ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާނަޚާންގެ މައްޗަށް ސަރުކާރުން އުފުލާފައިވާ އަލް ގަދްރު ޓްރަސްޓްގެ ކޮރަޕްޝަން މައްސަލާގައި މިހާރު ލިބިވަޑައިގެންފައިވާ ކަފާލަތުގެ މުއްދަތު މިއަންނަ ޖޫން މަހުގެ 19 ވަނަ ދުވަހާ ހަމަޔަށް އިތުރުކޮށް ދީފިއެވެ.
މީގެކުރިން މޭމަހުގެ 12 ގައި ލިބިވަޑައިގެންނެވި ކަފާލަތުގެ މުއްދަތު ކުރިން އޮތީ އިތުރު ދެހަފްތާއަށް ދަންމާލާފައެވެ. އަދި މިހާރު އެ މުއްދަތު ޖޫންމަހުގެ 19 ވަނަ ދުވަހާ ހަމަޔަށް މިވަނީ އިތުރުކޮށް ދެއްވާފައެވެ.
ވޭތުވެދިޔަ ދިހަ އަހަރުދުވަހުގެ ތެރޭގައިވެސް ޕާކިސްތާނަށް މެދުވެރިވެފައި ނުވާފަދަ އިގްތިސާދީ ދަތިކަމަކާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި މިހިނގާ މޭމަހުގެ 9 ވަނަދުވަހު އިމްރާންޚާން ހައްޔަރުކުރުމާއި ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ ރައްޔިތުން މެދުކެނޑުމެއްނެތި ކުރަމުން ގެންދާ މުޒާހަރާ ތަކާއިގުޅިގެން ނިއުކްލިއަރ ގާބިލުކަން ލިބިފައިވާ ޕާކިސްތާނުގެ ޙާލަތު މިވަނީ ބުނަންނޭންގޭ ފަދަ ނާމާން ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ.
އިމްރާން ޚާނާއި އެމަނިކުފާނުގެ އަނބިކަބަލުންގެ މައްޗަށް ތުޙްމަތު ކޮށްފައިވަނީ އަލްގާދިރު ޔުނިވަރސިޓީ އަޅަން ލިބުނު ބިމުގެ ވެރިފަރާތުން އިމްރާންޚާނުގެ ބޮޑުވަޒީރުކަމުގައި ލިބެން ނުޖެހޭ ފައިސާގެ އެހީތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އިމްރާންޚާނާއި އެމަނިކުފާނުގެ އަނބިކަބަލުން އެ ޔުނިވަރސިޓީގެ ޓްރަސްޓީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް ބުނެއެވެ. އިމްރާންޚާން ވިދާޅުވަމުން ގެންދަވަނީ އަނބިކަނބަލުން އެ މައްސަލައިގެ ތެރެއަށް ވެއްދުމަކީ އެމަނިކުފާނަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.
އިމްރާން ޚާންގެ ވަކީލު ޖޯހަރު ޚާން ރޮއިޓާރސްއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އަދި މިހާތަނަށް އިމްރާން ޚާނުގެ އަނބިކަބަލުން ހައްޔަރު ކުރުމުގެ އަމުރެއް ދީފައި ނުވާކަމަށާއި އެހެންނަމަވެސް އެކަމަނާ ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާނެ ސުވާލުތަކެއް ފޮނުވުން އެކަށީގެންވާކަމަށެވެ.
އިމްރާން ޚާނުގެ ސްޕޯކްސްޕަރސަން ފާރޫޚް ޙަބީބު ވިދާޅުވެފައިވަނީ އެ މުޅި މައްސަލައަކީވެސް ސިޔާސީގޮތުން އުފުލައިގެން އުޅޭ މައްސަލައެއް ކަމަށާއި އެބުނާ ޓްރަސްޓަކީ އިމްރާން ޚާނަށް އަދި އެމަނިކުފާނުގެ އަނބިކަބަލުންނަށްވެސް އެއްވެސް ފައިދާއެއް ލިބިވަޑައިގަންނަވާ ޓްރަސްޓެއް ނޫންކަމަށެވެ.
ޖޫންމަހުގެ 19 ވަނަ ދުވަހަށް ފަހު ޕާކިސްތާނުގެ ސިޔާސީ މަސްރަޙައް އިތުރު ނުތަނަވަސްކަމެއް ނައުމަކީ ޕާކިސްތާނުގެ ގިނަބަޔެއްގެ އެދުމެކެވެ. ބައެއް ސިޔާސީ ބޭފުޅުން މީޑިއާގައި ވިދާޅުވާގޮތުގައި މިލިޓަރީއާއި ސަރުކާރާއި އިމްރާން ޚާނުގެ އިދިކޮޅު ޕާޓީއާއިއެކު މަޝްވަރާކޮށް ޙައްލެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމުގައެވެ.