ގައުމީ އުފެއްދުންތެރިކަން ފުރަތަމަ ފަހަރަށް 100ބިލިއަނަށްވުރެ މައްޗަށް

Loading

Facebook
Twitter
WhatsApp

ދައުލަތުގެ ނޮމިނަލް ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަން ފުރަތަމަ ފަހަރަށް މި އަހަރު މައްޗަށް އަރާނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ އިގްތިޞާދީ ޙާލަތު ބަޔާންކޮށް އެ މިނިސްޓްރީން އާންމުކުރައްވާފައިވާ ”މެކްރޯ އިކޮނޮމިކް އަޕްޑޭޓްރިޕޯޓް“ ގައެވެ.

ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 107.2 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރާއިރު, މިއީ އިގުތިޞާދީ ގޮތުން އަންނާނެ އެންމެ ބޮޑު ބަދަލުކަމަށް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދުނިޔެއާއި ރާއްޖެއަށް އިގްތިޞާދީ އެކިހުރަސްތަށް ކުރިމަތިވަމުންދިޔަ ނަމަވެސް ރާއްޖެއިން އިގްތިޞާދީ ގޮތުން ހޯދަމުންދާ ކުރިއެރުންތަކަކީ ސަރުކާރުން އަޅަމުންދާ ހަރުދަނާ އިގްތިޞާދީ ފިޔަވަޅުތަކުގެ ނަތީޖާ ކަމުގައެވެ.

އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަށް ލިބެމުންދާއިރު ދަތުތުފަތުރާއި އިމާރާތް ކުރުމާއި އެހެނިހެން ސިނާޢަތްތައް ވެސް ކުރިއަރައިގެން ދާނެކަމުގައެވެ.

އިގްތިޞާދީ ގޮތުން ރާއްޖެ ހޯދަމުންދާ ކާމިޔާބީތައް ބައިނަލް އަގްވާމީ މާލީ އިދާރާތަކުން ވެސް އަންނަނީ ފާހަގަ ކުރަމުންނެވެ.

އެގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކާއެކު ދިވެހިރާއްޖޭގެ އިގްތިޞާދަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި އެންމެ ބާރަށް ކުރިއަރަމުންދާ އިގްތިޞާދުކަމަށް ވޯލްޑް ބޭންކުންވަނީ ހާމަކޮށްފައެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ހޯދާފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ވޯލްޑް ބޭންކުން އެންމެފަހުން ނެރުނު “ މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް“ އެމްޑީޔޫގައި ބުނެފައިވަނީ ރާއްޖޭގެފަތުރުވެރިކަން ކުރިއަރަމުން ދިއުމުގެ ސަބަބުން ރިޔަލްސްޓޭޓް ޓްރާންސްޕޯޓް އަދި ޓްރޭޑްގެ ސިނާޢަތަށް ވެސް ހެޔޮ އަސަރު ކުރަމުން ދާކަމަށެވެ.

އެގޮތުން އެ ސިނާޢަތްތަކަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް 12.3 ގެ ކުރިއެރުން ލިބިފައިވާކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް