މިއީ ޙައްޖުގެ މަތިވެރި އަޅުކަމުގެ މޫސުމެވެ. އިސްލާމްދީނުގެ ފަސްވަނަ ރުކުން ފުރިހަމަ ކުރުމަށްޓަކައި މުޅި އިސްލާމީ އުންމަތް ތައްޔާރުވަމުންދާ މޫސުމެވެ. ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ލިބިފައިވާ އަޚުންނާއި އުޚުތުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ މޫސުމެވެ.
މިއަހަރު އެ ނަސީބު ލިބިފައިނުވާ އަޚުންނާއި އުޚުތުންވެސް މިއަންނަ އަހަރަށް އުންމީދުކުރަމުން އެ އުފަލުގައި ބައިވެރި ވަމުންދާ މޫސުމެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދުނިޔޭގެ ކަންކޮޅުތަކުން މައްކާއަލް މުކައްރަމާ އާއި މަދީނާ އަލް މުނައްވަރާއަށް އަދި މިމޫސުމުގައި އާންމުކޮށް ސަޢޫދީ އެރޭބިޔާއަށް ދަތުރުކުރާ މެހެމާނުންގެ އެންމެހާ ކަންތައް އެންމެ ލުއިފަސޭހަ ގޮތުގައި ފުރިހަމަކުރުމަށް ސަޢޫދީ ސަރުކާރުން ދޭ އަހަންމިއްޔަތާއި ފުރިހަމަ
ކުރަމުންގެންދާ އިންތިޒާމްތައް ހިތަށްގެނެސް ޝުކުރުވެރިކަމާއިއެކު ބަލާގަންނަން ޖެހެއެވެ.
ހަމައެއާއިއެކު އެފަދަ އަހަންމިއްޔަތު ކަމެއް ދީގެން އިންތިޒާމްތައް ފުރިހަމަކުރަމުން ގެންދާއިރުވެސް ބައެއްފަހަރު ވަރަށް ހިތާމަވެރި ޙާދިސާތައް ޙައްޖު މޫސުމުގައި މެދުވެރިވެފާ އެބަހުއްޓެވެ. އެހާދިސާތަކުގެ މަޢުލޫމާތު އެނގިފައިހުރުމުން އެފަދަ ހާދިސާއަކާއި ކުރިމަތިލާން ޖެހޭވަގުތު ސަލާމަތާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ސަންދާނުގެ ބޭނުމަކީ މާޒީގެ ތާރީޚުން އެނގެން އޮތް މިފަދަ ބައެއް ޙާދިސާތަކުގެ މަޢުލޫމާތު ކިއުންތެރިންނާއި ހަމަޔަށް ގެނެސް ދިނުމެވެ. އަޅުގަނޑުމެންގެ މަޢުލޫމާތުގައި ކުށެއް އުޅޭނަމަ ރަނގަޅު ކޮށްލަ ދެއްވުންވެސް އެދެމެވެ.
މާޒީގެ ތާރީޚުން އެނގޭގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރުން މަނާކުރެވިފައިވަނީ ހަމައެކަނި އެންމެ ފަހަރަކުއެވެ.
އެއީ 1798 ވަނައަހަރު ފަރަންސޭސީންގެ ނަޕޯލިއަން ބޮނަޕާރޓޭ މިސްރަށް އަރާގަނެ އެގައުމު އަޅުވެތި ކުރުމާއި ގުޅިގެންނެވެ. އޭގެފަހުން 2020 ވަނައަހަރު ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އޭގެ ކުރީ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ގާތްގަނޑަކަށް 2.5 މިލިއަން މީހުންނަށް ލިބިފައިވީ ނަމަވެސް އެ އަދަދު ހަމައެކަނި އެއް ހާސްމީހުންނަށް މަދުކުރަން ޖެހުނެވެ.
އެހެންނަމަވެސް ކޯވިޑްގެ ބަލިމަޑުކަމުން ދުނިޔެ ސަލާމަތުގެ އައްސޭރިއަކަށް ދަތުރުކުރުމާއި ގުޅިގެން 2022 ވަނަ އަހަރު ގާތްގަނޑަކަށް އެއްމިލިއަން މީހުންނަށް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނެވެ.
މިއަހަރު ސަޢޫދީ އެރޭބިޔާއަށް ޒިޔާރަތްކުރާނެ ޙައްޖުވެރިންގެ އަދަދަކީ 2 މިލިއަން މުސްލިމުން ކަމުގައި ވަނީ އަންދާޒާ ކުރެވިފައެވެ.
