މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ”ވަރލްޑް ޔޫތް ސްކިލްސް ޑޭ“ ގައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ނިންމަވައިފިއެވެ.
ރައީސް މި ގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު އެ މަޖިލީހުން އެރުވި ލަފާފުޅުގެ މަތިންނެވެ.
”ވަރލްޑް ޔޫތް ސްކިލްސް ޑޭ“ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 15 ވަނަ ދުވަހުގައެވެ.
މި ދުވަސް ފާހަގަކުރަނީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްގީ ކުރުމާއި އައު ހުނަރުތައް ދަސްކުރުމަށް ބާރުއަޅައި ހުނަރުވެރި ގާބިލު ޒުވާނުން ވަޒީފާއަށް ނުކުންނަ ނިސްބަތް އިތުރުކުރުމުގެ ގޮތުން އ.ދ.ގެ އާންމު މަޖިލީހުން 2014 ޑިސެންބަރު 18 ގައި ފާސްކޮށްފައިވާ ގަރާރާ ގުޅިގެންނެވެ.
މި ގަރާރު ފާސްކޮށްފައިވަނީ ދުނިޔޭގެ ވަޒީފާގެ ބާޒާރުގައި ހުނަރުވެރި ޒުވާނުން ނިސްބަތުން މަދުވެ ވަކިން ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގައި ވަޒީފާ އަދާނުކުރުން އިންތިހާއަށް އިތުރުވުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރެއްގައި މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
ގައުމީ ފެންވަރެއްގައި ”ވޯލްޑް ޔޫތް ސްކިލްސް ޑޭ“ ރާއްޖޭގައި ފާހަގަކުރަން ފެށުމުން މަސައްކަތުގެ މާހައުލަށް ބޭނުންވާ ޒުވާނުން ނެރުމަށް ބާރު އެޅިގެންދިއުންފަދަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.