”މެލޭ ޕްރޮކްލެމޭޝަން“ ކެމްޕޭނުގެ ދަށުން މެލޭޝިއާގެ ރައްޔިތުންގެ މެދުގައި ނަސްލީ ތަފާތުތައް އިތުރުކުރުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކޮށް، ދެފަހަރު ބޮޑު ވަޒީރުކަންކޮށްފައިވާ ޓުން ޑރ މަހާތީރް މުޙައްމަދާ ފުލުހުން ސުވާލުކޮށްފިއެވެ.
މިހާރުގެ ސަރުކާރާއި، އިންސާނީ ހައްގުތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ނަސްލީގޮތުން ނުރައްކާތެރި މާހައުލެއް އުފެއްދުމަށް މަހާތީރު މަސައްކަތްކުރައްވާކަމަށް ބުނެ ފާޑުކިޔާފައިވެއެވެ. ތުހުމަތުކުރާ ފަރާތްތަކުން ބުނާގޮތުގައި، މަހާތީރުގެ މި މަސައްކަތުގެ މަގުސަދަކަށްވަނީ މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރާއި އޭނާގެ ކޯލިޝަން ސަރުކާރުގެ ބާރު އެގައުމުން ކަނޑުވާލުންކަމަށެވެ.
އަންވަރު އިބްރާހީމަކީ އިސްލާމީ ސިޔާސަތު ކުރިއަރުވާ، ހުރިހާ ނަސްލެއްގެ މީހުންނަށްވެސް ހައްގު އިހުތިރާމް ދިނުމަށް ތާއީދުކުރާ ފަރާތެކެވެ. އޭނާގެ ސަރުކާރުގައި ތަކުރާރުކޮށް ބުނަމުން އަންނަ ދެ ވާހަކައެއް އޮވެއެވެ. އެއީ ނަސްލީ ތަފާތުކުރުމާއި ނަފުރަތަށް ޖާގައެއް ނެތްކަމަށާއި، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ބަލައިނުގަންނާނެ ވާހަކައެވެ.
އަންވަރު އިބްރާހީމް އެ މަގާމަށް އައުން ހުއްޓުވުމަށް އެތައް އަހަރެއްވަންދެން މަހާތީރުވަނީ މަސައްކަތްކޮށްފައެވެ. މަހާތީރުގެ މިހާރުގެ ކަންބޮޑުވުމަކަށް ވެފައި އޮތީ، އަންވަރުގެ ސަރުކާރުގައި، އޭނާގެ އާއިލާއާއި ރަހުމަތްތެރީންގެ މުދާވެރިކަން ތަހުގީގުކޮށްފާނެތީއެވެ. މި ފަހަކަށް އައިސް މެލޭޝިއާގެ އެންޓި-ކޮރަޕްޝަން އޭޖެންސީއިން ސިޔާސީ ބޮޑެތި ނަންތަކާއި، އެމީހުންނާއި ގުޅިފައިވާ ވިޔަފާރިތައް ތަހުގީގުކުރަމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ.
2020 ވަނަ އަހަރު މަހާތީރުގެ މަގާމު ގެއްލުވައިލީ އޭނާގެ ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު މުހްޔިއްދީން ޔާސިރުއެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި، 2019 ވަނަ އަހަރު ކޭއެލް ސަމިޓުތެރެއިން އޯއައިސީ ނުވަތަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސްގެ ބަދަކުގައި އެހެން ޖަމިއްޔާއެއް އުފެއްދުމަށް މަހާތީރު މަސައްކަތްކުރުމުން، އޭނާގެ ގޮނޑި ގެއްލުވައިލީ އެކަމާއި ނުރުހުންވެފައި ތިބި އަރަބި ގަލްފް ގައުމުތަކުގެ އެހީގައި މުހްޔިއްދީން ޔާސިރުއެވެ.
ކަންމިހެންވީނަމަވެސް، މަހާތީރާއި މުހްޔިއްދީނާ ދެމެދު އެއްގޮތް އެއްކަމަކީ، މި ދެމީހުންވެސް ތިބީ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ފަރާތުން ކުރިމަތި ކުރުވަފާނެ ތަހުގީގަކާމެދު އިންތިހާއަށް ކަންބޮޑުވެފައެވެ. އެގޮތުން، އަދުގެ ސަރުކާރާއި ދެކޮޅަށް މުހްޔިއްދީނާއެކު މަސައްކަތްކުރުމަށް ވެސް ތައްޔާރުކަމަށް ނޫސްވެރިންނާ ވާހަކަދައްކަމުން މަހާތީރުވަނީ ބުނެފައެވެ.
އަންވަރު އިބްރާހީމްގެ ސަރުކާރާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ މައި އުކުޅަކަށްވެފައި އޮންނަނީ ނަސްލީ ސިޔާސަތެވެ. އެއީ މިހާރު މެލޭޝިއާގައޮ އޮތް ސަރުކާރުގެ ދަށުން މެލޭޝިއާ ރައްޔިތުންނާއި މުސްލިމުންގެ އަތުން އެތައްކަމެއް އުނިވެގެންދާނެކަމަށް ބުނެ ފަތުރާ ބިރެވެ.
މެލޭޝިއާ ރަސްގެފާނުވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކާއި ސިޔާސީ ފަރާތްތަކުން ސަރުކާރު ބަދަލުކުރުމުގެ ނިޔަތުގައި ގައުމުގެ ސުލްޙަ މަސަލަސްކަމާއި އަމާންކަން ނަގައިލުމަށް މަސައްކަތް ނުކުރުމަށް ގޮވާލާފައެވެ.