ޖަޕާން: މުސްލިމުންގެ ތެރެއިން އެކަކު ކުރި އަމަލެއްގެ ނޭދެވޭ އަސަރު އެންމެންނަށް!

Loading

Facebook
Twitter
WhatsApp

ފާއިތުވެދިޔަ ވިހި އަހަރު ދުވަސްތެރޭގައި ޖަޕާނަށް ދިރިއުޅުން ބަދަލުކުރަން އެދޭ މުސްލިމުންނަށްޓަކައި އެގައުމުގެ ސިޔާސަތުތައް ބަދަލުކޮށް އެކަން ހުޅުވާލާފައިވާއިރު، ސައްތައިން ސައްތަ މުސްލިމު ނޫން ގައުމަކަށް މިކަން ކުރުމަކީ ކިހައި ބޮޑު ކަމެއްކަން ދިވެހީންނަށް އެނގޭނެއެވެ. އެއީ ދިވެހިރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމުކަމަށް ދައުވާ ކުރާ ގައުމަކުންވެސް، އަދިއަދަށް ދާންދެންވެސް އެހެން މުސްލިމުންނަށް މި ފުރުސަތު ހުޅުވާލާފައި ނުވާތީއެވެ.

2000 ވަނަ އަހަރު ޖަޕާނުގައި ދިރިއުޅުނު މުސްލިމުންގެ އަދަދު އަންދާޒާކުރެވިފައި ހުރީ 10،000 އާއި 20،000 އާއި ދެމެދުގައެވެ. އެހެންނަމަވެސް މިއަދު މިއަދަދު ހުރީ 200،000 އަށްވުރެ މަތީގައެވެ. މިއީ އެއް ޖީލުގެ މުއްދަތުގައި ދިހަ ގުނައިގެ އިތުރުވުމެކެވެ.

ޖަޕާނުގެ ގިނަ އަންހެނުންނާއި ފިރިހެނުން މުސްލިމުންނާއި ކައިވެނިކޮށް އިސްލާމްދީން ގަބޫލުކޮށްފައިވެއެވެ.

މީގެ ކުރީގައި، މިސްކިތްތަކަކީ ޖަޕާނުގައި އާންމު މަންޒަރަކަށް ވެފައި ނުވި ނަމަވެސް، މިއަދު އެކަމުގެ ހަގީގަތް އޮތީ އެހެނެއްނޫނެވެ. 2021 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ޖަޕާނުގައި 113 މިސްކިތް އެބަހުއްޓެވެ. 1999 ވަނަ އަހަރު މިއަދަދު ހުރީ 15 ގައެވެ.

ޖަޕާނުގެ މުޖުތަމަޢުއަށް މުސްލިމުން ލާމެހިފައިވާއިރު، އެގައުމުގެ ރައްޔިތުންވަނީ މުސްލިމުންނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި އާންމު، އާދައިގެ މުސްލިމުންގެ މިސާލުން އެގައުމުގައި އިސްލާމްދީން ފެތުރުމަށްވެސް މަދުފަހިކޮށްދީފައެވެ.

އެހެންނަމަވެސް، އިސްލާމީ ހަރުކަށި ފިކުރުގެ އެންމެ ފިރިހެނެއް ކުރި އަމަލެއްގެ ސަބަބުން ފެންނަމުން އައި ހެޔޮ ބަދަލުތަކަށް ވަނީ އަސަރުކޮށްފައެވެ. ގާމްބިއާއަށް ނިސްބަތްވާ މުސްލިމު ފިރިހެނަކު ޖަޕާނުގެ ފައްޅިއަކަށްވަދެ އަޅުކަންކުރަން އިން އަންހެނަކަށް ފުރައްސާރަކުރާ ވީޑިއޯއެއް ވައިރަލްވެފައިވާއިރު، ”ވޮޑިގެންވަނީ އެންމެ ރައްބެއް، އެއީ މުސްލިމުންގެ ރައްބު. މިތާކު ކަލާނގެއެއް ވޮޑިގެނެއްނުވޭ.“ އެވީޑިއޯގައި އޭނާ ބުނާ އަޑު އިވެއެވެ.

މި ވީޑިއޯގެ ސަބަބުން ޖަޕާނުގެ މުޖުތަމަޢު ތެރޭގައި މުސްލިމުންނާމެދު ނައްސި ޚިޔާލުތަކެއް ފެތުރިފައިވާއިރު، މުސްލިމުންނާއި އިސްލާމްދީނުގެ ކަންކަން ނޭނގޭ ފަރާތްތަކުން ނުރުހުންވެ މުސްލިމުންނާއި މެދު ރުޅިވެރި ބަސްތައް ބުނަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.

”ކޮންޓްރޯލު ނުކުރެވުނު އެންމެ މީހެއްގެ ހަރުކަށި ފިކުރުގެ ސަބަބުން މިހާތަނަށް ޖަޕާނުގައި މުސްލިމުން ހޯދި ހުރިހާ ކުރިއެރުމެއް ފެނަށް ދިޔައީ. މި މީހުން ބޭނުންވޭ ޖަޕާނަށް އަންނަންވެސް، އެކަމަކު ޖަޕާނަށް އައިސް ހުރިހައި މުސްލިމުން ރަމްޒުކުރާކަމަށް ހެދިގެން ޖަޕާނުގެ ސަގާފަތާއި އާދަކާދައަށް ހަޖޫޖަހަނީ.“ ޖަޕާނުގައި އަމިއްލަ ވިޔަފާރި ހިންގަމުން އަންނަ މުސްލިމު އާއިލާއަކަށް ނިސްބަތްވާ މީހަކު ބުނެފައިވެއެވެ.

ޖަޕާނުގައި ހިނގި ހާދިސާއިން އެނގޭކަމަކީ، ދީނީ ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ސަބަބުން މުސްލިމު ނޫންގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ހުރި ނުރައްކަލެވެ. އަދި އެމީހުންގެ ސަބަބުން އިސްލާމްދީނަށް ގޮވާލައި، ދީން ފެތުރުމަށް ހުރި ހުރަސްތަކާއި ނުރައްކަލުގެ ބޮޑުކަމެވެ.

Loading

One Response

  1. ހަރުކަށިފިކުރުގެ މުސްލިމުންނޭ ކިޔައިގެން އުޅެނީ ހުޅަނގުން ޕްރޮމޯޓްކޮށްގެން އުޅޭ ބަޔަކަށް. މިހާރުވެސް މިއުޅެނީ އިސްލާމިކް ސްޓޭޓޭ ކިޔާ ބަޔަކުގެ ކިބައިން ސަލާމަތް ނުވެވިގެން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް