އޭޝިޔާގެ ނުވަ ގައުމަކުން ސްވިފްޓް ނޫން އެހެން ގޮތެއް ހޯދަނީ

Loading

June 5, 2023
profile
Facebook
Twitter
WhatsApp


އީރާނުގައި އެންމެފަހުން ބޭއްވުނު އޭޝިއަން ކްލިއަރިންގ ޔުނިއަން ( އޭ ސީ ޔޫ ) ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ ފައިސާގެ މުޢާމަލާތު ތަކުގައި މިހާރު ބޭނުންކުރަމުންގެންދާ ބައިނަލް އަގްވާމީ ނެޓްވާރކް އެމެރިކާގެ SWIFT ބަދަލުގައި އެހެން ނިޒާމެއް ތަޢާރުފްކުރަން އެއްބަސް ވެއްޖެއެވެ. 

އޭ ސީ ޔޫ ގެ މެމްބަރުންގެ ތެރޭގައި ބަންގްލާދޭޝް އާއި ބޫޓާނާއި މިޔަންމާރާއި ދިވެހިރާއްޖެއާއި އިންޑިއާއާއި ޕާކިސްތާނާއި ނޭޕާލާއި ސްރީ ލަންކާ އަދި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އިރާނުގެ މަރްކަޒީ ބޭންކު ހިމެނެއެވެ.

އޭ ސީ ޔޫގެ ގައުމުތަކުން މިގޮތަށް ނިންވާފައިވަނީ ސްވިފްޓްގެ ޚިދުމަތް ހުރިހާ ގައުމަކަށް ނުލިބޭތީއާއި އަދި އެ ނިޒާމު ބޭނުންކުރުމުގައި ހޭދަކުރަންޖެހޭ އަގު ބޮޑުވުމުން މި ޖަމާޢަތުގެ ތެރޭގައި ހިމެނޭ ގައުމުތަކުން ކުރަމުންގެންދާ ފައިސާގެ މުޢާމަލާތު ތަކުގައި އަމިއްލަ ނިޒާމެއް އޮތުން ރަނގަޅުކަމަށް ގަބޫލުކުރެވޭތީއެވެ. ބައެއްފަހަރު ސިޔާސީ ހަތިޔާރެއްގެ ގޮތުގައިވެސް އެމެރިކާއިން ސްވިފްޓް ބޭނުން ކުރުން ހުށްޓުވައި ގައުމުތަކުގެ ފައިސާ އާއި އެސެޓްސް ފްރީޒް ކުރަމުން ގެންދެއެވެ. 

އީރާނުގެ މަރްކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރްނަރ މުޙުސިން ކަރީމީ ވިދާޅުވީ އޭ ސީ ޔޫ ގެ ގައުމުތަކުގެ ބޭންކިންގް މުޢާމަލާތު ތަކުގައި ބޭނުންކުރާނެ ނިޒާމެއް މިހާރު ވަނީ ތައްޔާރު ކުރެވިފައެވެ. އެހެންނަމަވެސް އެ ނިޒާމުގެ ތަފުސީލް އަދި ހާމައެއް ނުކުރެއެވެ.                                   

މި ބައްދަލުވުމުގައި ރަޝިޔާގެ މަރްކަޒީ ބޭންކުގެ ގަވަރްނަރ ބައިވެރިވެ ވަޑައިގަތެވެ. އަދި އޮބްޒާވަރުންގެ ހައިސިއްޔަތުން އަފްޣާނިސްތާނާއި ބެލަރޫސްގެ އޮފިޝަލުން ބައިވެރިވެ ވަޑައިގަތެވެ. އަދި މިދިޔަ ހަފްތާގައި މޮރިޝަސް އާއި ބެލަރޫސުން ވަނީ އޭ ސީ ޔޫގެ މެމްބަރުންނަށް ވުން އެދި ހުށައަޅާފައެވެ.                

އިރާނުގެ މަރްކަޒީ ބޭންކުގެ ގަވަރްނަރ މުޙަންމަދު ރިޒާ ފަރްޒީން ވިދާޅުވީ މި ޖަމާޢަތަށް އިތުރު ބައިވެރިން ހޯދުމާއި މެމްބަރު ގައުމުތަކުގެ މެދުގައި ކުރެވޭ މުޢާމަލާތު ތަކުގައި އަގުއަދާކުރަން ބޭނުންކުރެވޭނެ ފައިސާ ކަނޑައެޅުމާއި އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުން ހިމެނޭ ކަމަށެވެ.

އެމަނިކުފާނު ޔަގީން ކޮށްދެއްވި ގޮތުގައި މެމްބަރު ގައުމުތަކުގައި ކުރެވޭވިޔަފާރީގެ މުޢާމަލާތު ތަކުގައި އަމިއްލަ ފައިސާ ބޭނުން ކުރެވޭގޮތް ހަމަޖެހުމުންނާއި އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކުރުމުން ގައުމުތަކުގެ ފޮރިން ރިޒާވް ވެސް މާބޮޑަށް ރައްކާތެރި ކުރެވޭނެއެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އީރާނުގެ ފުރަތަމަ ނައިބު ރައީސް މުޙަންމަދު މުޚްބަރް ވިދާޅުވީ އެމެރިކާ ޑޮލަރަކީ ނުރައްކާތެރި ހަތިޔާރަކަށް ހަދާފައި އޮތުމުގެ ސަބަބުން ޑޮލަރު އެއްފަރާތް ކުރުމަކީ މިހާރުގެ ޙާލަތުގައި ނުކޮށް ދޫކޮށްލެވެން ނެތް ކަމެއް ކަމަށެވެ. 

