ރަޝިޔާއިން ޔޫކްރެއިނަށް އެރުމުގައި ރަޝިޔާގެ ނިޔަތް ރަނގަޅުކަމަށް ދެކިވަޑައި ގަންނަވާ ކަމަށާއި ކުރިއަށްދާ ހަނގުރާމައިގާ ގިނަ ޒިންމާތަކެއް އެމެރިކާގެ ބޮލުގައި އެޅިފައިވާކަމަށް މިއަންނަ އަހަރު އެމެރިކާގެ ރިޔާސަތަށް ޑިމޮކްރެޓުންގެ ފަރާތުން ނިކުމެވަޑައިގަންނަވަން ގަސްދުކުރައްވާފައިވާ ރޮބާރޓް އެފް. ކެނެޑީ ޖޫނިއަރ މިދިޔަ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުން މުޅިދުނިޔެއިން ކުށްވެރިކުރަމުން ދާއިރު އަދި ވާހަކަދައްކައިގެން ސުލްޙަވެރިގޮތުގައި ތަފާތުތައް ނައްތާލައި ހަނގުރާމަހުއްޓާލުމަށް ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް ގޮވަމުންދާ ގޮވުންތަކަށް ރައީސް ޕޫޓިން ނޫނެކޭ ވިދާޅުވަމުން ގެންދަވާކަން ފާހަގަކުރައްވައި ސީރިއަސް އެކްސް އެމް ގެ ސްޓީވް ސްކެލީ ކުރެއްވި ކޮމެންޓަކާ ގުޅިގެން ކެނެޑީ ވިދާޅުވީ ރައީސް ޕޫޓިން ނޫނެކޭ ވިދާޅު ނުވާކަމަށެވެ.
އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ވާހަކަ ދައްކައިގެން ސުލްޙަވެރިގޮތެއްގައި މައްސަލަ ޙައްލު ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސުލްޙައިގެ ވާހަކަތަކެއް ވަނީ ބޭއްވިފައިވެސް މެއެވެ. ދެފަހަރެއްގެ މަތިން އެއްބަސްވުމަކަށް ރައީސް ޕޫޓިން އެއްބަސްވެ ވަޑައިގެން ސޮއިވެސް ކުރެއްވިއެވެ.
އެއީ މިންސްކް ގެ އަޙުދުނާމާއާއި 22 ގެ އެއްބަސްވުމެވެ. އެ ޙާލަތުގައި ރައީސް ޒެލެންސްކީގެ ބޮލަށް ވަދެގެން އެއްބަސްވުންތައް ބޮލާލާޖަހަން ބާރުއަލަމުންގެންދިޔައީ އެމެރިކާއިންނާއި ހުޅަނގުން ކަމަށެވެ.
ރަޝިޔާއިން ބޭނުންވީ ރަނގަޅުގޮތެއްގައި ދެބަސްވުންތައް ނައްތާލުމަށެވެ. އެ ފުރުސަތު ނަގާލީ އެމެރިކާއިންނެވެ. އެމެރިކާއިން މައްސަލަ ޙައްލުކުރާކަށްބޭނުމެއް ނުވިއެވެ.
ކެނެޑީގެ ވާހަކަފުޅަށް ރައްދު ދެއްވައި ސްޓީވް ސްކެލީ ދެން ހާމަކުރީ ކްރެމްލިން އިން ހިންގާ އަނިޔާވެރި ޖަރީމާތައް ހުއްޓާލައި ހިފާފައިވާ ބިންތަކުން ފޭބުމުން ކޮންމެ ވަގުތެއްގައިވެސް ހަނގުރާމަ ހުއްޓުމަކަށް ގެނެވިދާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން މިދިޔަ ހަފުތާގައިވެސް ހާމަކުރައްވިއެވެ.
އަދި އެކަމަށް ބާރު އަޅުއްވަމުން ގެންދަވާކަމެވެ. އެހެންނަމަވެސް ކެނެޑީ ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި މި ހަނގުރާމައިން އެނގި ފާޅުވެގެންދަނީ އެމެރިކާގެ ސިޔާސަތަށް ބޭރުގެ ނުފޫޒު ފޯރާފައިވާ މިންވަރެވެ. އެމެރިކާގެ އަމިއްލަ ވިސްނުމެއް ނުގެންގުޅެވޭ ކަމެވެ. އަދި މިއީ ބަޔަކު އަޑީގައި ތިބެގެން ކުރިއަށްގެންދާ ހަނގުރާމައެއް ކަމަށެވެ.
ކެނެޑީގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ ރަޝިޔާއިން ކުރަމުން ގެންދާ އަނިޔާވެރި ހަނގުރާމައަށް އެމަނިކުފާނުވެސް ނަފްރަތު ކުރައްވާ ކަށާއި އަދި އެ ހަނގުރާމަ ކުރިއަށް ގެންދަން އެއްބަހެއްވެސް ނުވާކަމަށެވެ. އެކަމަކު އަހަރެމެން ގަބޫލުކުރަންޖެހޭ ޙަގީގަތަކީ މިޙާލަތު އުފެއްދުމުގައި އެމެރިކާގެ ހިއްސާ ކުޑައެއް ނޫނެވެ. 1990 ގެ އަހަރުތަކުން ފެށިގެން އެމެރިކާގެ ސަރުކާރުން ގެންދަނީ އެކިގޮތްގޮތުން ރަޝިޔާއަށް ގޯނާކޮށް ޖެއްސުން ކުރަމުންނެވެ.
މިކަންތައް ހާމަވެގެންދާ ވީޑިއޯއެއް ޙިއްސާ ކުރުމާއިއެކު ކެނެޑީ ވިދާޅުވީ އަހަރެންގެ ބޮޑުބޭބެ ޖޯން އެފް. ކެނެޑީގެ ރިޔާސަތުގައި ރަޝިޔާގެ ރައީސް ކުރުސްޗްފް އާއިއެކު ދެބޭފުޅުން ސީދާ މަޝްވަރާކުރައްވާނެ ލައިނެއް ގާއިމްކުރެއްވިއެވެ.
ކެނެޑީ އެބޭފުޅާގެ ޑިމޮކްރެޓިކް ކެންޑިޑެންސީއާއި ބެހޭގޮތުން މީޑިޔާގައި ފާޅުކުރަމުންގެންދާ ފާޑުކިއުން ތަކާއިބޭހޭ ގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. ކޯވިޑް ވެކްސިނާއި ބެހޭގޮތުން އިދިކޮޅަށް އެންމެބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެއްގެގޮތުގައި އާންމު ރައްޔިތުންނާއި އެމެރިކާ ސަރުކާރާއި ބައިނަލް އަގްވާމީ މީޑިއާގެ އިތުރުން އަމިއްލަ ޢާއިލާގެ ފާޑުކިއުންތަކާވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.މިހުރިހާ ފާޑުކިއުން ތަކަކާއި އެކުވެސް ޑިމޮކްރެޓިކް ޕާރޓިން ވާދަކުރައްވާ ރައީސް ޖޯ ބައިޑްނަށްވުރެން ކެނެޑީ ވަނީ ކުރިހޯއްދަވާފައެވެ.
ސީރިއަސް އެކްސް އެމް ގައި ވާހަކަފުޅު ދައްކަވަމުން ކެނެޑީ ވިދާޅުވީ އެމަނިކުފާނާ އެއްކޮޅަށް ބަހެއް ބުނާނެ މެއިންސްޓްރީމް މީޑިއާއެއް ނެތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އަދި ވަރަށް ގިނަ އިދިކޮޅު ފާޑުކިއުންތައް އެމަކިފާނާއި ބެހޭގޮތުން ފާޅުކުރެވެމުންދާކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނާބެހޭ ގޮތުން ފާޅުކުރަމުންގެންދާ ވާހަކަތަކަކީ ޙގީގަތެއް ނޫން ކަމަށާއި ވަކިފަރާތްކަށް ބުރަނުވެ އެމަނިކުފާނުގެ ވާހަކަތައް އަޑުއަހަން އެދިވަޑައިގަންނަވާ ކަމަށެވެ. މެއިން ސްޓްރީމް މީޑިއާގެ މަގްސަދަކީ ދޮގުވާހަކަތައް ފަތުރައިގެން އަހަރެންގެ އަގުވައްޓާލައި އެއްފަރާތްކޮށްލުން ކަމުގައި ކެނެޑީ ވިދާޅުވިއެވެ.