މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރިޖުއާނާ ގަސްތަކެއް މާލޭގެ ގެއެއްގައި ހައްދައިގެން އުޅުނުކަމަށް ބުނާ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނ.ކެނދިކުޅުދުއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އަޙްމަދު ޔާސިހެވެ.
މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުކޮށްފައިވާ ޔާސިހުގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ.
ޔާސިހު ހައްޔަރުކޮށްފައިވަނީ ގ.ރިމިނީ ގޭގެ ދޮރު ކައިރިން ބިންމަތިން މަރިޖުއާނާ ގަހެއް ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިގެން އެ ސަރަހައްދުގައި ފުލުހުން މަޑުކޮށްގެން ތިއްބައި އޭނާ އެ ތަނަށް ގޮސް އެ ގަހަކީ އޭނާގެ ގަހެއް ކަމަށް ބުނެ އަދި ގޭގެ ބެލްކަނީގައި ވެސް ގަސްތަކެއް ހުންނާނެކަމަށް ބުނެފައިވާތީކަން ފުލުހުން ހުށަހެޅި ބަޔާންތަކުން އެނގޭކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.
އެ ގެ ބަލައި ފާސްކުރުމަށް ތަހުގީގަށް އެއްބާރުލުން ދޭނަންތޯ އޭނާގެ ގާތުގައި އެހުމުން އެއްބާރުލުންދޭނެކަމަށް ބުނެ ސޮއިކޮށް ފޯމުގައި އިނގިލީގެ ނިޝާން ޖެހި ނަމަވެސް ކޯޓުގައި އޭނާ ވަނީ ބަލައި ފާސްކުރަން ހުއްދަ ނުދޭކަމަށް ބުނެފައެވެ. އަދި ފުލުހުން އޭނާއަށް އަނިޔާކުރި ކަމަށާއި ފާސްކުރި ތަނުގައި ހުރި ތަކެއްޗަށް ފުލުހުން ގެއްލުންދީފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.