އެމެރިކާ އިސްވެއޮވެ ކުރިއަށްގެންދާ މެރިޓައިމް ކޯލިޝަންގައި ދެން ބައިވެރިނުވުމަށް އިމިރެޓްސް އިން ނިނެމައިފިއެވެ.
ދުބާއި އިން ރޮއިޓާރސް ޚަބަރު ދީފައިވާގޮތުގައި މިފަހަކަށް އައިސް ގަލްފު ސަރަޙައްދުން ދަތުރުކުރާ ޓޭންކަރު ފަހަރު އީރާނުން އަތުލަމުންވގެންދިއުމާއި ގުޅިގެން ގަލްފު ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރު ރައްކާތެރިކޮށް ދިނުމުގެ ބޭނުމުގައި އެމެރިކާ އިސްވެއޮވެ ކުރިއަށް ގެންދާ މިލިޓްރީ ޙަރަކާތްތަކުގައި މީގެ ފަހުންޔުނެއިޓެޑް އެމެރޭޓްސްއިން ބައިވެރި ނުވާނެކަމަށް ބުނެފިއެވެ.
އެމެރޭޓްސްއިން މިހެން ބުނެފައިވަނީ އީރާނުން ޓޭންކަރު ފަހަރު ހިފާއްޓަމުން ގެންދާއިރުވެސް އެމެރިކާއިން އެކަށީގެންވާގޮތެއްގައި އެކަން ޙައްލުކުރަން ފިޔަވަޅެއް އަޅާތަން ނުފެންނާތީ ގަލްފުގެ ގައުމުތަކުން ކަންބޮޑުވަމުން ގެންދާ ކަމަށް ވޯލްސްޓްރީޓް ޖާނަލްގައިޝާއިއު ކޮށްފައިވާ ރިޕޯރޓަކާ ގުޅިގެންނެވެ.
އެމިރޭޓްސް އިން ބުނެފައިވަނީ އެ ދެގައުމުގެ ދޭތެރޭގައި ދެކެވުނުވާހަކަތަކުގެ ނުބައި މާނައެއް ވޯލްސްޓްރީޓް ޖާނަލުން ޝާއިއު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ބަޙްރައިންގައި ގާއިމްކޮށްފައިވާ އެމެރިކާގެ ބައިވެރިންގެ މެރިޓައިމް ފޯސަސް ( ސީ. އެމް. އެފް. ) ގެ ހެޑްކުއާޓަރުން ހިންގާ މިޙަރަކާތުގައި ބައިވެރި ނުވުމަށް މީގެ ދެމަހެއްހާދުވަސް ކުރިން ވަނީ ނިންމާފައެވެ.
އެކަމުގެ ސަބަބެއް އަދި ފަހުން ބައިވެރިވާނެކަންވެސް އެމިރޭޓްސްޚާރިޖިއްޔާ އަދި ދިފާޢީ ވުޒާރާއިންވެސް ބުނެފައެއް ނުވެއެވެ.އެމިރޭޓްސް ގެބަޔާނުގައި ހަމައެކަނި ބުނެފައިވަނީ ގަލްފު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަދި އޭގެ ތެރޭގައި ބައިނަލް އަގްވާމީ ކަނޑު ދަތުރުފަތުރާއި ބެހޭ ގާނޫނުތަކުގެ ހުދޫދުގައި ކަނޑު ދަތުރުފަތުރުވެސް ހިމެނޭގޮތުގައި ސިޔާސީގޮތުން ކުރެވޭ މަސައްކަތުގައި ބައިވެރިވާނެކަމަށެވެ.
ސީ އެމް އެފް ގެ ޙަރަކާތްތަކުގައި ބައިވެރި ނުވިޔަސް ރެޑްސީ އާއި ގަލްފް ސަރަޙައްދުގައި ހިނގަމުންދާ ބައިނަލް އަގްވާމީ ޓެރަރިޒަމްގެ ޙަރަކާތްތަކާ ދެކޮޅަށް މަސައްކަތްކުރަން 2001 ވަނައަހަރު އުފައްދާފައިވާ 38 ގައުމު ހިމެނޭ މި ޖަމާއަތުން އެމިރޭޓްސް ވަކިނުވާކަމަށް އެ ޖަމާޢަތުގެ ވެބްސައިޓުން އަދިވެސް އެނގެއެވެ.
އެމެރިކާގެ އޮފިޝަލަކު މަޢުލޫމާތު ދެއްވިގޮތުގައި އެމިރޭޓްސް އަކީ ސީ އެމް އެފްގެ ބައިވެރިއެކެވެ. އަދި އީރާނުން ޓޭންކަރުތައް ހިފާއްޓާތީ ކަންބޮޑުވުން ފާޅުކުރަމުން ގެންދިއުމާއިއެކު މިދިޔަ އަހަރު ޖެނުއަރީގައި އީރާނުގެ މަދަދު ލިބެމުންދާ ހޫތީން އެމިރޭޓްސްއަށް ދިން މިސައިލްޙަމަލާއިން ލިބުނު ގެއްލުންފަދަ ޙާދިސާތައް ތަކުރާރު ނުވެ ސަރަޙައްދުގެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާދޭތެރޭ އެމިރޭޓްސް އިން ވަރަށް ބޮޑު އަހަންމިއްޔަތެއްވެސް ދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަލްފް ސަރަޙައްދަކީ ދުނިޔޭގެ ޝިޕިންގ ގައި ވަރަށް ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަޙައްދެކެވެ. އެހެންނަމަވެސް 2019 އިންފެށިގެން އީރާނުން ގެންދަނީ ބޮޑެތި ތެޔޮޓޭންކަރުތައްހިފާއްޓަމުން އަދި ބައެއް އުޅަނދުތަކަށް ޙަމަލާވެސް ދެމުންނެވެ. މިތޮޅުންތައް ފެށިފައިވަނީ އީރާނުގެ ބޯޓްފަހަރުތައް ބައިނަލް އަގުވާމީ ކަނޑުތަކުންވެސް އެމެރިކާއާއި އެބަައިމީހުންގެ ބައިވެރީން ހިފަހަށްޓަން ފެށުމުންނެވެ.
އެހެނަސް މިއީ ގަލްފު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެމެރިކާއިން ކުރަމުން ގެންދާ މަސައްކަތަށް އީރާނުން ކުރަމުންގެންދާ ޖެއްސުންތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުން ތިބީ ދޫދޭގޮތަކަށް ނޫންކަމަށް ބުނެފައިވެއެވެ.