އޭޝިޔާގެ 16 ގައުމަކުން އެމެރިކާ ޑޮލަރާ ދުރަށް

Loading

June 5, 2023
profile
Facebook
Twitter
WhatsApp


ދޭދޭ ގައުމުތަކުން ކުރާ ވިޔަފާރީގައި އެމެރިކާ ޑޯލަރު އެއްފަރާތްކޮށް ގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް ބްރިކްސް ގައި ހިމެނޭ ގައުމުތަކުން ކުރަމުންގެންދާ ވަކާލާތުކުރުން ވައިގާ ހިފައިފިއެވެ. 

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި އޭޝިއާގެ 16 ގައުމަކުން އެގައުމުތަކުން ކުރަމުންގެންދާ ބައިނަލް އަގްވާމީ ވިޔަފާރީގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް އެގައުމުތަކުގެ ފައިސާ ބޭނުންކުރަން އެއްބަސްވެވިއްޖެއެވެ. 

އޭގެ ތެރޭގައި އާސިއާނަށް ނިސްބަތް ކުރެވޭ 10 ގައުމުވެސް ހިމެނެއެވެ. މިކަމަށްޓަކައި އާސިއާންގެ 10 ގައުމުން މިހާރު ވަނީ ޑިކްލަރޭޝަނެއް އާންމުކޮށްފައެވެ. އިރުމަތީގެ ގައުމުތަކުންވެސް ބޭނުންވަނީ ބައިނަލް އަގްވާމީ ވިޔަފާރީގައި އެމެރިކާ ޑޮލަރަށް ބަރޯސާވުން ކުޑަކޮށް އަމިއްލަ ގައުމުތަކުގެ ފައިސާ ބޭނުންކުރެވޭނެ މާލީ ނިޒާމެއް ގާއިމް ކުރުމަށެވެ.       

ގަލްފް ކޯޕަރޭޝަން ކައުންސިލްގައި ހިމެނޭ ގައުމުތަކުންވެސް މިހާރު ގެންދަނީ ބްރިކްސްގައި ބައިވެރި ވުމުގެ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އަދި އަލަން އުފެދޭ ބްރިކްސް ބޭންކަށް ސަޢޫދީ އެރޭބިޔާއިން ފަންޑުކުރުމުގެ ވާހަކަތައްވެސް ކުރިއަށް އެބަ ދާކަމަށް ބުނެފާވެއެވެ. އާންމުގޮތެއްގައި އެ ބޭންކް އަށް ކިޔަނީ ނިއު ޑިވެލޮޕްމެންޓް ބޭންކް ކަމުގައިވެސް ބުނެފާވެއެވެ.

ތަޖްރިބާ ކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ސަޢޫދީ އެރޭބިޔާއިން ބްރިކްސް ބޭންކަށް ފަންޑް ކުރުމުން އެއީ އެ ބޭންކްގެ ޙަރަކާތްތައް ފުޅާކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ. އަދި ހަމަ އެއާއިއެކު އަރިއަޅާލަމުންދާ އެމެރިކާ ޑޮލަރުގެ ބާރުކަނޑުވާލަން އެހީވެދިނުން ކަމުގައިވެސް ބެލެވިދާނެއެވެ.

މިގޮތަށް ހަމަޖެހުމުން ގިނަ ގައުމުތަކަކުން ކުރާ ވިޔަފާރީގައި އެމެރިކާ ޑޮލަރު ބޭނުންކުރުން މުޅިން ހުއްޓުމަކަށްވެސް އަންނާނެއެވެ. ސަޢޫދީ އެރޭބިޔާއިން ބްރިކްސް ބޭންކަށް ފަންޑް ކޮށްފިނަމަ އެއީ އެމެރިކާގެ އިގްތިސާދަށް ކުރިމަތިވާނޭއެންމެ ބޮޑު ނުރައްކާ ކަމަށް ފައިނޭންސް ދާއިރާގެ މާހިރުން ވިދާޅުވަމުން އެބަގެންދަވައެވެ.  

ބްރިކްސް ބޭންކުގެ ޕްރެޒިޑެންޓް ޑެލްމާ ރައުސެފް ވިދާޅުވީ ސަޢޫދީ އެރޭބިޔާއިން ބޭންކަށް ފަންޑު ލިބިލިބި ހުރުމަކީ ބޭންކުގެ ކުރިއެރުމަށް ލިބިގެންދާނެ ވަރަށްބޮޑު ބާރެކެވެ.

އަދި މިއަންނަ އޯގަސްޓް މަހުގެތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްރިކްސްގެ އެންމެ އިސްވެރިންގެ ބައްދަލު ކުރެއްވުމުގައި މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެން ދާނެއެވެ.                                                    

ބްލޫމްބާރގް ޚަބަރުން އެނގިފައިވާ ގޮތުގައި ބްރިކްސްގައި ބައިވެރިވުމަށް އެދި ސަޢޫދީ އެރޭބިޔާއިން މިހާރުވަނީ އެ ޖަމާޢަތަށް ހުށައަޅާފައެވެ.          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް