ނޫމަޑި މައްސަލާގައި ދޮގު ބަޔާން ދެއްވި ކަމުގެ ތުހުމަތުގައި މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މޭޔަރު މުޢިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލީ ނޫމަޑި ކުންފުންޏާއެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީ ސަރުކާރުން ބާތިލުކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވިކަމަށް ބުނެއެވެ.
މި މައްސަލާގެ ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުން ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ ދައުލަތުން ކޯޓަށް ހުށަހެޅުއްވި ބަޔާނަކީ އާބިޓްރޭޝަނަށް މުޢިއްޒު ދެއްވި ބަޔާނެއްކަން ކަށަވަރުކުރުމަށާއި ބަޔާނުގައި އޮތް ސޮޔަކީ މުޢިއްޒުގެ ސޮޔެއްކަން ކަށަވަރު ކުރައްވަން ދައުލަތުން މަސައްކަތް ކުރައްވާފައިވާކަން އެނގެން ނެތަތީ, އެއީ މުޢިއްޒު ދެއްވި ބަޔާނެއްކަމާމެދު ޝައްކު އުފެދޭ ކަމަށެވެ.
ހަމައެހެންމެ ސަރުކާރުން ނޫމަޑިއާ ހަވާލުކުރި ހައުސިން މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށް ގޮސްފައިނުވާ ކަމަށް ދައުލަތުން ފާހަގަކުރައްވާއިރު, އެފަދަ ތާވަލެއް އޮތްކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
އަދި ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގޮސްފައިނުވާ ކަމަށް ފާހަގަކުރައްވާއިރު, އެފަދަ އެއްވެސް ނިންމުމެއް ވެސް ހުށަހެޅިފައިނުވާ ހާލަތުގައި ދައުވާ ބަލިކަށިވެގެންދާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މުޢިއްޒު ދޮގު ބަޔާނެއް ދެއްވިކަމާމެދު ސުވާލު އުފެދިފައިވާ ހާލަތުގައި ކުށުގެ ރުކުންތައް ފުރިހަމަނުވާނެ ކަމަށެވެ.
އެހެންވެ ގާޒީ ނިންމެވީ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ދައުވާ ސާބިތުނުވާ ކަމަށެވެ.