މިލިއުމުން ސިޔާސީގޮތުން ކުރިއަރަށް ބޭނުންވާ ބޭފުޅުންނަށް ރަނގަޅު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރަމެވެ. އެކަމަކު އެ މަޢުލޫމާތު އަމިއްލަ ފައިދާއަށް ވިސްނައިގެން ބޭނުން ކުރެވިގެންނުދާނަމަ ރައްޔިތުންނަށް ނުވަތަ ސިޔާސީ ޕާރޓީއަށްވެސް ފައިދާއެއް ނުކުރާނެއެވެ.
ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންތަކުން ހެޔޮގޮތުގައި އިބްރަތް ލިބިގަތުމަކީ ބުއްދިވެރިންގެ ސިފައެކެވެ.
އިސްތަންބޫލުން ޚަބަރުދީފައިވާ ގޮތުގައި ތުރުކީގެ ޢާންމު އިންތިޚާބުގެ ނާކާމިޔާބަށްފަހު އަނެއްކާވެސް އިދިކޮޅު ޕާރޓީގެ ރިހޭ ފައިމައްޗަށް ފޯއި ވެއްޓެން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ.
ރޮއިޓާރސް އިން ބުނެފައިވާ ގޮތުގައި އިސްތަންބޫލްގެ ބާރުގަދަ މޭޔަރއަށް ކުރެވޭ ޓެންޑަރ-ރިގިންގ ތުޙުމަތުގެ މައްސަލައިގާ މިދިޔަ ބުރާސްފަތިދުވަހު ޝަރީޢަތް ފެށިއްޖެއެވެ.
އިސްތަންބޫލްގެ މޭޔަރ އިކްރާމް އިމާމޯގުލޫ އަކީ އިދިކޮޅު ޕާރޓިތަކުގެ ރަންތަރިއެވެ. އިސްތަންބޫލްގެ މޭޔަރ އިކްރާމްގެ މައްސަލައިގެ ޝަރީއަތް ފެށިފައިމިވަނީ އިދިކޮޅު ޕާރޓީތަކުގެ އުންމީދާއި ހުޅަނގުގެ ފުރިހަމަ ތާއީދާއެކުވެސް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާރޓީތަކުން ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.
މޭޔަރ އިކްރާމްގެ މައްސަލަ ސާބިތުވެއްޖެނަމަ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވުމާއެކު ސިޔާސީ ޙަޔާތުގައި މަރުތަޅު އެޅުވިގެންދާނެ ކަމަށް ބެލެވެއެވެ. 2022 ގައިވެސް ސަރުކާރުގެ އިސް ބޭފުޅުންގެ އަބުރާބެހުމުގެ މައްސަލައެއްގައި އެބޭފުޅާ އަށް ވަނީ 2 އަހަރުދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ.
ބުރާސްފަތި ދުވަހު ބޭއްވުނު މޭޔަރ އިކްރާމްގެ ޝަރީއަތް ދެން އޮންނާނީ މިއަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެހެންކަމުން މިއަންނަ އަހަރު މާރޗް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް އިންތިޚާބަށް ތައްޔާރުވުމުގައި މިހާރުވެސް ހިތް ހަލާކުވެފައިތިބި އިދިކޮޅު ޕާރޓީ ތަކުގެ ބޯމައްޗަށް ނަގާފައިއޮތް ބިޔަ ރާޅަކަށް މި މައްސަލަ ވެގެންދާނެއެވެ.
މި ދަނޑިވަޅުގައި ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާރޓީތަކުން ވާދަކުރެއްވި ކިލިޗްދަރޯލޫގެ ނާކިޔާބީގެ ސަބަބުން އެ ބޭފުޅާ އެއްފަރާތް ކުރުމަށާއި މޭޔަރ އިކްރާމްވެސް ހިމެނި ވަޑައިގަންނަވާ ރިޕަބްލިކަން ޕީޕަލްސް ޕާރޓީގެ ރިޔާސަތުންއެބޭފުޅާ ފޭބުމަށް ގޮވާ އަޑުތައްވެސް ދަނީ ގަދަވަމުންނެވެ.
ކިލިޗްދަރޯލޫ ކަނޑައެޅިގެން ޕާރޓީގެ ރިޔާސަތުން އިސްތިއުފާ ދެއްވާނެކަމަށް ވިދާޅު ނުވިޔަސް ތުރުކީ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާރޓީގެ އެންމެ އިސް މަގާމުގައި 13 އަހަރު ހޭދަކުރެއްވުމަށްފަހު އިސްތިއުފާ ދެއްވާނެކަމަށް ބެލެވެއެވެ.
މިކަމަށް އިޝާރަތް ކުރައްވާ މިދިޔަ އަންގާރަ ދުވަހު ޕާރލަމެންޓުގެ ބޭފުޅުންނަށް ވިދާޅުވެފާވަނީ “ ކަންބޮޑު ނުވާށެވެ. ބަދަލަކަށް ބޭނުންވާ މަގު އަހަރެން ފަހިކޮށްދޭނަމެވެ. އެކަމަކު އަމާން ބަނދަރަކާއި ހަމަޔަށް އޮޑި ގެންގޮސް ދިނުމަކީ ކަޕްޓަންގެ މަސްއޫލިއްތެއްތާއެވެ.“ މިއިން ހާމަވެގެން ދަނީ މިވަގުތު އެބޭފުޅާ އިސްތިއުފާ ދެއްވަން ތައްޔާރު ނޫންކަމެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކިލިޗްދަރޯލޫގެ ބަދަލުގައި އެމަގާމަށް އެންމެ އެކަށީގެންވަނީ މޭޔަރ އިކްރާމް އިމާމޯގުލޫ އެވެ. އަދި ބަދަލަކަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީވެސް އެބޭފުޅާއެވެ. ފާއިތުވެގެންދިޔަ ތިން ރިޔާސީ އިންތިޚާބުވެސް އަހަރެމެންނަށް ގެއްލިގެން ދިޔައީއެވެ.
އަބަދާ އަބަދު ގެއްލުނީ ގެއްލުނީ ކިޔަން އަހަރެމެންނަކަށް ދެން ނުތިބެވޭނެއެވެ. ރިޕޯރޓަރުންނާ ވާހަކަ ދައްކަވަމުން މިދިޔަ ހަފުތާގައި އޭނާ ވިދާޅުވިއެވެ. އިމާމޯގުލޫ ނޫނަސް ޕާރޓީގެ ބައެއް އެހެން އިސް ބޭފުޅުންވެސް ތިބީ ކިލިޗްދަރޯލޫ އިސްތިއުފާ ދެއްވާނެ ދުވަހަކަށް ބަލަބަލައެވެ.
އެއިން ކޮންމެ ބޭފުޅަކުވެސް އިންތިޒާރު ކުރަމުން ގެންދަނީ ޕާރޓީގެ ރިޔާސަތަށެވެ. އެގޭ ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައެންސް ޕްރޮފެސަރ ތަންޖޫ ތޯސުން ވިދާޅުވެފައިވަނީ ރިޕަބްލިކަން ޕާރޓިގެ އެތެރޭގެ ކޯލުންތަކުގެ ސަބަބުން ކުރިއަށް އޮތް ސަރަޙައްދީ އިންތިޚާބަށްވެސް ނުރަނގަޅު އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.
އަދި ޕާރޓީގެ އެތެރޭގެ މި ހަމަނުޖެހުން ކުރިއަށް ދާނަމަ ވެރިކަން ކުރާ އޭ. ކޭ.ޕާރޓީއަށް ސަރަޙައްދީ އިންތިޚާބު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ރައީސް އުރުދުޣާނުގެ އޭ ކޭ ޕާރޓީއަށް އިސްތަންބޫލްގެ ސަރަޙައްދީ އިންތިޚާބު 2019 ވަނައަހަރު ގެއްލިގެން ދިއުމަކީ 2002 ވަނަ އަހަރުއްސުރެން އެ ޕާރޓީއަށް ލިބުނު އެންމެބޮޑު ނާކާމިޔާބީއެވެ.
އުރުދުޣާނަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި އިމާމޯގުލޫގެ ޝަރީއަތަކީ ކޯޓު މެދުވެރިކޮށްގެން އެބޭފުޅާގެ ސިޔާސީ ކެރިއަރ ނިންމާލަން އުރުދުޣާން ކުރައްވާ މަސައްކަތެކެވެ. އޭ ކޭ ޕާރޓީން މި ވާހަކަތައް ދޮގުކުރެއެވެ.
އިމާމޯގުލޫގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ ކަމާލް ޕޮލާތު ވިދާޅުވަނީ މިއީ އެބޭފުޅާ ބޭލިކްޑުޒޫ އަވަށުގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެއްވެސް އަސްލެއްނެތި ސިޔާސީ ފަރާތްތަކުން ރާވައިގެން ކުރިމަތި ލައްވަން ޖެހުނުފަދަ ސިޔާސީ ކުޅިގަނޑަކަށްވެސް ވެދާނެއެވެ.
ސަބަބަކީ މައްސަލައިގާ ކޮށްފައިވާ ތުޙުމަތަކީ ސްޓޭޓް ކައުންސިލުން އުފުލާފައިވާ ތުޙުމަތު ތަކެއް ނަމަވެސް ޝަރުޢީ ގޮތުން ބަލާއިރު އެއްވެސް ބުރަދަނެއް ނެތް ތުޙުމަތެކެވެ.
