ރާއްޖެއިން ބޭރަށްދާ ދަތުރުވެރިންނަށް ޚާއްސަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓް ހަދައިދޭން ފަށައިފިއެވެ.
ހުޅުމާލޭ ހުސްޕިޓަލުން ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބިދޭސީންނަށް ވެސް އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހެދޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށެވެ.
ދުވާލަކު 20 ފަތުރުވެރިންނަށް ޓެސްޓްހަދައިދޭން ހަމަޖައްސާފައިވާއިރު ޓެސްޓް ހަދަން ބޭނުންވާ ފަރާތްތަކުން 1417 އަށް ގުޅާލުމުން ޓެސްޓްހެދުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ދަތުރުކުރާފަރާތްތަކުން ފުރުމުގެ 48 ގަޑިއިރުކުރިން ޓެސްްޓް ކޮވިޑަށް ޓެސްޓްކުރަން ބޭނުންވާ ސާމްޕަލް ނަގަންޖެހެއެވެ.
މި ޓެސްޓް ހެދުމަށް ބޭނުންވާ ފަތުުރުވެރިން މި ޓެސްޓް ހެދޭނީ ދަތުރުކުރުމަށް ނަގާފައިވާ ޓިކެޓް ނުވަތަ ރިޒަވޭޝަން ސްލިޕްގެ އިތުރުން ޕާސްޕޯޓްކޮޕީ ހުށަހެޅުމުންނެވެ. ދިވެހިންނަށް ޕާސްޕޯޓްގެ ބަދަލުގައި އައިޑީކާޑު ހުށަހެޅޭނެއެވެ. މި ލިޔުންތައް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތުވެސް އެ ހޮސްޕިޓަލުން ވަނީ އިންތިޒާމް ކޮށްފައެވެ.
މާލޭ ސަރަހައްދުގައި ކޮވިޑް-19ގެ ޓެސްޓް ހެދުން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓްތައް ކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތިދުވަހުގައެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ މި އެ ހޮސްޕިޓަލުގެ އަމާޒަކީ ދުވާލެއްގެ މަށްޗަށް 200 ސާމްޕަލް ޓެސްޓްކުރުމަށް ކަމަށާއި ޓެސްޓްހެދުމަށް ބޭނުންވާ ވަސީލަތްތައް ލިބެމުން ދާވަރަކަށް ޓެސްޓް ކުރާމިންވަރު އިތުރުކުރާނެ ކަމަށެވެ.