އައްޑޫ ސިޓީގައި ޓުއަރިޒަމް ތަރައްގީނުވަނީ ސަރުކާރުގެ އިޚުލާސްތެރި މަސައްކަތް އެކަމަށް ނުކުރެވިގެން ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވިލިނގިލި, ހެރެތެރެ އަދި ހަންކެޑެ އަދިވެސް އޮތީ ރަނގަޅަށް ހިނގައިނުގަނެ ކަމަށާއި އައްޑޫ ސިޓީގެ ޓުއަރިޒަމް ތަރައްގީނުވަނީ ރަށް ނެތިގެން ނޫން ކަމަށެވެ.
“މި ސަރުކާރުގެ އިޚުލާސްތެރި މަސައްކަތް މިކަމަށް ނުކުރެވިގެން. ގަން އެއާޕޯޓު ހިންގަން ފެށުމުގެ އައު ވިސްނުމެއް މިވަނީ މާ ލަސްވެފަ.“ ނަޝީދު ވިދާޅުވިއެވެ.
ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫގެ ޓުއަރިޒަމް ކުރިއެރުވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން 50 އަހަރު ފަހަނައަޅައިދިޔައިރު ދިވެހި ފަތުރުވެރިކަމުގެ ފުނަށް މިހާރު މިވަނީ ބަދަލުވާން ފަށާފައިވާ ކަމަށެވެ.
“ރިއަލް އެސްޓޭޓް އަދި އިންޓަރގްރޭޓެޑް ޓޫރިޒަމަކީ ފަތުރުވެރިކަން ތިޔަބޭފުޅުންގެ ގޭގެ ދޮރުގައި ޓަކިޖަހާނެ ސަބަބު. ހަންކެޑެއަކީ ރައްޔިތުންނަށް ހިއްސާވެވޭ މިބާވަތުގެ ފަތުރުވެރިކަމަށް އެންމެ އެކަށޭނަ އައްޑޫ ސިޓީގެ ސަރަހައްދު. މި ދެންނެވި މަގުން ޓޫރިޒަމްގެ ނަފާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިވާންޖެހޭނެ.“
ހަންކެޑެ ފަރުމާކޮށް ތަރައްގީ ކުރާނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކަމަށާއި މިހާރު ވަނީ އެ މަޝްރޫއު ފެށުމުގެ މަރުހަލާގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުޅި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“ހަންކެޑެ މަޝްރޫއުގެ ތެރެއިން އައްޑޫ ސިޓީގެ އެހެން ރަށްތަކަށް، ޖުމްލަ 600 ޓޫރިސްޓް އެނދު އިތުރުވާނެ. މިއީ ޖުމްލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫޢެއް. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫއުތައް ނިމޭއިރު ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫސިޓީގައި އޮޕަރޭޓް ވެގެންދާނެ.“
ދެމެހެއްޓެނިވި ގޮތުގައި އައްޑޫ ޝަންގްރިއްލާ ހިންގުމަށް އެޅޭ ކޮންމެ ހުރަހެއް ނައްތައިލުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެ ފަރާތާއެކު އޮތް ޒަމާންވީ ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ އޮތް ހުރަސް ކަމުގައި ވުމަކަށް “އަޅުގަނޑު ނުހަދާނަން“ ކަމަށް ވެސް ރައީސް ވިދާޅުވިއެެވެ. އަދި ނިމިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ހިއްސާ ބަދަލުކުރުމުގެ ލިޔުންތައް ސަރުކާރުން އެ ފަރާތާ ހިއްސާކޮށްފައިވާ ކަމަށާއިއެކަން ނިމުމާއެކު ބޭނުންވާ ބަދަލުގެނެވި ޝަންގްރިއްލާ ހުޅުވި ހިނގަން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޓޫރިޒަމް އެއްވަނައިގައި އޮތްކަމަށް ސަރުކާރުން ބުންޏަސް އައްޑޫ އޮތީ ”ފަޅަށް“ ކަމަށާއި ރިސޯޓެއް ނުހިނގާ ކަމަށް ބުނެ ސިޔާސީ ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ.
“ޑޮލަރެއް, ޕައުންޑެއް ކީއްކުރަންތޯ އެއިން ރިސޯޓަކުން ލޯ ލާރިއެއް ވެސް އައްޑުއަށް ނުވަދޭ. ތަންތަން ހުރީ ބަންދުކޮށްފައި ފަޅުވެފަ.“ ދާދިފަހުން ބޭފުޅަކު ވިދާޅުވެފައިވެއެވެ.