ރިޔާސީ އިންތިޚާބަށް އެއްވެސް ބަޔަކާ އެކީގައި ކޯލިޝަން ހެދުމުގެ މަސައްކަތެއް ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ދަ ޑިމޮކްރެޓްސްއާއެކު ބާއްވާ ބައްދަލުވުންތަކާ ގުޅިގެން ނޫސްވެރިއަކު މިއަދު ސުވާލުކުރުމުން ޢަބްދުއްރަޙީމް ވިދާޅުވީ ޑިމޮކްރެޓްސް އަދި އެހެން ޕާޓީތަކާ އެއްކޮށް ވާހަކަދައްކަނީކީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތަކުންނެއް ނޫން ކަމަށާއި ވާހަކަ ދައްކަނީ ގައުމީ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން ކަމަށެވެ.
“އަޅުގަނޑު [ޑިމޮކްރެޓްސް]މި ދެންނެވީ އަޅުގަނޑުމެން އެ ބޭފުޅުންނާއެކީގަ މި މަސައްކަތް ކުރަނީ ގައުމީ މައްސަލަތަކުގައޭ. މިސާލަކަށް ކަނޑު ވިއްކައިލުން ކަހަލަ. އަދި އެ ނޫނަސް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ކަހަލަ ކަންތައްތަކުގަ. އެއްގޮތަކަށް ވެސް އަދިއެއް އަޅުގަނޑުމެންނެއް ރިޔާސީ އިންތިޚާބަށް އެއްވެސް ބަޔަކާ އެކީގަ ކޯލިޝަން ހެދުމުގެ މަސައްކަތެއް ނުކުރަން.“
ޑިމޮކްރެޓްސްއާއެކު ބާއްވާ ބައްދަލުވުންތަކަކީ ސެނެޓަރުންގެ ބަހެއް ނެތި ކުރިއަށްގެންދާ ބައްދަލުވުންތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ ކުރެވުނު ސުވާލުގެ ޖަވާބުގައި ޢަބްދުއްރަޙީމް ވިދާޅުވީ ސެނެޓުގެ މެންބަރުންގެ ހުރި ކަންބޮޑުވުންތަކަކީ ޑިމޮކްރެޓްސްއާއެކީ ވަކި ވާހަކަތަކެއް ދައްކާތީ ހުރި ކަންބޮޑުވުމެއް ނޫން ކަމަށެވެ.
“އެބޭފުޅުންގެ [ސެނެޓަރުންގެ] އިޚުލާސްތެރިކަން އެއިން ވެސް ދޭހަވަނީ. އެއީ އެ ބޭފުޅުން ހިތްޕުޅަށް އަރާވަޑައިގަންނަވަނީ އެބޭފުޅުންނާއެކީ ދައްކާ ވާހަކަތަކުގެތެރެއިން އަނެއްކާ ރައީސް ޔާމީނަށް ކިހިނެއްބާއޭ ވާނީ. އެ ސުވާލު އުފައްދަނީ. އެއްގޮތަކަށް ވެސް އެބޭފުޅުންގެ ނެތް ކޮންމެ ބަޔަކާ އެކީގަ ސިޔާސީ މަސައްކަތް ކުރާކަށް ވެސް ހުރަހެއް.“
“ރައީސް ޔާމީން ޖަލުގަ އޮންނަވައިގެން އަޅުގަނޑުމެންނަށް ލަފާދެއްވަނީ އިރުޝާދު ދެއްވަނީ ގައުމުގަ ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން އަޅުގަނޑުމެންނާ އެކީގަ މަސައްކަތް ކުރަން ތިބި ބަޔަކާ އެއްކޮށް މަސައްކަތް ކުރާށޭ. އެ މަސައްކަތް މި ކުރަނީ. މި މައުލޫމާތު ވާނީ އަޅުގަނޑުމެންގެ ސެނެޓާ ހިއްސާކޮށްފަ.“ ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުގައި ވަނީ ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްކަން ތަކުރާރުކޮށް ފާހަގަކުރައްވައިފައެވެ. އަދި ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނޯންނާނެ ކަމަށާއި ރައީސް ޔާމީން އެއްބުރުން އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.