ޗައިނާގެ ގުޅުމުގައި ހުޅަނގުގެ ކަންބޮޑުވުންތަކަށް ފަރުވާލެއް ނެތް - ސަޢޫދީ

Loading

Facebook
Twitter
WhatsApp

ސަޢޫދީގެ ކެޕިޓަލް ރިޔާޒުން ޚަބަރު ދީފައިވާގޮތުގައި މިދިޔަ އާދީއްތަ ދުވަހު ސަޢޫދީ އެރޭބިޔާގެ ހަކަތައާއި ބެހޭ ވަޒީރު ޕްރިންސް އަބްދުލް އަޒީޒު ބިން ސަލްމާނު ޢިއުލާން ކުރައްވާފައިވަނީ ސަޢޫދީ އެރޭބިޔާއާއިން ބޭނުންވަނީ ޗައިނާއާއި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށެވެ. 

އަދި ސަޢޫދީ އެރޭބިޔާއާއި ޗައިނާގެ ގުޅުމާއިމެދު އެމެރިކާ އާއި ހުޅަނގުން ޝައްކުގެ ނަޒަރުން ބަލަމުން ގެންދިއުމަކީ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ.

ދުނިޔޭގައި އެންމެގިނައިން ތެޔޮ އެކްސްޕޯރޓް ކުރާ ގައުމުގެ ޙައިސިއްޔަތުން ސަޢޫދީ އެރޭބިޔާއިން ދުނިޔޭގައި އެންމެ ގިނައިން ހަކަތަ ބޭނުންކުރަމުންގެންދާ ގައުމު ޗައިނާއާއިއެކު ގުޅުން ބަދަހިކޮށް މިހާރުމިވަނީ ހައިޑްރޯކާބަންގެ ނަގިއްޔަކުން ނަގިލިލައި ބަނދަރު ކުރެވިފައެވެ.

އަދި ސިޔާސީގޮތުން ގުޅުން ބަދަހި ވަމުންދާއިރު ސެކިއުރިޓީއާއި އަދި ވަރަށް މުހިންމު ޓެކްނިކަލް ދާއިރާތަކުންވެސް މިގެންދަނީ ގުޅުން ބަދަހި ކުރަމުން ކަމުގައި ވިދާޅުވިއެވެ. މިއީ އެމެރިކާއިންވެސް ކަންބޮޑުވުން ފާޅުކުރާ ކަމެއްކަންވެސް އެނގޭކަމަށެވެ.                  

ޢަރަބް ޗައިނާގެ އިގްތިސާދީ ބައްދަލުވުމެއްގައި ސައޫދީ- ޗައިނާގެ ގުޅުމާއިދޭތެރޭ އުފެދިފައިވާ ފާޑުކިއުންތަކާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން އަބްދުލް ޢަޒީޒް ބިން ސަލްމާން ވިދާޅުވީ ވިޔަފާރި ވެރިއެއްގެ ޙައިސިއްޔަތުން ވިޔަފާރިވެރިން ދާނީ ވިޔަފާރީގެ ފުރުސަތު އޮތަތްނަކަށެވެ. 

މީހުންގެ ފާޑުކިއުންތައް އަޑުއަހާކަށް އަހަރެންނަކަށް ވަގުތެއް ނެތެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ސަޢޫދީ އެރޭބިޔާއަށް ޒިޔާރަތް ކުރެއްވިތާ ކުޑަދުވަސްކޮޅެއް ފަހުން ބޭއްވުނު އަރަބް-ޗައިނާގެ އިދްތިސާދީ ބައްދަލުވުމުގައި ޗައިނާގެ އެތައްބައިވަރު އިންވެސްޓަރުން ވަނީ ބައިވެރި ވެފައެވެ.                                          

ސަޢޫދީ އެރޭބިޔާއަކީ ޗައިނާއަށް އެންމެގިނައިން ސާފުނުކުރާތެޔޮ އެކްސްޕޯރޓް ކުރާގައުމު ކަމަށްވުމާއިއެކު އެކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ސަޢޫދީގެ ތެޔޮކުންފުނި އަރާމްކޯއިން ވަނީ އެތައްބިލިއަން ޑޮލަރުގެބިޔަ 2 އިންވެސްޓްމެންޓް މިދިޔަ މާރޗް މަހުގެ ތެރޭގައި ޢިއުލާން ކޮށްފައެވެ.

އެއީ މިދިޔަ ޑިސެމްބަރުމަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ސަޢޫދީ ޢަރަބިޔާއަށް ޒިޔާރަތް ކުރެއްވުމުގައި އެމެރިކާ ޑޮލަރުގެމައްޗަށް ބުރަވުން ކުޑަކޮށް ތެލުގެ އަގު ޗައިނާގެ ފައިސަ ޔުއާނުން އަދާކުރާގޮތަށް ގޮވާލެއްވުމަށްފަހު ސަޢޫދީން ޢިއުލާންކުރި އެންމެ ބިޔަ މަޝްރޫއުތަކެވެ.

