މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދަން ބަންޑާރަނައިބުގެ އޮފީހުން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވިއެވެ
އަދީބުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި މަނީލޯންޑަރ ކުރުމުގެ ދެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތުން ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނެއެވެ.
އެ މައްސަލާގައި އަދީބުއާއެކު ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން 2020 ވަނަ އަހަރު އޮކްޓޫބަރު 05 ގައި ކްރިމިނަލް ކޯޓުން ހުކުމްކުރެއްވީ 20 އަހަރަށް އަދީބު ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއްމަސް ދުވަހުގެތެރޭގައި ދެއްކުމަށެވެ.
އެއިން އެއް މިލިއަން ރުފިޔާ ދައްކާފައިނުވާތީ އެ ފައިސާ ހޯދަން ބަންޑާރަ ނައިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފައެވެ.
ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި އަދީބުގެ ފަރާތުން ފުރަތަމަ ކޯޓަށް ހުށަހެޅުއްވީ އެޑްވާންސްކޮށް އެއްލައްކަ ރުފިޔާ ދައްކައި އޭގެފަހުން ކޮންމެ މަހަކު ވެސް ވިހިހާސް ރުފިޔާ ދައްކަމުން ގޮސް ޚަލާސްކުރާ ގޮތަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅުއްވީ އެއްފަހަރާ ދެލައްކަ ރުފިޔާ ދެއްކުމަށްފަހު ބާކީވާ ބައި މަހުން މަހަށް ބަހާލައިގެން ދެއްކުމަށެވެ.
އެގޮތުން ސިވިލް ކޯޓުން އިއްޔެ ވަނީ އެކަމާމެދު މަޝްވަރާ ކުރެއްވުމަށްފަހު ބޭނުންވާ ގޮތެއް ހުށަހަޅުއްވަން އަދީބުގެ ވަކީލުންނަށް ފުރުސަތު ދެއްވައިފައެވެ.
ޚިޔާނާތުގެ މައްސަލައިގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނާ މިހާރު ހުންނަވަނީ ހުޅުމާލޭ އަމީން އެވެނިއުގެ ފްލެޓެއްގައެވެ.
އަދީބު ގޭ ބަންދަށް ބަދަލުކުރީ މެޝިނެއްގެ އެހީގައި ނިދިކުރައްވަންޖެހޭތީކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ވިދާޅުވެފައިވީ ނަމަވެސް ކަރެކްޝަނަލް ސަރވިސްއިން ފަހުން ވިދާޅުވީ އަދީބު ގެއަށް ބަދަލުކުރީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނުކުތާގެ ދަށުން ކަމުގައެވެ.