ލ.ގާދޫގެ ވެލާހޭޅި ސަރަހައްދު ބަލަހައްޓައި ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އެ އެޖެންސީއާއި ރާއްޖޭގައި ވެލާކަހަނބު ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) ގުޅިގެން ގާދޫގެ ވެލާހޭޅި ސަރަހައްދު ބަލަހައްޓައި ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ލ.އަތޮޅު ކައުންސިލާއި ލ.ފޮނަދޫ ކައުންސިލް އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން އެ ސަރަހައްދުގައި ވެލާ ކަހަނބު ބިސްއަޅާ މިންވަރާއި ބިސްވަޅުތަކުން ބިސް ވަގަށްނަގާ މިންވަރު ދިރާސާކޮށް ވެލާ ކަހަނބާމެދު އާންމުންގެ މެދުގައި އަހުލުވެރިކަން އިތުރުކުރުމަށް ޚާއްސަ މުވައްޒަފެއް ހަރަކާތްތެރިވަމުންދާނެ ކަމަށް އީޕީއޭއިން ބުންޏެވެ.
އަދި ވެލާ ކަހަނބާބެހޭ ތައުލީމާއި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ފޮނަދުއާއި ގަމަށް ޚާއްސަކޮށްގެން ހިންގުމަށް ރޭވިފައިވާ ކަމަށް ވެސް އީޕީއޭއިން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން:
ގާދޫ ސަރަހައްދުގައި ވެލާ ހިފުމާއި ވެލާބިސް ނެގުން ހުއްޓުވުމަށް އެ ސަރަހައްދުގެ ރައްޔިތުންނާއެކު ޚާއްސަ މަސައްކަތްތަކެއްކޮށް ތިމާވެށީގެ ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރެވިގެންދާނެ.
އީޕީއޭއާއި އޯއާރްޕީގެ ފަރާތުން ޒަމާނުއްސުރެ ގާދޫގައި ވެލާހޭޅި ބަލަހައްޓަމުންދިޔަ ގޮތުގެ ތާރީޚީ ދިރާސާއެއްކޮށް މިހާރު އެ ރަށުގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓައި މެނޭޖުކުރުމުގައި ކުރީގެ ގާދޫގެ ރަށްވެހިންގެ ޚިޔާލު ހޯދުމުގެ މަސައްކަތްތަކެއް ކުރެވިގެންދާނެ.
މި ޕްރޮޖެކްޓަކީ ޔޫއެންޑީޕީ “ޖެފް ސްމޯލް ގްރާންޓްސް“ ލ.އަތޮޅު ސިކްސް ސެންސަސް ރިޒޯޓްގެ އެއްބާރުލުމާއެކު ކުރިއަށްގެންދެވޭ ޕްރޮޖެކްޓެއް ކަމަށް އީޕީއޭއިން ބުންޏެވެ.
ގާދުއަށް ވެލާއަރާ މިންވަރަށް ބަލާއިރު 1983 ގައި ކޮށްފައިވާ ދިރާސާއަކުން އެ އަހަރު އެކަނި އެ ރަށުގައި 283 ވެލާ ބިސްވަޅު ރިކޯޑު ކުރެވިފައިވެއެވެ.
އަދި 2015 ވަނަ އަހަރު އޭރުގެ މެރިން ރިސާރޗް ސެންޓަރުން ކޮށްފައިވާ ދިރާސާއެއްގައި އެ އަހަރު އެ ރަށުން 142 ވެލާ ބިސްވަޅު ރިކޯޑު ކުރެވިފައިވެއެވެ.
2018-2019 އަހަރު ދިއޮލިވް ރިޑްލީ ޕްރޮޖެކްޓްއިން ކުރި ދިރާސާއަކުން ގާދޫގައި 130 އަށްވުރެ ގިނަ ވެލާ ބިސް އެޅުމަށް އަރާފައިވާކަމަށް ރިކޯޑް ކުރެވިފައިވާއިރު, އޭގެ %61 ބިސްވަޅު ކޮނެ ބިސްނަގާފައިވާކަން ވަނީ ރިކޯޑުކުރެވިފައެވެ.
ގާދޫގެ ރަށްވެހިން ފޮނަދުއަށް ބަދަލުކުރީ 2015 ވަނަ އަހަރުއެވެ. އެ ހިސާބުން ފެށިގެން އެ ރަށުގެ ކަންކަން ބަލަހައްޓަމުން އައީ ހައްދުންމަތީ ކައުންސިލާއި އަތޮޅުގެ އަމިއްލަ ޖަމާއަތްތައް ގުޅިގެންނެވެ. ނަމަވެސް 2021 ވަނަ އަހަރު ގާދޫ ވަނީ އެގްރޯ ނެޝަލަން ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.
ގާދޫގެ ތިމާވެށީގެ ޚާއްސަ ސިފަތަކަކާއި ތާރީޚީ ޚާއްސަކަމަށް ރިއާޔަތްކޮށް ރަށުގެ ވެލާހޭޅިއާއި ވަށައިގެންވާ މޫދުވިނައިގެ ސަރަހައްދުގެ އިތުރުން ރަށުގައިވާ ކުޅީފާ ސަރަހައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނޫ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި 23 ޑިސެމްބަރު 2022 ގައި ކަނޑައަޅާފައެވެ.