ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން 3,560 މީހުންގެ ސޮޔާއެކު މި މަހުގެ 01 ވަނަ ދުވަހު އީސީއަށް ހުށަހެޅި ނަމަވެސް ހުއްދަ ދިނުން ލަސްކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އީސީއަށް އަމާޒުވެފައިވާއިރު, އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލު ބައްދަލުވުމުގައި ޤާސިމް ވެސް ވަނީ ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ.
ޤާސިމް ވިދާޅުވީ ގާނޫނުގައި ތިން މަސް ދުވަސް އޮތަސް ޝަރުތު ހަމަވާނަމަ ފުރަތަމަ ލާ ދުވަހު ވެސް އެކަން ޖެހޭނީ ކޮށްދޭން ކަމަށެވެ.
ގާނޫނުތައް ހަދަނީ ރައްޔިތުންނަށް ހެޔޮލަފާ ކަންތައްތަކެއް ކޮށްދިނުމަށްޓަކައި ކަމަށާއި ރައްޔިތުންނަށް އަނިޔާދީ ނިކަމެތި ކުރާކަށް ނޫން ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
“އެހެންވީމަ މިއަދު އެބޭފުޅުންނަކަށް ނޭނގެތޯ އެބޭފުޅުން އެ ތިއްބެވީ ގާނޫނާ ޚިލާފުވެފަ ކަމެއް.“ އީސީގެ ބައެއް މެންބަރުންނަށް އަމާޒުކުރައްވައި ޤާސިމް އިއްޔެ ވިދާޅުވިއެވެ.
ޤާސިމް މިހެން ވިދާޅުވެފައިވަނިކޮށް އީސީން މިއަދު ވަނީ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ނިންމިކަން ހާމަކޮށްފައެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ “ދަ ޑިމޮކްރެޓްސް“ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް އެ ކޮމިޝަނުން ނިންމާފައިވާނޭ ކަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް ހ.ސީވީޑް ޙަސަން ލަތީފަށް މިހާރު ދަންނަވާފައިވާ ކަމަށެވެ.
ޙަބީބުގެ ޓުވީޓު ރީޓްވީޓު ކުރައްވަމުން ޤާސިމް ވިދާޅުވީ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވުމާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދަށާއި ޑިމޮކްރެޓްސް އުފެއްދެވުމުގައި އުޅުއްވާ އެންމެހާ ބޭފުޅުންނަށާއި ރާއްޖޭގެ އިސްލާހަށާއި ޑިމޮކްރަސީއާއި ހެޔޮވެރިކަމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަަށެވެ. އަދި މި ހުއްދަ ދެއްވުމަކީ އީސީން ގާނޫނީ ވާޖިބު އަދާކުރެއްވުމުގައި ކުރިއަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމުގައި ދެކެވަޑައިގަންނަވާކަން ފާހަގަކުރައްވައި ޤާސިމް ވަނީ އެ ކޮމިޝަނުގެ ވެރިންނަށް ވެސް މަރުހަބާ ދަންނަވައިފައެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތަކީ ރައީސް ނަޝީދުގެ އިރުޝާދާއި ލަފާގެ މަތިން ފެށްޓެވި މަސައްކަތެއް ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކުރިން ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ “އަޅުގަނޑު އިސްވެ ހުރެ ސިޔާސީ ޕާޓީއެއް ނުއުފައްދަން“ ކަމަށެވެ.