މާލޭ ސަރަހައްދުން ގޯތި ދުކުރުމުގެ ނަމުގައި އިންސާފެއް ހަމަހަމަކަމެއް ނެތި ހައްގުވާ ފަރާތައް ބެލުމެއް ނެތި ބިންތައް ބަހައިލާފައިވާ ކަމަށާއި އެއީ ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5,000 ގޯތި ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އިއްޔެ އާންމުކޮށްފައިވާއިރު, މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނެއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް މާލޭ ސަރަހައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް އެންމެ ހައްގުވާ ފަރާތްތައް ބެލުމެއް ނެތި ނަހަމަ ގޮތުގައި ބަހައިލި ބަހާލުމަކީ މިކޯލިޝަން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ އަމަލެއްކަމަށެވެ.
ބަޔާނުގައި ވަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މާލޭ ސަރަހައްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިން ކޮޅެއް އޮތްނަމަ އެ ބިންތައް, އެއްވެސް އިންސާފެއް ނެތި އިބްރާހީމް މުހައްމަދު ޞާލިޙުގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ބަހާލާފައިވާކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހުޅުމާލެ ފޭސް 1 އާއި ފޭސް 2 އަދި ގުޅީފަޅު ގެ އިތުރުން އަދި ހިއްކުމުގެ އީޕީއޭވެސް ހާދަފައި ނުވާ ސަރަހައްދުތައް ވެސް ހިމެނޭކަން ފާހަގަކުރިއެވެ.
“ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްއިރު މި ސަރުކާރުގެ 20000 ފްލެޓްގެ ވައުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ނެތް.“
އަދި ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފަށްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ހުސްކޮށް އެއްވެސް ރައްޔިތަކަށް ނުދީ އެތަންތަން ނިންމުމަށް ވެސް އެއްވެސް މަސައްކަތެއް ނުކޮށް ހުރިކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
“ހަމަހަމަކަމެއް އިންސާފެއް ނެތި ހައްގުވާ ފަރާތްތައް ބެލުމެއް ނެތި ރާއްޖޭގެ އެތައް ރައްޔިތަކު ބާކީކޮށް ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިން ތައް ބަހާލުމާއި ހިއްކާފައި ނުވާ ސަރަހައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވައިލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތައް އެސީސީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބެލުމަށް ގޮވާލަން.“
އިދިކޮޅު ކޯލިޝަނުން ބުނީ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސް ޔާމީންގެ ސިޔާސަތެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއް މިންވަރުފުޅު ކުރައްވައިފިނަމަ އެމަނިކުފާނުގެ ސިޔާސަތު ތަންފީޒު ކުރައްވައި ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަގީންކަން އިދިކޮޅު ކޯލިޝަނުން ވަނީ ދީފައެވެ.
One Response
ހަމަ އެއްގޮތްވާނީ. ސަރުކާރު ބަދަލުވާނީ. ދެން އަންނަ ބަޔަކު ތި ލިސްޓްތައް ރިވިއު ކުރާނީ. ކޮށްފާ އެމީހުން ފެންނަ ބަޔަކު އިތުރުކޮށްފާ ދެން ޙައްގުވާ ބައިމީހުންވެސް ހިމަނާފަ ދޭނީ. ދިނީމާ ނުލިބޭމީހުން އެ ސަރުކާރު ދެކެ ނުރިހިފާ ކުދިކޔާލަކިލާ ތިބޭނީއެވެ. އެއީ މިގައުމުގެ ޢަދުލު އިންސާފެވެ.