ދެން މިފާހަގަކޮށްލަނީ ފަހުގެ ތާރީޚުގައި ޙަައްޖުގެ އަޅުކަން އަދާކުރުމުގެ ދުވަސްވަރު މެދުވެރިވެފައިވާ ބައެއް ހިތާމަވެރި ހާދިސާތަކުގެ މަޢުލޫމާތެވެ.
1975 ވަނައަހަރު ޑިސެމްބަރު މަހުގެ 14 ވަނަދުވަހު މައްކާގައިހުރި ޙައްޖުވެރިންގެ ކޭމްޕެއްގައި ގޭސް ކެނިސްޓަރެއް ގޮވުމުގެ ސަބަބުން 200 މިހުން މަރުވިއެވެ.
1979 ވަނައަހަރު ހަނގުރާމަވެރި ބަޔަކު މާތްވެގެންވާ ޙަރަމްފުޅުތެރެއަށްވަދެ ސަޢޫދީ އެރޭބިޔާގެ ޝާހީ ޚާންދާނުން ވެރިކަމުން ފޭބުމަށްގޮވަމުން ޙައްޖުގެ އަޅުކަން އަދާކުރަންގޮސްތިބި އެތައްބަޔަކު ނޮވެމްބަރު މަހުގެ 20 ވަނަދުވަހު ރަހީނު ކުރުމާއި ގުޅިގެން ހިނގާދިޔަ ކުރިމަތިލުން ތަކުގައި 150 މީހުން މަރުވެ އިތުރު 560 މީހުން ޒަޚަމްވި ކަމަށް ރަސްމީ އިދާރާއިން މަޢުލޫމާތު ހާމަކޮށްފައި ވެއެވެ.
1987 ވަނައަހަރު އީރާނުގެ ޙައްޖުވެރިންތަކެއް ހުއްދަ ނެގުމަކާއި ނުލައި ހިންގިމުޒާހަރާއެއް ހުއްޓުވުމަށް ސަޢޫދީ އެރޭބިޔާގެ ސަލާމަތީ ބާރުތަކުން ކުރިމަތިލުމުން ޖުލައި 31 ވަނަދުވަހު 275 އީރާނުގެ ޙައްޖުވެރިންނާއިއެކު ޖުމުލަ 400 ޙައްޖުވެރިން މަރުވެފައިވާކަމަށް ރަސްމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
1989 ވަނައަހަރު ޖުލައި 10 ވަނަދުވަހު މަސްޖިދުލް ޙަރަމްގެ ބޭރުގައި ޝިޔާޢީ މަޒުހަބަށް ނިސްބަތް ކުރެވުނު ބަޔަކު ހިންގި ދެ އުދުވާނެއްގައި އެކަކު މަރުވެ 10 މީހުން ޒަޚަމްވިއެވެ. އޭގެ 16 ހަފުތާފަހުން އެ އުދުވާނުގައި ބައިވެރިވި ކުވޭތުގެ 16 މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރެވުނެވެ.
1990 ވަނައަހަރު ޙައްޖާޖީން ހިނގަމުން ދިޔަ ޓަނެލެއްގެ ވެންޓިލޭޝަން ހަލާކުވުމާއި ގުޅިގެން އެވަގުތު ހިނގަމުންދިޔަ މީހުންތައް ތޮއްޖެހި ބިންމައްޗަށްވެއްޓި ފައިދަށުވުމުގެ ސަބަބުން ޖުލައި 2 ވަނަދުވަހު 1426 މީހުން މަރުވިއެވެ. އޭގެތެރޭގައި ގިނައީ އޭޝިޔާގެ ގައުމުތަކަށް ނިސްބަތްކުރެވޭ ޙައްޖުވެރިންނެވެ.
1994 ވަނައަހަރު މޭ މަހުގެ 24 ވަނަދުވަހު މިނާއަށް ހިލައުކުމުގެ ތެރޭގައި މީހުންތައް ތޮއްޖެހި ބިންމައްޗަށްވެއްޓި ފައިދަށުވުމާގުޅިގެން 270 މީހުން ވަނީ މަރުވެފައެވެ.
1995 ވަނައަހަރު މޭމަހުގެ 7 ވަނަދުވަހު މަދީނާގައި ހުރި ޙައްޖުވެރިންގެ ކޭމްޕެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 3 މީހުން މަރުވެ 99 މީހުން ޒަޚަމް ވިއެވެ.
