ރާއްޖެއާއި ޗާގޯސް އާރކިޕެލާގޯގެ އިގުތިސާދީ ސަރަހައްދުން ފުށުއަރާ ކަމަށް ބުނާ ބައި ޑީލިމިޓް ކުރުމަށް އެދި މޮރިޝަސް އިން ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ގާނޫނާ ޚިލާފަށް އަމަލުކުރެއްވި ކަމަށް ބުނެ, އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ބަންޑާރަނައިބު އިބްރާހީމް ރިފްޢަތަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ ފުރަތަަމަ ޖަލްސާ މިއަދު ފަށާފައިވާއިރު, އެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަނައިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެހެންވެ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް އެ މައްސަލައަށް ބަހުސްކުރަން ފެށުމުގެ ކުރިން ދިނުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ނޯޓިސް ފޮނުވީ މިދިޔަ އަންގާރަ ދުވަހު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިފްޢަތުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ޕީޕީއެމްއާއި ޕީއެންސީއާއި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީއާއި ނަޝީދުގެ ”ފިކުރެއްގެ ދިރުން” ފެކްޝަނުގެ މެންބަރުން ގުޅިގެންނެވެ.
މަޖިލީހުގައި ކެބިނެޓްގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ މިހާރު ތިއްބަވާ 87 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ވޯޓުންނެވެ.
ރިފްޢަތުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކުވއެމްޑީޕީން ބުނެފައިވަނީ އިމުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް ކަމުގައެވެ. އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސްއިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި, ބަންޑާރަނައިބުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެ ކަމަށެވެ.