މާލެ ސިޓީގެ ގެއެއްގައި ބަޔަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ކުޑަކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ދިވެހި ތިން ފިރިހެނަކު ރަހީނުކޮށްފައި ތިއްބައި, ފުލުހުން އެ ގެއަށް ގޮސް ބާރުގެ ބޭނުންކޮށްގެން ގެއަށް ވަދެ އެ މީހުން ސަލާމަތްކޮށްދިނީ އިއްޔެގައެވެ.
އެ މީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ހައްޔަރުކުރީ ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.
ފުލުހުން މިއަދު ބުނީ ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.