1997 ވަނައަހަރު އޭޕްރިލް މަހުގެ 15 ވަނަދުވަހު މިނާގައި ހުރި ޙައްޖުވެރިންގެ ކޭމްޕެއްގައި ގޭސް އުނދުނަކުން ރޯވި އަލިފާންގަނޑު ޙައްޖުވެރިންގެ ފޭލިގެ ތަކަށް ފެތުރިގެން ދިއުމާއެކު 343 ހައްޖުވެރިން މަރުވެ 1500 މީހުން ޒަޚަމް ވިއެވެ.
1998 ވަނައަހަރު އޭޕްރިލް މަހުގެ 9 ވަނަދުވަހު މިނާގައި ޙައްޖުވެރިން ތޮއްޖެހި ބިންމައްޗަށް ވެއްޓި ގިނަބަޔަކު ފައިދަށުވުމުގެ ޙާދިސާގައި 118 ހައްޖުވެރިންމަރުވެ 180 ހައްޖުވެރިން ޒަޚަމް ވިއެވެ.
2004 ވަނައަހަރު ފެބްރުއަރީ މަހުގެ 1 ވަނަދުވަހު ހިލައުކުމުގެ ތެރޭގައި މީހުންތައް ތޮއްޖެހިގެން ބިންމައްޗަށް ވެއްޓި ފައިދަށު ވުމުގެ ޙާދިސާގައި 251 ހައްޖުވެރިންވަނީ މަރުވެފައެވެ.
2006 ވަނައަހަރު ޖެނުއަރީ މަހުގެ 12 ވަނަދުވަހު މިނާގައި ހިލަ އުކުމުގެތެރޭގައި މީހުންތައް ތޮއްޖެހިގެން ބިންމައްޗަށް ވެއްޓި ފައިދަށު ވުމުގެ ހާދިސާގައި 364 ޙައްޖުވެރިން ވަނީ މަރުވެފައެވެ.
އަދި ސިޓީ ސެންޓަރުގައި ޙައްޖުވެރިން ތިބޭ ހޮޓަލެއް ވެއްޓުމުގެ ސަބަބުން 76 ހައްޖުވެރިން ވަނީ މަރުވެފައެވެ. އޭގެކުރީ އަހަރު ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ހިލަ އުކުމުގެ ތެރޭގައި މީހުންތައް ތޮއްޖެހިގެން ބިންމައްޗަށް ވެއްޓި ފައިދަށު ވުމުގެ ހާދިސާގައި 3 ޙައްޖުވެރިން ވަނީ މަރުވެފައެވެ.
2015 ވަނައަހަރު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު މިނާގައި ހިލަ އުކުމުގެ ތެރޭގައި މީހުންތައް ތޮއްޖެހިގެން ބިންމައްޗަށް ވެއްޓި ފައިދަށު ވުމުގެ ޙާދިސާގައި 2300 ހައްޖުވެރިން ވަނީ މަރުވެފައެވެ.
މިއީ ޙައްޖުމޫސުމުގައި މިހާތަނަށް ހިނގާދިޔަ އެންމެ ހިތާމަވެރި ޙާދިސާކަމުގައި ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިހާދިސާ ހިނގުމުގެ ކުރިން ޙައްޖުދުވަސް ދެ ހަފުތާއަށްވުރެންވެސް ކައިރިވެފައި ވަނިކޮށް މައްކާއަށް މޫސުން ގޯސްވެ ޙަރަމްފުޅުގެ ސަރަޙައްދު އިމާރާތްކުރުމުގައި ބޭނުން ކުރި ބިޔަ ކްރޭނެއް ވެއްޓުމާގުޅިގެން ސަތޭކައަށްވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައިވެސް ގިނައި ބިދޭސީންކަން ފާހަގަކޮށްފައިވެއެވެ.
އަޅުގަނޑުމެންގެ ދުޢާއަކީ ޙައްޖުގެއަޅުކަން އަދާކުރުމުގެ ނަސީބު ވެރިންނަށް އަމާން ދަތުރެއް މާތް ރަސްކަލާންގެ މިންވަރު ކޮށްދެއްވުމެވެ. ކަލަންޑަރު ބުނާގޮތުން މިމަހުގެ 27 ވަނަ ދުވަހަކީ ޢަރަފާތު ދުވަހެވެ. އެހެންވުމުން 28 ވަނަ ދުވަހަކީ ބޮދު ޢީދު ދުވަހެވެ. ހުރިހާ ޙާޖީންއަށް މަބްރޫކް ޙައްޖަކަށް އެދެމެވެ. އާމީން!