އިމާމޯގުލޫގެ މޭޔަރު ކަމުގެ މުއްދަތު 2024 މާރޗަށް ހަމަވާނެއެވެ. އެހެންވީމާ އިސްތަންބޫލްގެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި އިދިކޮޅު ހުރިހާ ޕާރޓީ ތަކެއް ގުޅިގެން ކެންޑިޑޭޓަކު ނެރޭނީތޯ ނުވަތަ ވަކި ވަކި ކެންޑީޑޭޓުން ނެރޭނީތޯ މިއީ މިހާތަނަށް ޖަވާބު ނުލިބޭ ސުވާލެކެވެ.
އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި ކުރިމަތިލާން ޖެހުނު ނާކާބީއަށް ބަލާއިރު ހުރިހާ ޕާރޓީތައް އެކުވެގެން ކެންޑީޑޭޓަކު ނެރުމަކީ ނުވުން ކައިރި ކަމެކެވެ.
ރިޕޯރޓުތައް ބުނާގޮތުގައި މިފަހަރުގެ ސަރަޙައްދީ އިންތިޚާބުގައިވެސް ރިޕަބްލިކަން ޕާރޓީއާއި އަދި އައި ވައި އައި ޕާރޓީ އެކުވެގެން މަސައްކަތް ކުރުމުގެ އެދުން އައި ވައި އައި ޕާރޓީން ވަނީ ހުށައަޅާފައެވެ.
2019 ގެ އިންތިޚާބުގައި ރިޕަބްލިކަންގެ ފުރިހަމަ ތާއީދު އެ ޕާރޓީއަށް ލިބުނު ނަމަވެސް އެ ޕާރޓީން ކުރިމަތިލީ އެއްވެސް ދާއިރާއެއް ކާމިޔާބު ނުކުރެވި އުރުދުޣާންގެ އޭ ކޭ ޕާރޓީއަށް ލިބިގެން ދިޔައީއެވެ.
2019 ވަނައަހަރުގެ ސަރަޙައްދީ އިންތިޚާބުގައި ކުރުދީންގެ ގްރީން ޕާރޓީންވެސް ކެންޑީޑޭޓަކު ނެރުމުގެ ބަދަލުގައި ތާއީދުކުރީ ރިޕަބްލިކަން ޕަރޓީގެކެންޑިޑޭޓް އިމާމޯގުލޫއަށެވެ.
އެކަމަކު މިއަންނަ އަހަރުގެ ސަރަޙައްދީ އިންތިޚާބުގައި ގްރީން ޕާރޓީންވެސް ގަސްދު ކޮށްފައިވަނީ އަމިއްލަ ކެންޑިޑޭޓަކު ބައިވެރިކުރުމަށެވެ. އަދި ހަމަ އެފަދައިން ވައި އެސް ޕީ ޕާރޓީންވެސް އިސްތަންބޫލާއި އަންކާރާގެ އިންތިޚާބުގައި އަމިއްލައަށް ވާދަކުރަން ނިންމާފައިވާ ކަމަށް އެ ޕާރޓީގެ ވަރަށް އިސް ބޭފުޅަކު ކަމުގައިވާ މެރަލް ދާނިސް ބެސްތާސް ވަނީ ހާމަ ކުރައްވާފައެވެ.
އޭނާ ހާމަކުރައްވާފައިވާ ގޮތުގައި 2019 ގައި ޕަރޓީގެ ފަރާތުން ކެންޑިޑޭޓަކު ނުނެރުމުން ޕާރޓީގެ ތެރޭގައިވަނީ ހިތްހަމަނުޖެހުން ވަރަށް ބޮޑުވެފައެވެ. ވީމާ ކުރިއަށްހުރި އިންތިޚާބުތަކުގައި މިކަމާދޭތެރޭ ރަނގަޅަށް ވިސްނުމަށްފަހު ގޮތެއް ނިންމުން ވަރަށް މުހިންމެވެ.
One Response
ކޮންމެ ގައުމެއްގައި ހެދިޔަސް ކޯލިޝަނަކީ ސިޔާސީ މައިދާނަށް ތަޢާރުފް ވުމަށްޓަކައި ކުރާކަމެކެވެ. ވަކި ހިސާބަކުން އޭނާއަށްވުރެން މަ މާ މޮޅުކަމަށް ފެނުނީމާ ކޯލިޝަންގެ ބޭނުން ކެނޑެނީއެވެ. މިއީ ރައްޔިތުންނަށް ހެވެއް އެދިގެން ހަދާ ކޯލިޝަން ތަކެއް ނޫނެވެ.