ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފުރަތަމަ ފަސް އަހަރު ދުވަހުގެތެރޭގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
ޖޭޕީގެ ލީޑަރު ޤާސިމް މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އޭނާއަށް އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ޖަލްސާގައި ޤާސިމް ވަނީ ގައުމާމެދު އޭނާ ގެންގުޅުއްވާ ތަސައްވުރާއި ވެރިކަން ލިބިވަޑައިގެންފިނަމަ ކުރައްްވާނެ ކަންކަމުގެ މެނިފެސްޓޯއެއް އާންމު ކުރައްވައިފައެވެ.
ޤާސިމް ވިދާޅުވީ އޭނާގެ ޒައާމަތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް 3 ބިލިއަން ރުފިޔާ ހޭދަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި 500 ސްމޯލް ބިސްނަސް ލީޑަރުން އުފައްދަވާނެ ކަމަށާއި އަދި ފަސް އަހަރުތެރޭގައި ރާއްޖޭގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށެވެ.
މީގެއިތުރުން ފުރަތަމަ ތިން އަހަރުތެރޭގައި ދައުލަތުގެ ދަރަނި, ޖީޑީޕީގެ %120 އިން %90 އަށް ތިރިކޮށް ދައުލަތުގެ ޚަރަދު, ޖީޑީޕީގެ %35 ގައި ހިފަހައްޓައި ދައުލަތުގެ އާމްދަނީ ޖީޑީޕީގެ %30 އަށް މަތިކުރާނެ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ. އަދި ސަރަހައްދީ ތަރައްގީ ގެނައުމަށްޓަކައ ހަތް ސަރަހައްދަކަށް ބަހާލައި އުތުރާއި ދެކުނުގައި އިގުތިސާދީ ހަބްތަކުގެ ގޮތުގައި ދެ މަންޒިލެއް ގާއިމުކުރާނެ ކަމަށް ވެސް މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވިއެވެ.
ޤާސިމް ވަނީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ކަންކޮޅުތަކުގައި މަދުވެގެން 20,000 ހައުސިންގ ޔުނިޓު ހަދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
One Response
ގާސިމު ދައުލަތުން ބަދަލު ހޯދައިފާ ބާކީ ވާނެތޯއެވެ. މިހާރުވެސް އިބޫގެ ވެރިކަމުގައި އެވަނީ ދައުލަތުން 830 މިލިއަން ރުފިޔާގެ ބަދަލު ނަގައިފައެވެ. އެއީ މީނާ ދައުލަތައް ކުލިނުދައްކާ އަދި ތަރައްގީ ނުކޮށް ހިފަހަށްޓައިގެން އުޅޭ ބިންބިމާ ރައްތަކާއި ފަޅުތަކެވެ. ވީއިރު މީނާ ކޮން މިލިޔަނަރެއް ރާއްޖޭގައި އުފެއްދެނީ؟ ބުނެބަލަ އޭނަ ކައިރީ މަސައްކަތެއް ޢުމުރުދުވަހަށް ކޮށްދީފާވާ މީހަކަށްވެސް ވިޔާފާރީގެ ފުރުސަތު މީނާ ހޯދައިދީފަވޭތޯއެވެ. ނުވިތާކަށް ކޮވިޑްގެ ދަތިދުވަސްވަރުވެސް ކަންކުރި ދެރަވަރުގޮތް މުޢައްޒިފުން މީސްމީޑިޔާގައި އެކިޔައިދެނީއެވެ. ދެރައީ ހިތް ނުފުރޭތީއެވެ. ދެން މިގައުމުގެ ވެރިކަމަށް ހަމަ މޮންމެ މީހެއް އޯކޭ އެއް ނޫނެވެ. އެފަދަ ތައުލީމީ ވެރިކަމުގެ ތަޖުރިބާކާރު ދައުލަތް ނުފޭރޭނެހެން އެންމެބޮޑަށް ގަބޫލުކުރެވޭ މީހަކު އިޚުތިޔާކުރަމާ ބަހީއެވެ. އަބަދުވެސް ކިންގްމޭކާރ އަކީ ރައްޔަތުންކަން ދަންނަމާ ހިނގާށެވެ.