ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދެކޮޅު ހައްދަވާތީ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާ މެންބަރުންނަށް އަންގަވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައެވެ.
މިއަދުގެ ޖަލްސާ ފަށްޓަވަމުން އަމީންއާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާއިރު ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށެވެ. އެހެންކަމުން އިއްޔެ ފޮނުއްވި ސިޓީއަކުން އެކަން ރައީސް ނަޝީދަށް ދަންނަވާފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
ނަމަވެސް އެމަނިކުފާނު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާމެދު ވަކި ގޮތެއް ކަނޑައަޅާ ނުނިމެނީސް, މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާކުރާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން އެމަނިކުފާނު އިއްޔެ ފޮނުއްވި ސިޓީގައި އަންގަވާފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާމެދު ގޮތެއް ކަނޑަނޭޅެނީސް މިވަގުތު މި ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ނިއުޝާ ވަނީ އިއުލާނު ކުރައްވައިފައެވެ.