އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) މެދުވެރިކޮށް ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހިގޮތާމެދު ދިރާސާއެއް ކުރަން ނިންމާފައިވާކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބުނެފިއެވެ.
ބާ ކައުންސިލުން ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ބެހުމާމެދު ނިންމާފައިވާ ނިންމުމަކީ ގައުމީ މުހިންމު މައްސަލައެއް ކަމަށާއި އާންމު މަސްލަހަތާ ގުޅުން ހުރި ގާނޫނީ ނުވަތަ ދުސްތޫރީ މައްސަލަތަކާއި ކަންތައްތަކާ ގުޅިގެން ބާ ކައުންސިލުގެ ރައުޔާއި މައުލޫމާތު ހާމަކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ޑ) ގެ ދަށުން އެ ކައުންސިލާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.
އެގޮތުން މި މައްސަލައިގައި ބާ ކައުންސިލުގެ ރައުޔު ހާމަކޮށްދިނުމަށް އެދި އެ ކައުންސިލުގެ މެންބަރަކު ހުށަހަޅުއްވާފައިވާ ކަމަަށާއި މައްސަލަ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބަލައިގަތުމަށް ނިންމައި, މައްސަލަ ދިރާސާކުރުމަށް ކައުންސިލުގެ ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީއަށް ފޮނުވުމަށް އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ކަނޑުގެ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45331 އަކަކިލޯމީޓަރު ސަރަހައްދެއް ލިބިގެންވާ ކަމަށް ކަނޑައެޅުމުން ސަރުކާރުން ވިދާޅުވީ އެއީ ލިބުނު ކާމިޔާބެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށް ނިންމި ނިންމުމާ ގުޅިގެން ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުން ބައެއް ވަނީ ދިވެހިންނަށް ގެެއްލިފައެވެ.
ބާ ކައުންސިލުން ކުރަން ނިންމި ދިރާސާއާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ އިމުގެ މައްސަލާގައި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ތާއީދުކޮށް މަރުހަބާ ކިޔައި ބާ ކައުންސިލްގެ ރައީސް އަދި އެކްސްކޯގެ ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި މި މައްސަލާގެ އެންމެ ބޮޑެތި ގޯސްތައް ހަދާފައިވާ ބަންޑާރަނައިބު އިބްރާހިމް ރިފްޢަތަކީ ބާކައުންސިލްގެ އެކްސްކޯ މެންބަރެއް ކަމަށާއި މިފަދަ ހާލަތެއްގައި އޮތް ކައުންސިލަކުން އިންސާފުވެރި ހަމަހަމަ ދިރާސާއެއް ކުރާނެކަމާ ދޭތެރޭ ޝައްކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.