ގައުމުތަކުން ފައިސާއާއި ވިޔަފާރީގެ މުޢާމަލާތު ތަކުގައި އަގުއަދާކުރާނެ އެހެން ގޮތެއް ހޯދަން މަޖުބޫރު ކުރުވީ އެމެރިކާއިން ފަތުރަމުންގެންދާ މި ނުރައްކާތެރި ނުފޫޒުގެ ސަބަބުންނެވެ. އީރާނުން ރަޝިޔާއާއެކު ކުރަމުންގެންދާ ވިޔަފާރީގައި މިހާރުވެސް ބޭނުންކުރަމުން ގެންދަނީ ގައުމީ ފައިސާއެވެ.

އީރާނުގެ ރައީސް އިބްރާހިމް ރައީސީ މެމްބަރު ގައުމުތަކަށް ގޮވާލެއްވީ ވިޔަފާރިއާއި ފައިސާގެ މުޢާމަލާތު ތަކުގައި އެމެރިކާ ޑޮލަރާ ދުރުހެލިވެ އަމިއްލަ ގައުމުގެ ފައިސާއިން އެކަން ކުރަން ފަށާގަތުމަށެވެ. އީރާނުން މިހާރު އޮންނާނީ ބްރިކްސް ޖަމާޢަތުގައި ބައިވެރިވުމަށް އެދި ހުށައަޅާފައެވެ. 

ބެލެވޭގޮތުގައި ދެކުނު އެފްރިކާގައި ބޭއްވުމަށް ތާވަލު ކުރެވިފައިވާ އެ ޖަމާޢަތުގެ ވެރިންގެ ބައްދަލުވުމުގައި އެ ޖަމާޢަތުގެ މެމްބަރު ގައުމުތަކުގެ މެދުގައިކުރެވޭ ފައިސާއާއި ވިޔަފާރީގެ މުޢާމަލާތުގައި ބޭނުންކުރާނެ އެމެރިކާ ޑޮލަރު ނޫން އެހެން ފައިސާއެއް ކަނޑައެޅުމާއިމެދު ގޮތެއް ނިންމާނެއެވެ.                                          

އީރާނާއި ރަޝިޔާގެ ބޭންކިން ނިޒާމް މިހާރު ހުންނާނީ ލިންކު ކުރެވިފައެވެ. މިހުސްވިމަހު އީރާނަށް ވަޑައިގެންނެވި ރަޝިޔާގެ ޑެޕިއުޓީ ބޮޑުވަޒީރު އެލެގްޒެންޑަރ ނޯވާކް ވިދާޅުވީ އީރާނުން ރަޝިޔާއާއެކު ކުރެވޭ ވިޔަފާރީގެ %80 އަގު މިހާރު އަދާކުރެވެނީ އީރާނުގެ ފައިސާއިން ކަމަށެވެ. މި ދެގައުމަކީވެސް މިހާރު ”ބަސްނާހާ“ ދެގައުމުކަމަށް ބަލައި އެމެރިކާއިން ސްވިފްޓް ކަނޑާލައިފާވާ ދެގައުމުވެސްމެއެވެ.

ވޯޝިންގްޓަނުން ކިތަންމެ ވަރަކަށް ފިއްތަމުން ގެންދިޔަނަމަވެސް އީރާނުން މިހާރުވެސް 150 ގައުމަކާއިއެކު ވިޔަފާރީގެ މުޢާމަލާތު ހިންގަމުން ގެންދެއެވެ. އީރާނާއިއެކު ވިޔަފާރި ކުރުމުގައި އެންމެ އިސް ބައިވެރިންގެ ތެރޭގައި ޗައިނާއާއި އިރާގާއި ތުރުކީއާއި އެމިރޭޓްސް ހިމެނެއެވެ.

އީރާނުގެ އިގްތިސާދާ ބެހޭ ވަޒީރު އިޙްސާން ޚަންދައުޒީ ވިދާޅުވީ އިރާނުން ކުރާ ބައިނަލް އަގްވާމީ ވިޔަފާރީގައި 2021 ވަނަ އަހަރު އެމެރިކާ ޑޮލަރ %30 ބޭނުން ކޮށްފައިވާއިރު މިހާރު އެ އަދަދު %10 ދަށަށް ގޮސްފައިވާކަމަށެވެ. އެއީ ލިިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައެވެ.                                                          

Loading

One Response

  1. ވަރަށް ރަނގަޅުގޮތެކެވެ. އެހެނީ އެމެރިކާ އަކީ އަބަދުވެސް އެމީހުންގެ ބާރުދައްކައިގެން އެހެން ގައުމުތައް އަޅުވެތިކުރުވާ ބައެކެވެ. ބޭނުންވަރަކަށް ޑޮލަރު ޖަހައި މާކެޓަށް އަޅަނީއެވެ. ސުވާލެއް ކުރެވޭނެ މީހެއް ނެތެވެ. ޑޮލަރުގެ ބޭނުން މަދުވިވަރަކަށް ސައިޒްވާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް