މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާ ވެސް ފޭކް މެސެޖުތައް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
މޭޔަރު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމިއްލަ ފޯނު ނަންބަރާއި ވައިބާއާއި ވަޓްސްއެޕާއި އެ ނޫން ވެސް މަންސަތައް މެދުވެރިކޮށް ފޭކް މެސެޖުތައް އެކި ފަރާތްތަކަށް ދަނީ ފޮނުވަމުންނެވެ.
އެގޮތުން ހޯމަދުވަހުގެރޭ ޓީވީ ޕްރޮގްރާމެއް ހިނގަމުންދިޔަ ވަގުތު މޭޔަރުގެ ނަމުގައި ނޫސްވެރިއަކަށް ވަނީ ފޭކް މެސެޖުތަކެއް ފޮނުވައިފައެވެ.
“އަޅުގަނޑުގެ ނަންބަރުން ޓީވީއެއްގެ ނޫސްވެރިއަކަށް މެސެޖުތަކެއް ގޮސްފި އެވަގުތު އެ ޓީވީގައި އިންނެވި ބޭފުޅަކާ ސުވާލުތަކެއް ކޮށްދިނުމަށް. އަޅުގަނޑަށް ނޭނގޭ އެ ޕްރޮގްރާމް އޮތް ކަމެއް ވެސް, އެ ބޭފުޅަކު ޓީވީގައި އިންނެވި ކަމެއް ވެސް.“ މޭޔަރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައިވެއެވެ.
މޭޔަރު “ސަންދާނު“ އަށް މިއަދު ވިދާޅުވި ގޮތުގައި ފޮނުވާފައި ހުންނަނީ ސިޔާސީ މައިދާނުގައި ހުންނަ ކަންކަމަށް އަސަރު ކުރާ ކަހަލަ މެސެޖެވެ. އެފަދަ މެސެޖުތަކުގެ ބޭނުމަކީ ފިތުނަ އުފައްދައި މައްސަލަ އުފެއްދުން ކަމަށް މޭޔަރު ވިދާޅުވިއެވެ.
“ވަރަށް ބޮޑެތި ފިތުނަ އުފެދޭނީ މިކަހަލަ މެސެޖުތަކަށް ބަޔަކު އަމަލުކޮށްފިއްޔާ. ވަރަށް ބޮޑަށް ދޭތެރެޖެހި އަޅުގަނޑުމެންގެ މެދުގަ މައްސަލަ އުފެދޭނެ.“
“އަޅުގަނޑު ކުރިން ހުންނާނެ ރަސްމީކޮށް ޕޮލިހާއި ދިރާގަށް މިފަދަ ކަންކަން ދިމާވެގެން ސިޓީ ލިޔެ މައްސަލަ ހުށަހަޅާފަ. އަޅުގަނޑުގެ ފޯނު ދިރާގުން އެއްފަހަރަކު ޗެކްކުރައްވާފަ އެންގެވި ސީދާ އަޅުގަނޑުގެ ފޯނުން ނެތޭ ޖެނެރޭޓްވެފައެއް. އޭގެ މާނައަކީ ކޮންމެވެސް އެހެންތާކުން ސޮފްޓްވެއަރއަކުން ނަންބަރު ބޭނުން ކުރަނީ.“ މޭޔަރު ވިދާޅުވިއެވެ.
މޭޔަރު ވަނީ އެމަނިކުފާނުގެ ނަންބަރުން މެސެޖެއް ލިބިއްޖެނަމަ އެމަނިކުފާނު ކުރެން އެކަން އައްސަވައި ޔަގީން ކުރުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.