ތުރުކުމަނިސްތާނުގެ އަރްކަޑަގުން ޚަބަރު ދޭގޮތުގައި އެގައުމުގައި އަލަށްބިނާކުރި ސްމާރޓްސިޓީ އަރްކަޑަގް ގެ ނަމުގައި މިދިޔަ ބުރާސްފަތި ދުވަހު ރަސްމީގޮތުން ހުޅުވައިފިއެވެ.
މި ސްމާރޓް ސިޓީގެ ނަން ނިސްބަތް ކުރެވިފައިވަނީ އެ ގައުމުގެ ކުރީގެ ރައީސް ގުރުބާންގުލީ ބަރޑީ މުޙައްމަދޯ ގެ ނަންފުޅަށެވެ. ތުރުކުމަނިސްތާނު ގައި އެމަނިކުފާނަށް މުޚާތަބު ކުރެވެމުންދަނީ އެގައުމުގެ ބަހުން އަރްކަޑަގް ނުވަތަ ސަލާމަތާ ރައްކާތެރިކަން ހޯދާދޭން މަސައްކަތްކުރާ މީހާގެ ނަމުންނެވެ.
ބޭރުގެ ޢިއްޒަތްތެރިންވެސް ބައިވެރިވެ ވަޑައިގެންނެވި ސްމާރޓްސިޓީ ހުޅުވުމުގެ ރަސްމިއްޔާތު ބައްޕާފުޅުގެ 66 ވަނަ އުފަންދުވަހާ ދިމާކޮށް ޝަރަފްވެރި ކޮށްދެއްވީ މިހާރުގެ ރައީސް އުމުރުފުޅުން 41 އަހަރުގެ ސަރުދާރު ބަރޑީ މުޙައްމަދޯވް އެވެ.
އޭރު ބައްޕާފުޅު ހުންނެވީ ޙައްޖު އަޅުކަން އަދާކުރެއްވުމަށްޓަކައި މައްކާ އަލް މުކައްރަމާ ގައެވެ. ރަސްމިއްޔާތަށް ވަޑއިގެންނެވި ބައެއް ޢިއްޒަތްތެރިން ގެންނެވި ހަދިޔާގެ ތެރޭގައި ތުރުކީގެ ރައީސް އުރުދުޣާން ގެނެސްދެއްވި އިލެކްޓްރިކް ކާރު ފާހަގަކުރެވެއެވެ.
73000 ރައްޔިތުން މިހާރު ދިރިއުޅެމުން ގެންދާ މި ސްމާރޓްސިޓީ އިމާރާތްކުރުމަށް 3.3 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރެވިގެން ދިޔަކަމަށާއި އަދި ކުރިއަށް އޮތް މަދު އަހަރު ތަކެއްގެ ތެރޭގައި އިތުރު 5 ބިލިއަން އެމެރިކާޑޮލަރު ޚަރަދުކޮށްގެން އިތުރު އާބާދީ ތަކާއި ވަސީލަތްތަށް ގާއިމް ކުރެވޭނެކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އަރްކަޑަގް ގައި ޢިމާރާތްކުރެވޭ އެންމެހާ ޢިމާރާތްތަކުގައި ބޭނުންކުރަންޖެހެނީ ހަމައެކަނި ހުދުކުލައިގެ ދަވާދެވެ. އަދި މިހާތަނަށް ޢިމާރާތް ކޮށްފައިވާ ހުރިހާ އެޕާރޓްމެންޓް ތަކެއްގެ އުސްމިނަކީ ހަތް ފަންގިފިލާއެވެ. 7 އެއީ އެގައުމުގެ މީހުން ދެކޭގޮތުގައި ހެޔޮ ކަމުގެ ނަންބަރެކެވެ.
މި ސްމާރޓްސިޓީ ބިނާކުރެވިފައި ވަނީ 15 އަހަރު ވަންދެން އެ ގައުމުގައި ވެރިކަންކުރި ގުރުބާންގުލީ ބަރޑީ މުޙައްމަދޯ ގެ އުފަންވެ ވަޑައިގެންނެވި ދެކުނުތުރުކުމަނިސްތާނުގެ ވިލެޖް ކައިރީގައެވެ. އެ ސިޓިގައި ބޭނުންކުރެވޭނީ ހަމައެކަނި އިލެކްޓްރިކުން ދުއްވާ އުޅަނދުފަހަރުކަން ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
ގޭހުގެ މުއްސަނދިކަން ލިބިފައިވާ 6 މިލިއަން އާބާދީއެއް ދިރިއުޅޭ މިގައުމުގެ ރައްޔިތުންނަކީ ވަރަށް ތަފާތު އާދަކާދަތަކެއް ގެންގުޅޭ ބައެކެވެ. މިސާލަކަށް ސަރުކާރުގައި ވަޒީފާ އަދާކުރަމުން ގެންދާ ހުރިހާ ފިރިހެން މުއައްޒިފުން މަޖުބޫރުކަމެއް ނެތަސް ގައުމުގެ ވެރިޔާއަށް ތަބާވުމުގެ ގޮތުން ބޮލުގައި ނުރަ ކުލަ ޖެއްސުން ހިމެނެއެވެ.