ޗައިނާއިން ތެޔޮ ގަތުން މިހާރުވެސް އިތުރު ވަމުންދާއިރު އަހަރެމެންވެސް އެމީހުން ބޭނުންވާ ގޮތަށް ބައެއް ކަންތައް ދީލާލަން ޖެހޭނެކަމަށް އަބްދުލް އަޒީޒް ބިން ސަލްމާނު ވިދާޅުވިއެވެ. 

އޭގެ މާނައަކީ ޗައިނާއާއި އެއްހަމައިގާ ފައިތިލަ ސާބިތު ކުރުމެއްނޫނެވެ. ޗައިނާއާ އެކުގައި ކުރިއަށް ދިއުމެވެ. އަހަރެމެންގެ މި ވިސްނުމުގެ ސަބަބުން ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކުން ޗައިނާއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް މިހާރު ވަނީ ކާމިޔާބީ އާއިއެކު ނިންމާލެވިފައެވެ.                                                   

ސަޢޫދީ އެރޭބިޔާގެ އިންވެސްޓްމެންޓްތަކާބެހޭ ވަޒީރު ޚާލިދު އަލް ފާލިޙް ވިދާޅުވީ މިހާރު ވެވޭ ކޮންމެ އެއްބަސް ވުމެއްގައިވެސް ތެލުގެ މައްޗަށް ބަރޯސާނުވެ އަލަށް ތަޢާރުފް ކުރެވެމުންދާ ގަލްފުގެ ގައުމުތަކުގެ އިންޑަސްޓްރީތައް ޙިމާޔަތް ކުރެވެން ޖެހޭނެއެވެ.

އަދި އެ އިންޑަސްޓްރީ ތަކުގެ އުފެއްދުންތައް އެކްސްޕޯރޓް ކުރެވޭނެ މަގު ތަނަވަސްވެފައި އޮންނަން ވެސް ޖެހޭނެއެވެ.                               

10 ވަނަ އަރަބް-ޗައިނާ އިކޮނޮމިކް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފެރެންސުގެ ވައިސް ޗެއަރމަން ހޫ ޗުންހުއާ ވިދާޅުވީ ޢަރަބިންގެ ވިޔަފާރިއަށް ޗައިނާއިން އަބަދުވެސް އެހީތެރިވެ ދޭނެ ކަމަށެވެ.

އަދި ޗައިނާގައި އިންވެސްޓް ކުރާ ޢަރަބި ވިޔަފާރިވެރިންނަށް ބޭނުންވާ ހުރިހާ މަދަދެއް ފޯރުކޮށްދެވޭނެ ކަމަށާއި އަރަބި ގައުމުތަކުގައި އިންވެސްޓް ކުރާ ޗައިނާގެ ވިޔަފާރިތައް ކުރިއެރުވުމަށްވެސް ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބި ދެއްވާނޭކަމަށެވެ.      

Loading

2 Responses

  1. ތިހެދީ ރަނގަޅަށް. އެމެރިކާޔަކީ ދުނިޔެއަށް އޮތް ބިރުވެރިކަމެއް އަދި ހަލާކެއް. ހަމަ އެހެންމަ ޔޫރަޕްގެ ގިނަގައުމުތަނުންވެސް ބޭނުންވަނީ އިސްލާމުން އަތުން މަކަރާ ޙީލަތުން ފޭރުމެވެ. މާލަހުން ރެޔަކާލިޔަސް ދެން ކުރިއަށް އޮތްތަނުގައި އުންމަތަށް ފައިދާ ކުރާނެކަމަށް ދެކެމެވެ.

  2. އިސްލާމީ ގައުމުތަކުގެ މެދުގައި ހުޅަނގުން އަށަގަންނުވާފައިއޮތް ދެކޮޅުވެރިކަން ނައްތާލެވި އެކުވެރި މާހައުލެއް ގާއިމްކުރެވި އިސްލާމުންގެ ކޮމަން މާރކެޓެއް އުފެދިއްޖެއްޔާ އަނެއްކާވެސް ދުނިޔޭގައި ބަސްކިއުން އިސްލާމުންގެ އަތްމައްޗަށް އަންނާނެ ކަން ހުޅަނގުގެ ވެރިންނަށް އެނގެއެވެ. އަދި އެއީ އެމީހުންގެ ލަގޮނޑިއަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވާނެއެވެ. އިމާމް ޚާމަނާއި ކަހަލަ ހުޅަނގުން ބުނާ ކޮންމެ ވާހަކައެއް ގަބޫލުނުކުރާ އިސްލާމީވެރިންތަކެއް އުފެދުމުން އިސްލާމީ އުންމަތަކީ ހަމައެކަނި ބުނާބަސް ގަބޫލުކުރަން ތިބި ބައެއް ނޫންކަމާއި ބަސްބުނުމުގެ އާރާއި ބާރުވެސް ލިބިފައިވާ ބައެއްކަން ފާޅުވެ ހާމަވެގެންދާނެއެވެ. އެ ދުވަހަކަށް އެދި ދުއާކުރުމުގައި ދެމި ތިބެމާ ހެއްޔެވެ !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް