ޕާކިސްތާނުގެ ލާހޯރުގައި ވަށައިގެން ސިފައިންގެ ފާރަވެރިންގާރޑްކޮށްފައިވާ އިމްރާން ގެކޮޅުގައި އިންނަވައިގެން ބުލޫމްބާރގަށް ދެއްވި ބަސްދީ ގަތުމެއްގައި މިދިޔަ ހުކުރުދުވަހު ވިދާޅުވީ ސިފައިން ބޭނުންވަނީ މިހާރުއޮތް ބަލިކަށި ސަރުކާރު ދެމެހެއްޓުމަށާއި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އިދިކޮޅު ޕާރޓީ ތަކުން އާންމު އިންތިޚާބު ކާމިޔާބު ކުރުމުގެ މަގުތައް ބަންދުކުރުމަށެވެ.
މިލިޓްރީ ތަންތަނަށް ގެއްލުން ދިންމީހުން ޒިންމާދާރު ކުރުވާނެ ކަމަށް ސަރުކާރުންބުނެ މިއަންނަ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ބާއްވަންޖެހޭ އާންމު އިންތިޚާބުގެ ކުރިން އަހަރެމެންގެ ތަހްރީކޭ އިންސާފު ޕާރޓީގެ އިސްބޭފުޅުން ހައްޔަރުކުރަމުން ގެންދިއުމުގެ ބޭނުމަކީ އެއީއެވެ.
ރައްޔިތުންގެ އިޙުތިރާމާއި ލޯބި އިހުނަށްވުރެން އެތައް ގުނައަކަށް ލިބިވަޑައިގެން ހުންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ ޕީ ޓީ އައި ނުވަތަ އެ ޕާރޓީއަށް ސަޕޯރޓުކުރާ ފަރާތްތަކުންވެސް އެފަދަ ނޭއްގާނި ޙަރަކާތެއް ނުހިންގާނެ ކަމަށެވެ.
އެއީ ހަމައެކަނި އިދިކޮޅު މެމްބަރުންނާއި ދޭތެރޭ ފިޔަވަޅުއަޅަން ސަރުކާރުން ރާވަމުންގެންދާ ކުޅިގަނޑެކެވެ. މިހާރުގެ ސަރުކާރަށް އިންތިޚާބު ކާމިޔާ ނުކުރެވޭނެކަން ޔަގީންވާތީ އިންތިޚާބު ނުބޭއްވުމަށް ނުވަތަ ލަސްކުރުމަށް ދައްކާ ބަހަނާއެއް ކަމުގައެވެ.
އިމްރާން ޚާންގެ ވިދާޅުމާއިމެދު ބްލޫމްބާރގުން ކުރި ސުވާލުތަކަށް ޕާކިސްތާނު ސަރުކާރުން އަދި މިލިޓްރީންވެސް ޖަވާބެއް ނުދިނެވެ. މީގެކުރިން ސަރުކާރުންނާއި މިލިޓްރީންވެސް ބުނަމުން ގެންދިޔައީ އިމްރާން ޚާނާއި އެމަނިކުފާނުގެ ސަޕޯރޓަރުން ދައުލަތުގެ މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
ޕާކިސްތާނުގެ މިލިޓްރީއަކީ އަބަދުވެސް އެގައުމުގެ އެންމެބާރުގަދަ މުއައްސިސާއެވެ. ދާޚިލީ އަދި ޚާރިޖީ އަދި ގައުމުގެ ސަލާމަތާބެހޭ ސިޔާސަތުގައި އާދަޔާޚިލާފް ބާރުގަދަ ރޯލެއް ކުޅެމުންގެންދާ މިލިޓްރީން ސަރކާރުގެ ހިންގުންވެސް މިލިޓްރީ ބާރުގެ ދަށަށް އެތައްފަހަރަކު ގެނެސްފައި ވެއެވެ.
އިމްރާން ޚާނާއި އެމަނިކުފާނުގެ ކުރީގެ ބޮޑުވަޒީރުންނަށްވެސް ޖެހިވަޑައިގެންފައި އޮތީ މިލިޓްރީން ރުއްސައިގެން ވެރިކަން ކުރެވޭތޯ ބެލުމެވެ. އިމްރާން ޚާންގެ ވެއްޓުމަކަށްވެސް ވެގެންދިޔައީ ސިފައިންގެ މަގާމުތަކަށް ބާރުފޯރުވަން ފެށުމުންނެވެ.
ފަހަކަށް އައިސް އިމްރާން ޚާން ގެންދަވަނީ މީގެކުރިން ހީވެސްނުކުރާ ފެންވަރެއްގައި ސަރުކާރު ހިންގުމަށް މިލިޓްރީންގެ ދުއްތުރާ ކުރިމަތި ކުރަމުންގެންދާ ކަމުގެ އިލްޒާމް އަޅުވަމުންނެވެ. އަދި އެމަނިކުފާނުގެ މަގާމު ނަގާލުމުގައިވެސް މިލިޓްރީން ކުޅެފައިވާ މުޑުދާރު ޢަމަލުތައްހާމަކުރަމުންނެވެ. އެހެންނަމަވެސް މިލިޓްރީން އެއިލްޒާމްތައް ދޮގުކުރެއެވެ.
އިމްރާން ޚާން ވިދާޅުވި މިހާރުގެ ސަރުކާރު އެދަނީ މިލިޓްރީންގެ ފިޔަގަނޑު ދަށުން ޙިމާޔަތް ހޯދަމުންނެވެ. މާދަމާވެސް އިންތިޚާބެއް ބާއްވައިފިނަމަ ބޮޑުތަނުން މިހާރުގެ ސަރުކާރު ވެއްޓޭނެކަންޔަގީންވާތީއެވެ.