އާޒިމް އެމްޑީޕީން ވަކިކޮށް, އަހަރެއް ވަންދެން އަލުން ޕާޓީއަށް ނުވަދެވޭ ގޮތް ހަދައިފި

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުގައި އިސްކޮށް އުޅުއްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް އެމްޑީޕީން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނިންމައިފިއެވެ.

”ފިކުރެއްގެ ދިރުން“ ފެކްޝަނުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަަކަށް ފިޔަވަޅު އަޅައިދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) އިން ފިޔަވަޅު އަޅާ ކޮމިޓީގައި އެދުމުން މިއަދު ހެނދުނު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޕާޓީން އާޒިމް ވަކިކުރަން ނިންމީ ކޮމިޓީގެ އިއްތިފާގުންނެވެ.

އާޒިމާމެދު އެޅި ފިޔަޅުތައް:

ޕާޓީން ވަކިކުރުން.

އެއް އަހަރު ވަންދެން ޕާޓީއަށް އަނބުރާ ނުވަދެވޭ ގޮތަށް ކަނޑައެޅުން.

އެ މުއްދަތަށްފަހު އަލުން ޕާޓީއަށް ސޮއިކުރެއްވޭނީ އާ 100 މެންބަރުންގެ ސޮޔާއެކު ކަމަށް ކަނޑައެޅުން.

ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ނުވަތަ މަގާމަކަށް އާޒިމަށް ވާދަނުކުރެއްވޭ ގޮތަށް ކަނޑައެޅުން.

އާޒިމަށް ފިޔަވަޅު އެޅީ ޗާގޯސް މައްސަލައިގައި އިިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން ސޮއިކުރެއްވުމާއި އިދިކޮޅުގެ މުޒާހަރާއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މައްސަލައިގައެވެ.

އެމްޑީޕީގެ ޕީޖީން ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފަށް ފިޔަވަޅު އަޅައިދިނުމަށް ވެސް ކޮމިޓީގައި އެދިފައެވެ. އެއީ ތަކުރާރުކޮށް ވިޕްލައިނާ ޚިލާފަށް އަމަލުކުރައްވާ ކަމަށް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް