ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ”ނަކްބާ“ ގެ ދުވަހަކީ 1948 ވަނަ އަހަރު އިސްރާއީލުގެ ޒަޔަނިސްޓް އަސްކަރިއްޔާއިން ފަލަސްތީނުގެ ބިމަށް އަރައި އެގައުމުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށް، ގައުމުން ބޭރުކޮށް، އެފަސްގަނޑަށް އަތްގަދަކުރި ދުވަހުގެ ގޮތުގައި އެގައުމުގެ ރައްޔިތުން ފާހަގަކުރަމުން އަންނަ ހިތާމައިގެ ދުވަހެކެވެ. ނަކްބާ މި ލަފްޒަކީ އަރަބި ބަހެއް ކަމުގައި ވީއިރު، ބަހުގެ ލަފްޒީ މާނައަކީ އިނގިރޭސި ބަހުން ނަމަ ”ކެޓެސްޓްރޮފީ“، އަދި ދިވެހިބަހުން ނަމަ ”ބަލާ“ ނުވަތަ ”މުސީބާތް“ މިއެވެ.
ނަކްބާގެ ދުވަހުގެ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަވަށުން ބޭރުކޮށް، ދިރިއުޅެމުންދިޔަ ގެތަކުން ބޭރުކޮށް، އެތަންތަން ސުންނާފަތިކުރުމުގެ އިތުރުން އެތައްހާސް ބަޔަކު ވަނީ ޤަތުލުކޮށްފައެވެ.
ފަލަސްތީނު ޙިޞޯރުކުރަން އެރި ޒަޔަނިސްޓް ސިފައިންގެ މަޤްޞަދަކަށްވީ ވީހާވެސް ގިނަ އަދަދެއްގެ ފިރިހެނުން މެރުމެވެ. ޕަލްމާކްގެ ސިފައިން 170 ސިފައިން އެކުވެގެން ދިން މި ބަޑީގެ ހަމަލާގައި ފަލަސްތީނުގެ ގެތަށް ގޮއްވައިލާ ހަލާކުކުރުމުގެ އިތުރުން، ފިރިހެނުން މަގުމައްޗަށް ނެރެ ބަޑިޖަހައި ޤަތުލުއާންމު ހިންގާފައިވެއެވެ.

ޒަޔަނިސްޓް ބާރުތަކުން ހައްޔަރުކުރި މީހުން އެއްކޮށް، ކުރީގެ ޖާރުއްސަލާމް ވަށައިގެން ގަންހިންގުވައި އެމީހުންނަށް ފުރައްސާރަކޮށްފައިވެއެވެ. އަނެއްބަޔަކު ޝިކާރަކޮށްގެން މަރާފައިވާއިރު ދެންތިބިމީހުން މަރާފައިވަނީ އަވަށުގެ ތެރެއަށް ގެންގޮސްގެންނެވެ.
