އިސްލާމް އާބާދުންް ޚަބަރު ދީފައިވާގޮތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ތާއީދުކުރާ ގިނަބަޔަކު ކުރަމުންގެންދިޔަ މުޒާހަރާގައި ދައުލަތުގެ މުދަލާއި ތަންތަނަށް ގެއްލުންދެމުން ގެންދިޔައިރުވެސް އެމީހުންނާއި ދޭތެރޭ އެކަށީގެންވާގޮތެއްގައި ފިޔަވަޅު ނޭޅުމުގެ ސަބަބުން އެގައުމުގެ ސިފައިންގެތެރެއިން ވަރަށް އިސް 3 އޮފިސަރަކު މަގާމުން ވަކިކޮށްފިއެވެ.
އޭގެތެރޭގައި ޖެނެރަލަކުވެސް ހިމެނޭކަމަށާއި އޭގެ އިތުރުން ފަރުވާކުޑަ ކުރުމުގެ ސަބަބުންޖެނެރަލުންނާއި ބްރިގޭޑިއަރުންވެސް ހިމެނޭގޮތުގައި15 އޮފިސަރަކާއި ދޭތެރޭ އެކިއެކި ފިޔަވަޅުތައް އަޅާފައިވާކަމަށް މޭޖަރ ޖެނެރަލް އަޙުމަދު ޝަރީފް ޗައުދަރީ ވިދާޅުވިކަމަށް ބުނެއެވެ.
އެހެންނަމަވެސް އެ އޮފިސަރުންގެ ވަނަވަރު އަދި ހާމައެއްނުކުރެއެވެ. މިފަދަ ޚަބަރުތައް އާންމުކުރުމަކީ މިލިޓްރީގެ ތެރޭގައި މީގެކުރިން ހިނގާކަމެއްވެސް ނޫނެވެ. މޭޖަރ އިތުރަށް ވިދާޅުވީ މުސްކުޅިކުރައްވާފައިވާ ސިފައިންގެ ބައެއް އޮފިސަރުންގެ ޢާއިލީ މެމްބަރުންވެސް ތަޙުގީގުގެ ކުރިމައްޗަށް ޙާޒިރުކުރެވޭނެ ކަމަށެވެ.
މޭޖަރ ޝަރީފުގެ ވާހަކަފުޅުގައި ދެން ވިދާޅުވީ އެ މުޒާހަރާތަކުގައި މިލިޓްރީން ވަރަށްބޮޑަށް ކެތްތެރިކަން އިސްކުރި ކަމަށާއި އެހެންނޫންނަމަ އެކަންތައް އަތްނުފޯރާ ހިސާބަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑުވިކަމަށެވެ.
ޓެލެވިޒަން މެދުވެރިކޮށް މޭޖަރ ޝަރީފް ޗައުދަރީދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިދިޔަ މޭމަހުގެ 9 ވަނަ ދުވަހުގެ ޙާދިސާގައި ސިފައިންގެ އިސް ކޮމާންޑަރެއްގެ ލާހޯރުގައި ހުންނަގެކޮޅު އެއްކޮށް ހަލާކު ކޮށްލުމާއި ގުޅިގެން އާންމު ރައްޔިތުންގެ 102 މީހެއްގެ މައްޗަށް މިލިޓްރީ ކޯޓުގައި ދައުވާ ކުރެވެމުންދާކަމަށެވެ.
ޕާކިސްތާނުގެ އެތެރޭންނާއި އަދި ބައިނަލް އަގްވާމީ އިންސާނީ ޙައްގުތަކަށް ވަކާލާތު ކުރާފަރާތް ތަކުން ގެންދަނީ އާންމުރައްޔިތުންގެ މައްސަލައިގެ ޝަރީއަތް މިލިޓްރީ ކޯޓުގައި ހިންގަމުން ގެންދާތީ ނުރުހުން ފާޅު ކުރަމުންނެވެ.
މިކަމާގުޅޭގޮތުން ޕާކިސްތާނުގެ ސަރުކާރުންނާއި މިލިޓްރީން ބުނަމުން ގެންދަނީ ދައުވާ އުފުލާފައިވާ މީހުންނަށް ވަކީލުން ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ.
މިޚަބަރުތައް ޢާންމުވާން މިފެށީ އިމްރާން ޚާނުގެ ތަހްރީކޭ އިންސާފް ޕާރޓީގެ ސަޕޯރޓަރުން ހިންގި މުޒާހަރާގައި ރާވަލްޕިންޑީގެ ބައެއް މިލިޓްރީ ހެޑްކުއާރޓަރު ތަކަށާއި އިރުމަތީ ޕަންޖާބުގެ މިއަންވާލީގެ އެއަރބޭސް އަކަށް ގެއްލުންދީ އަދިސަރުކާރުގެ ރޭޑިއޯ ސްޓޭޝަނެއްގައި ރޯކޮށްލި ކަމުގެ ތުޙުމަތު ކުރެވުނުތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
އޭރު ކުރެވެމުންދިޔަ މުޒާހަރާތަކަށް ހުއްޓުމެއް އައީ ޕާކިސްތާނުގެ ސުޕްރީމްކޯޓުން އިމްރާން ޚާން ދޫކޮށްލަން އަމުރު ކުރުމަށް ފަހުގައެވެ.
