކާތުން އެކަހެރިކުރުމަށް ކޯޓުން ޙުކުމް ނުކުރެވޭނެ ކަމަށެވެ.
ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިވަގުތު ސަޢޫދީ އެރޭބިޔާގައި ހުންނެވުމުގެ ސަބަބުން އެމަނިކުފާނުގެ ބަދަލުގައި އެގާނޫނުގައި ސޮއިކުރެއްވީ ސެނޭޓުގެ ރައީސް ސާދިގު ސަންޖުރާނީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް އާރިފް ޙައްޖުގެ އަޅުކަން ނިންމާލުމަށްފަހު ގައުމަށް ވަޑައިގެން ސޮއިކުރެވުމަށްވެސް ލަސްކުރައްވާކަށް މިހަރުގެ ސަރުކާރުގެ ބޮޑުވަޒީރު ނަވާޒް ޝަަރީފްގެ ކޮއްކޮ ބޭނުންފުޅެއް ނުވިއެވެ.
ނަވާޒު ޝަރީފަކީ ޕާކިސްތާނުގައި ތިންފަހަރުމަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު އެބޭފުޅާ ހުންނެވީ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލައެއްގައި ޢުމުރު ދުވަހަށް އެއްވެސް ސިޔާސީ ޙަރަކާތެއްގައި ބައިވެރިވުން މަނާކޮށް އަދި 7 އަހަރު ދުވަހަށް ޖަލުގައި ބަންދުކުރުމަށް 2017 ވަނައަހަރު ސުޕްރީމްކޯޓުން ކޮށްފައިވާ ޙުކުމެއް ތަންފީޒުކުރުމުގެ މަރުޙަލާގައެވެ.
2019 ވަނައަހަރު އެބޭފުޅާ ބޭސްފަރުވާއަކަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ލިބުމާއެކު އެގައުމަށް ވަޑައިގެންނެވިގޮތަށް އެނބުރި ޕާކިސްތާނަށް ވަޑައިނުގެން ފަރުދާގެ އަނެއްފަރާތުގައި ހުންނަވައިގެން މިހާރު ޕާކިސްތާނުގައި ހިންގަމުންގެންދާ ޢާއިލީ ވެރިކަމުގެ ހުންގާނުގައި ހުންނެވީ އެބޭފުޅާކަމަށް ތުޙުމަތު ކުރެވެއެވެ.
މިހާރުގެ ސަރުކާރުގެ ބޮޑުވަޒީރަކީ ކޮއްކޯފުޅު ޝަހްބާޒު ޝަރީފެވެ. ޕާކިސްތާނުގެ ޢާންމު އިންތިޚާބު މިއަހަރު އޮކްޓޯބަރު މަހުގެ ކުރިން ބާއްވަން ޖެހެއެވެ.
ޕާކިސްތާނުގެ ސިޔާސީ ވެށި ދިރާސާ ކުރައްވަމުން ގެންދަވާ ޙަސަން އަސްކަރީ އޭ އެފް ޕީ އަށް ވިދާޅުވީ އެގާނޫނު ވުޖޫދުކުރުމުގެ މައިގަނޑު މަގްސަދަކީ ނަވާޒު ޝަރީފު އަނބުރާ ގައުމަށް ގެނައުމެވެ. އަދި ނަވާޒު ޝަރީފް ވެގެންދާނީ ކުރިއަށް އޮތް އާންމު އިންތިޚާބުގައި މިހާރު ސަރުކާރުގެ ކޯލިޝަން ޕީ. އެމް. އެލް. އެން. ގެ އިޚްތިޔާރީ ކެންޑިޑޭޓް ކަމުގައެވެ.
ޕާކިސްތާނުގެ ސިޔާސީ ވެށިން ކޮރަޕްޝަނާއި ފަސާދަ ނައްތާލުމުގެ ވަޢުދާއެކު ބޮޑުވަޒީރުކަމަށް އިންތިޚާބުކުރެވުނު އިމްރާން ޚާންގެ ވެރިކަމުގައި ކޯޓަށް ހުށައަޅާފައިވާ ނަވާޒު ޝަރީފުގެ އިތުރު މައްސަލަތައް ނުނިމި އަދިވެސް އެބަހުއްޓެވެ.

އެހެންނަމަވެސް ޕާކިސްތާނުގައި ވެރިކަން ލިބޭ ހިސާބުން ކޯޓުތަކަށް ނުފޫޒު ފޯރުވޭނެ ގޮތްތައް މެދުވެރިކުރުވުމަކީ ޕާކިސްތާނުން ފެންނަމުންދާ އާދަކާދައިގެ ކަމެކެވެ.
އިމްރާންޚާނުގެ ވެރިކަން ޕާލަމެންޓުގައި ނެގުނު އިތުބާރުނެތް ކަމުގެ ވޯޓަކުން ނިމުމަކަށް ގެނައި ނަމަވެސް ޕާކިސްތާނުގެ ރައްޔިތުންގެ މެދުގައި އެމަނިކުފާނުގެ މަޝްހޫރުކަން މިހާރުވަނީ މާބޮޑަށް އިތުރު ވެފައެވެ. ހަމަ އެއާއެކު އެމަނިކުފާނާ ދެކޮޅަށް އެތައް މައްސަލައެއް މިހާރުގެ ސަރުކާރުން ވަނީ ޝަރުޢީ މަރުޙަލާއަށް ވައްދާފައެވެ.
އިމްރާން ޚާނުގެ ޕީ. ޓީ. އައި. އިން އަވަސް އިންތިޚާބަކަށް ގޮވާލައި ބާއްވަމުން ގެންދިޔާ މުޒާހަރާތަކާއި ގުޅިގެން އެމަނިކުފާނު ތިންދުވަސް ވާންދެން ބަންދުގައި ބެހެއްޓުމަށްފަހު މިހާރު ހުންނެވީ ކަފާލަތުގެ ދަށުން މިނިވަން ކޮށްފައެވެ.
އިމްރާން ޚާން ތުޙުމަތު ކުރައްވަމުން ގެންދަވާ ގޮތުގައި ޕާކިސްތާނުގެ ބާރުގަދަ މިލިޓްރީންގެ މަދަދާއިއެކު މިހާރުގެ ސަރުކާރުން ގެންދަނީ އެމަނިކުފާނުގެ ސިޔާސީ ޙަރަކާތުގެ ދުވަސް ދުއްވާލަން މަސައްކަތް ކުރަމުންނެވެ. ޕާކިސްތާނުގެ މިލިޓަރީއަކީ ސަރުކާރަށް ނުފޫޒްފޯރުވާ އަދި ސަރުކާރު ބަސްނާހާނަމަ ބާރުގެ ބޭނުންކޮށްގެން ސަރުކާރުތައް ބަދަލުކުރުމުގެ ޚަރާބު ރެކޯޑެއް އޮންނަ ބަޔެއްކަން ފާހަގަ ކުރެވެއެވެ.