ރޮއިޓާރސް އިން ޚަބަރުދީފައިވާ ގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ޗައިނާއަށް ކުރައްވަން ރޭވިފައިވާ ދަތުރުފުޅުގެ ކުރިން ޗައިނާގެ ޚާރިޖީ ވަޒީރު އިއްޔެ އެމެރިކާގެ ޚާރިޖީ ވަޒީރަށް ފޯނުކުރައްވާފައި ޗައިނާގެ އެތެރޭގެ ސަލާމަތާ ރައްކާތެރިކަމުގެ ތެރެއަށް އަތްބާނައިގެން ތަޅުވާ ނުހަދަން ދަންނަވައިފިއެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިކަމަށް ޚާރިޖީ އޮފީހުން ހާމަކޮށްފައިވަނީ ތައިވާނުފަދަ ޗައިނާއަށް މުހިންމު މައްސަލަތަކުގެ ތެރެއަށް އެމެރިކާ ނުވަދެ ޗައިނާގެ ސިޔާސަތަށް އިޙުތިރާމް ކުރަން ދުނިޔޭގެ ސުޕަރ ޕަވަރެއްގެ ޙައިސިއްޔަތުން އެމެރިކާއަށް އެނގެން ޖެހޭނެކަމަށް ވެސް ބްލިންކަންއަށް ދެންނެވުނު ކަމަށެވެ.
މި ފޯންކޯލްއާއި ބެހޭގޮތުން އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ އޮޅުންބޮޅުމާއި ދެބަސްވުންތައް ނެތި ކުރުމަށްޓަކައި ވާހަކަދައްކަން ޖެހޭނެކަމަށާއި އެމެރިކާއިންވެސް އެމީހުންގެ ކަންބޮޑުވުން ހުރި މައްސަލަތަކާއި އަދި ޗައިނާއާއިއެކު ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތައް ހޯދުމަށް މަސައްކަތް ކުރަން ބޭނުން ކަމަށެވެ.
ބްލިންކަންގެ ދަތުރުފުޅު ހަމަޖެހިއްޖެނަމަ އެ ދަތުރުފުޅު ވެގެންދާނީ ފާއިތުވެގެން މިދާ ފަސް އަހަރުދުވަހުގެ ތެރޭގައި އެމެރިކާގެ އެންމެ އިސް ޑިޕްލޯމެޓް އަދިޗައިނާގެ ޖާސޫސީ ފުއްޕާހަމާއި ސެމީކޮންޑަކްޓަރުގެ މައްސަލާގައި ދެގައުމުގެ ނުތަނަވަސްކަން އިންތިހާއަށް ގޮސްފައިވާ ދަނޑިވަޅެއްގައި ބައިޑްން ސަރުކާރުގެ އެންމެ އިސްވެރިއަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ފަހަރު ކަމުގައެވެ.
ޗައިނާގެ ޚާރިޖިއްޔާއިން ބްލިންކަންގެ ދަތުރުފުޅާބެހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެމެރިކާއިން ބުނެފައިވަނީ މިމަހު 18 ވަނަދުވަހު އެމަނިކުފާނު ބެއިޖިންގަށް ވަޑައި ގަންނަވާނެކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގައިވެސް ބްލިންކަން ޗައިނާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހުނެވެ. އެހެންނަމަވެސް ޗައިނާގެ ޖާސޫސީ ފުއްޕާހަމުގެ މައްސަލާގައި އުފެދުނު ދެބަސްވުމުގެ ތެރޭން އެ ދަތުރުފުޅު ނުކުރައްވާ ގޮތަށް ނިންމެވީއެވެ.
މީގެ އިތުރުން ތައިވާނަކީ ޗައިނާގެ ބައެއްކަމަށް ޗައިނާ ބުނަމުން ގެންދާއިރުވެސް އެމެރިކާއިން ތައިވާނުގެ އަމިއްލަ ވަންތަކަމަށް ބާރު އެޅުމަކީވެސް ދުނިޔޭގެ އެންމެބާރުގަދަ ދެ އިގްތިސާދުގައި ބޮޑެތި ދެބަސަވުން ތަކެއް އުފެދިފައިވާ މައްސަލަ އެކެވެ.
މިއަހަރު ފެށުނީއްސުރެން އެމެރިކާއާއި ޗައިނާގެ ގުޅުން މިއޮތީ މާބޮޑަށް ގޯސްވެ އިތުރު ގޮންޖެހުންތަކާއި ގިރާކުރަން އުދަނގޫ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ބްލިންކަންއަށް ދެންނެވިކަމަށް ވެއެވެ.