180 އަހަރުވީ ސިންގަޕޯރުގެ އަސްދުއްވާ ރޭސްކޯސް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުގެ މި ނިންމުން ވެގެންދިޔައީ އަސްދުއްވުމަށް ލޯބިކުރާ މީހުންނަށް ވަރަށް ބޮޑު ހިތްދަތިކަމަކާއި އަދި ރުޅިވެރިކަން ގެނެސްދިން ނިންމުމަކަށެވެ.
ސިންގަޕޯރުގެ ޓާރފް ކްލަބުން ހާމަކުރިގޮތުގައި އެތަނުގައި ބޭއްވޭނެ އެންމެފަހުގެ މުބާރާތް 100 ވަނަ ސިންގަޕޯރ ގޯލްޑް ކަޕް އޮންނާނީ މިއަންނަ އަހަރު އޮކްޓޯބަރު މަހުގައެވެ.
ސިންގަޕޯރ ޓާރފް ކްލަބު އުފެއްދީ 1842 ވަނައަހަރު ސްކޮޓިސްއަށް ނިސްބަތް ކުރެވޭ ވިޔަފާރިވެރިއެކެވެ. އޭނާއަކީ އަސްދުއްވުމަށް ވަރަށް ލޯބިކުރިމީހެކެވެ. ސިންގަޕޯރުގެ ބުކިޓް ޓިމާހ އަވަށުގައި ކުރިންހުރި ރޭސްކޯސްގެ ބަދަލުގައި މިހާރު ބޭނުންކުރާ ރޭސްކޯސް ކްރަންޖި އަވަށުގައި ހުޅުވުނީ 2000 ވަނަ އަހަރުގައެވެ.
ސިންގަޕޯރ ޓާރފް ކްލަބުގެ ރައީސް ނިއާމް ޗިއާންގް މެންގް ގެ ޕްރެސް ރިލީޒެއްގައި ބުނެފައިވަނީ ސަރުކާރުން ރޭސްކޯސް ބަންދުކުރަން ނިންމުމުން ވަރަށް ބޮޑު ހިތްދަތިކަމެއް ލިބިއްޖެ ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުގެ ނިންމުމަކީ ރަނގަޅު ނިޔަތެއްގައި ނިންމި ނިންމުމެއްކަމަށް ބަލާގަންނަ ކަމަށެވެ. އެސް ޓީ ސީން ގަބޫލުކުރާ ގޮތުގައިވެސް ރޭސްދުއްވާތަން ބަލަން ވަންނަ މީހުންގެ އަދަދު ދަނީ މަދުވަމުންނެވެ. 2010 ވަނައަހަރު 11000 މީހުން ރޭސް ދުއްވާތަން ބަލަން ވަން ނަމަވެސް އެ އަދަދު ވަނީ 2019 ގައި 6000 އަށް ވެއްޓިފައެވެ.
އަދި އިނާމަށް ލިބޭ ފައިސާވެސް އަންނަނީ މަދުވަމުންނެވެ. ކުރިން އެންމެ ގަދަޔަށް ފޯރީގައި ޖައްސާފައިހުރި ސިންގަޕޯރ އެއަރލައިން އިންޓަރނޭޝަނަލް އާއި ސިންގަޕޯރ އެއަރލައިން ކްރިސް ފްލައިޔަރ އިންވެސް މިހާރު ވަނީ ބައިވެރިވުން ހުއްޓާލާފައެވެ. އެހެންނަމަވެސް އަސް ރޭސް ދުއްވަން ލޯބިކުރާ މީހުންގެ ޝަކުވާއަކީ އެމީހުންނާއި މަޝްވަރާ ނުކޮށް ސަރުކާރުން އެތަން ބަންދުކުރަން ނިންމުމެވެ.

ސިންގަޕޯރ ސަރުކާރުން ރޭސްކޯސް ބަންދުކުރަން ޖެހުނު ސަބަބެއްކަމުގައި ބުނެފައިވަނީ ސިންގަޕޯރަކީ ބިން ބޭނުންވެފައިވާ ގައުމަކަށްވެފައި ގެދޮރު އެޅުމަށް އެ ބިން ކޮންމެހެންވެސް ހުސްކުރަން ޖެހުމެވެ.
އާންމު ރައްޔިތުންނަށް ގެދޮރުގެ ބޭނުން އިންތިހާއަށް ބޮޑުވެފައިވާއިރު އެކަން އެއްފަރާތް ކޮށްފާ 300 އޭކަރުގެ ބިމެއް ރޭސްކޯސް އެއްގެ ގޮތުގައި ބޭއްވޭކަށް ނެތްކަމަށެވެ.
ސިންގަޕޯރުގެ މާލީ ވުޒާރާއާއި ނޭޝަނަލް ޑިވެލޮޕްމެންޓާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސިންގަޕޯރުގައި ޢާންމު ރައްޔިތުންގެ ބޭނުންތަކަށް ބިންބޭނުންވެފައިވާލެއް ބޮޑުކަމުން މިއަދުގެ ދަރިންނަށާއި އަދި އަންނަންއޮތް ޖީލުތަކަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި ބިން ރައްކާތެރި ކުރުމަކީ ސިންގަޕޯރުން ވަރަށް ދުރާލާ ރާވަމުންގެންދާ މަޝްރޫއެކެވެ.