ގުރުބާންގުލީ ބަރޑީ މުޙައްމަދޯ 2022 ވަނައަހަރާ ހަމަޔަށް ވެރިކަން ކުރެއްވުމަށްފަހު އެމަނިކުފާނުގެ ފިރިހެން ދަރިފުޅު ސަރުދާރު ބަރޑީ މުޙައްމަދޯވް އަށް ޙަވާލުކުރެއްވީއެވެ. އެހެންނަމަވެސް ޕީޕަލްސް ކައުންސިލްގެ ރައީސަކީ އަދިވެސް އެމަނިކުފާނެވެ.
ހުޅަނގުގެ ގައުމުތަކުގެ ކުރިމަތީގައި ތުރުކުމަނިސްތާނުގެ ވެރިންނަކީވެސް ޑިކްޓޭޓަރުންނެވެ. އަދި އެއީވެސް ރައްޔިތުންގެ ޙައްގުތަކާއި އަދުލު އިންސާފު ކަށަވަރުކޮށް ނުދޭ ގައުމެކެވެ.
އެކަމަކު ދުނިޔޭގެ ބޭންކުން ހާމަކުރަމުން ގެންދާ ގޮތުގައި 6 މިލިއަން މީހުންގެ އާބާދީގެ މިގައުމުގެ ޖީ ޑީ ޕީ 2020 ވަނައަހަރު 45 ބިލިއަން އެމެރިކާ ޑޮލަރު 2028 ވަނަ އަހަރާ ހަމަޔަށް 141 ބިލިއަން ޑޮލަރަށް އިރުވާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.
އަދި ގައުމުގައި ވަޒީފާނެތް މީހުންގެ އަދަދު މިހާރު އުޅެނީ %5 ގައެވެ. އަޅުގަނޑުމެންގެ އިލްމުވެރިން ދައްޖާލުގެ އެއްލޯ އަވަރުވާނެޔޭ ވިދާޅުވަނީ މިހެންވެގެން ކަމަށް ވެދާނެއެވެ.
ދިވެހީންގެ ވެރިންނަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތައް ހިންގަން ނޭންގޭތީ ނުވަތަ އެހެން ފޮރުވިފައިވާ އެޖެންޑާއެއް އޮތަތީ ކޮންމެވެސް ނަމެއްގައި ކުންފުންޏެއް އުފައްދައިގެން ނޫނީ އެއްވެސް ކަމެއް ކުރެވޭކަމަކަށް ނުވެއެވެ. ގައުމުގެ ވެރިޔާއާއި ވަޒީރުންވެސް މި ޖެހެނީ ކަންތައް ކުރަންވީ ގޮތުގެ ސިޔާސަތުވެސް އެކުންފުނިތަކުގެ ވެރިން ކައިރިން ދަސްކުރާށެވެ. ވާނީވެސް އެހެންތާއެވެ. ރައްޔަތުންނަށް ދައުލަތްހިންގުމަށް ބޮޑުގޮހޮޑާވެސް އޯކޭ ވިއްޔާއެވެ! އެހެނީ އޭނާއާއި އޭނާގެ ޢައުވާނުން ދައުލަތުން ކުރާ ވައްކަމުން ރައްޔަތުންގެ ބަޔަކަށް ވޯޓްގަތުމަށް ޚައިރާތެއް ކޮށްދޭވިއްޔާއެވެ. ދެރަކަމުގެ ކޮޅެއްނެތެވެ!
ދައުލަތުގެ ބިންތަކާއި ވަސީލަތްތައް ސަރުކާރުން ހިލޭ ކަހަލަގޮތަކަށް އެކުންފުނިތަކަށް ފޯރުކޮށްދީގެން ވެސް ބައެއް ކުންފުނިތަކުން ދައްކަނީ މިލިއަނުން ގެއްލުމެވެ. ދެން އެންމެފަހުން ސަރުކާރުން ރައްޔިތުންނަށްވިސްނާދެނީ އެއީ އެބޭފުޅުންގެ ފަރުވާކުޑަކަމުން ނުވަތަ ތަންދޮރު ނޭންގުމުން ލިބޭ ގެއްލުންތަކެއް ނޫންކަމަށާއި ޒިންމާނަގަން ޖެހޭނީ ބައިނަލް އަގްވާމީ މާރކެޓުން ކަމަށެވެ. ދިވެހީންނަށް އެއަޑުތައް އިވުނީމާ އުފަލުންގޮސް ދެއަތް ދުޅަވަންދެންވެސ ވެރިމީހާ ރުއްސުވަން އަތްޖަހާތަން އެބަފެނެއެވެ.

ގައުމެއް ކުރިއަރުވާ ބިނާކުރެވޭނީ އެފަދަ ޢިލްމާއި ތަޖުރިބާ ލިބިފައިވާ ދުނިޔެއަށް ލޯހުޅުވި ދުނިޔޭގެ އޮޔާއި ވައި ހިންގާގޮތް އެނގޭ ވިސްނުން ތެރީންނަށެވެ. އޭގޮތުން ތުރުކުމަނިސްތާނު އަދި ސިންގަޕޫރު ފަދަ ގައުމުތައް ފާހަގަކޮށްލަން ޖެހެއެވެ.