އެ ކުރިމަތިލުން ތަކުގައި ދިހަވަރަކަށްމީހުން މަރުވެ ފަސްހާސް މީހުނަށްވުރެން ގިނައިން ހައްޔަރުކުރެވުނެވެ. އޭގެތެރެއިން ގިނަބަޔަކު މިހާރު ވަނީ ކަފާލަތުގެ ދަށުން މިނިވަންވެފައެވެ.
އިމްރާން ޚާނަށް ސަޕޯރޓުކުރާ ވަރަށްގިނަ ސިޔާސީ އިސްބޭފުޅުން ތަކެއްވެސް މިތުޙުމަތުގައި ހައްޔަރުކުރެވި ދައުވާ އުފުލާފާއި ވުމާއެކު އަދި ބައެއް ބޭފުޅުން އެތައްފަހަރަކު ހައްޔަރުކޮށްފައި ވުމުގެ ސަބަބުން ބައެއްބޭފުޅުން މިހާރު ތިއްބެވީ އިމްރާންޚާނާއި ދުރުގައެވެ.
އިމްރާންޚާން ވިދާޅުވަމުން ގެންދަވަނީ އެއްވެސް އިރެއްގައި އަނިޔާވެރި އެއްވުމަކަށް ތާއީދު ނުކުރައްވާ ކަމަށާއި އަދި އެކަހަލަ ޙަމަލާތަކެއް ގެއްލުންތަކެއް ދިނުމަށް އިރުޝާދެއްވެސް ދެއްވާފައި ނުވާނެކަމަށެވެ.
ޕާކިސްތާނުގެ ސަރުކާރުން މިހާރު ގެންދަނީ އެ މުޒާހަރާތަކުގައި ހިނގާދިޔަ އަނިޔާވެރިކަމަށް ހިތްވަރުދޭ ކުރިމަތިލުން ތަކުގައި އިމްރާން ޚާންގެ ބައިވެރިވުން ހިމެނޭ މިންވަރެއް ދެނެގަތުމަށްޓަކައި ތަޙްގީގު ކުރަމުންނެވެ.
އެހެންނަމަވެސް މިހާތަނަށް އެމަނިކުފާނުގެ މައްސަލަ މިލިޓްރީ ކޯޓަށް ފޮނުވާފައި ނުވާކަމަށް ސަރުކާރުން މަޢުލޫމާތު ހާމަ ކޮށްފައި ވެއެވެ. އިމްރާން ޚާން ގެ މައްޗަށް ކޮރަޕްޝަނާއި ފަސާދައިގެ ސަތޭކައަށްވުރެން ގިނަ މައްސަލަ ސަރުކާރުން ވަނީ ޝަރީއަތަށް ފޮނުވާފައެވެ.
އިމްރާން ޚާން މިހާރު ހުންނެވީ އެމަނިކުފާނާއި މެދު އުފުލާފައިވާ ދައުވާތަކާގުޅިގެން ހައްޔަރު ކުރުމުން ޖުލައި މަހުގެ 6 ވަނަދުވަހާ ހަމަޔަށް ކޯޓުން މިނިވަން ކޮށްފައެވެ. މިދިޔަ ހޯމަދުވަހުވެސް އެމަނިކުފާނާއިދޭތެރޭ ހުށައަޅާފައިވާ ބިރުވެރިކަން އުފެއްދުމުގެ ތުޙުމަތުގެ މައްސަލާގައި ކޯޓަށް ޙާޒިރު ކުރެވުނެވެ.
މިލިޓަރީ ކޯޓްގެ ފަނޑިޔާރުންގެ މެދުގައިވެސް ޢާންމު ރައްޔަތުންގެ މިފަދަ މައްސަލަތައް މިލިޓަރީކޯޓުން ހިންގުމާއިމެދު ވަނީ ދެބަސްބުންތައް އުފެދިފައެވެ. އަދި އެކަމާއި ގުޅުވާއިންގެ ފަނޑިޔާރު ފާއިޒް ޢީސާ ވަނީ އިސްތިޢުފާ ދެއްވާފައެވެ.
މިޚަބަރުތައް ހާމަކުރެވިގެންދާ މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނަކީ ހަނގުރާމަވެރިން ޙަމަލާދިނުމަށް ބޭނުންކުރާ ސަރަހައްދަކަށް ނުހެދުމަށް ގޮވާލާ ކަމުގައި ވިދާޅުވުމުން އެކަމަށް އިޙުތިޖާޖުކުރުމުގެ ގޮތުން ޕާކިސްތާނުގައި ހުންނަވާ އެމެރިކާގެ ޑެޕިއުޓީ އެމްބެސެޑަރ ޕާކިސްތާނުގެ ޚާރިޖިއްޔާއަށް ޙާޒިރުކުވުނެވެ.
ޕާކިސްތާނުގެ ޚާރިޖިއްޔާއިން ބުނާގޮތުގައި އެމެރިކާގެ ގޮވާލުމަކީ ބައިނަލް އަގްވާމީ ޑިޕްލޮމެޓިކް ހަމަތަކާއި ޚިލާފަށް އިންޑިއާ ރުއްސުވަންވެގެން ނެރެފައިވާ ބަޔާނެއް ކަމަށާއި އެއްވެސް އަސްލެއްނެތް އެފަދަ ބަޔާންތައް ނެރުމުން އެމެރިކާ އެއްކިބާވާން ޖެހޭނެ ކަމަށެވެ.