އާދީއްތަ ދުވަހު އޮންނަ ތުރުކީގެ އާންމު އިންތިޚާބާއި، އޮތް ސަރަހައްދީ ސިޔާސީ ނުފޫޒު

Loading

May 13, 2023
profile
Facebook
Twitter
WhatsApp

ފާއިތުވި މަސްތަކުގައި ދުނިޔޭގެ ބާރުތަކުގެ މެދުގައި ހޫނު ސުރުޚީއެއްގެ ގޮތުގައި ފާހަގަކުރެވުނު ތުރުކީގެ އިންތިޚާބު އާދީއްތަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، ތުރުކީގެ ރައީސް އަދި މަޖިލިސް މެންބަރުން އިންތިޚާބުކުރުމަށް ތުރުކީގެ ރައްޔިތުން ވޯޓުލާނީ އެކުއެކީގައި ހަމަ އެ ދުވަހުއެވެ.

ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ބޮޑުވަޒީރު ކަމުގައި ހުންނަވައިގެންނާއި ރައީސްކަމުގައި ހުންނަވައިގެން ވަނީ ތިންވަނަ ދަރަޖައިގެ ގައުމަކުން ޔޫރަޕުގެ ގަދަ ބާރަކަށް ތުރުކީ ހައްދަވައިފައެވެ.

އިސްލާމްދީނާއި ދެކޮޅު ފިކުރުތައް ކުރިއަރުވާ ތުރުކީގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިން ރައީސް އުރުދުޣާންއާއި ދެކޮޅަށް އެއްވެސް އިންތިޚާބެއް ކާމިޔާބުކޮށްފައި އަދި ނުވިނަމަވެސް، ފަރުދީ މަޒުހަބު ކުރިއަރުވާ އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންގެ އެހީގައި ތުރުކީގެ އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު ބައިއަތު ހިފައިގެން ސީއެޗްޕީއިން ސެކިއުލާ ކެންޑިޑޭޓަކު ނެރެ އަނެއްކާ ވެސް ރައީސް އުރުދުޣާނާ ވާދަކުރަން ވަނީ ނިންމައިފައެވެ.

އުޘްމާނީ ދަރިދަރިކޮޅަށް ދެމިގެންދިޔަ އޮޓޮމަން އެމްޕަޔަރުގެ އިސްލާމީ ސިޔާސަތުތަކަށް ފާޅުގައި ތާއީދުކުރެއްވުމާ ގުޅިގެން ރައީސް އުރުދުޣާނަކީ ހުޅަނގުގެ އެކުވެރިންނާއި އިސްލާމްދީނާއި ދެކޮޅުވެރި، ބާރުގަދަ އަރަބި އަވަށްޓެރި ގައުމުތަކުގެ ވެސް ނުރުހުން އަމާޒުވެފައިވާ ބޭފުޅެކެވެ.

ޔޫކްރެއިންއާއި ދެކޮޅަށް ނޭޓޯއިން ފެށި ހަނގުރާމައިގައި ބައިވެރިވާން ދެކޮޅު ހެއްދެވުމުގެ އިތުރުން ރައީސް އުރުދުޣާން ވަނީ އެ ގައުމުގައި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކާއި ޖިންސު ބަދަލުކުރާ މީހުންގެ ހައްގުތައް ކުރިއެރުވުމަށް އެމެރިކާއިން ކުރާ މަސައްކަތައް ފާޅުގައި ހުރަސް އަޅުއްވައި އޭނާގެ އިދިކޮޅު ސިޔާސީ ކެންޑިޑޭޓަކީ ރާ ބުއި އަދި އެއްޖިންސުން ގުޅުން ހިންގާ ފަރާތެއް ކަމަށް ވިދާޅުވެ ތުހުމަތުތަކެއް ވެސް ކުރައްވައިފައެވެ.

ތުރުކީގެ ސެކިއުލާ އިދިކޮޅު ސިޔާސީ ޕާޓީ، ސީއެޗްޕީގެ ރިޔާސީ ކެންޑިޑޭޓް

އެހެންނަމަވެސް، ތަރައްގީވެ ކުރިއަރަމުން އައި ތުރުކީގައި ބޮޑުވި މައިންބަފައިނާއި ޚިލާފަށް، އަދުގެ ތުރުކީގައި ބޮޑެތިވި ޒުވާނުންނަށް އުރުދުޣާން ކުރެއްވި މަސައްކަތް ފެނިފައި ނެތުމުން، އިދިކޮޅުގެ ސިޔާސީ ވަސްވާހާއި ހެއްލުންތަކަށް އެ ޒުވާނުން ހުޅުވި، ގައުމަށް ކުރިމަތިވާ ކުދިބޮޑު އެންމެހާ ކަންކަމަށް ރައީސް އުރުދުޣާނާއި އޭނާގެ ސަރުކާރު ކުށްވެރި ކުރެއެވެ.

ތުރުކީގެ އިންތިޚާބުގައި 64 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު, އަލަށް ވޯޓުލާ ޒުވާނުންގެ އަދަދު އުޅެނީ ފަސް މިލިއަނަށްވުރެ މަތީގައެވެ. އެހެންކަމުން ކޮންމެ ވޯޓަކުން ވެސް ނަތީޖާ ބަދަލުވެގެން ހިނގައިދާނެއެވެ.

ތުރުކީ މުސްލިމް ގައުމެއްގެ ގޮތުގައި ބޭއްވުމަށް އުރުދުޣާން ކުރައްވާ މަސައްކަތްޕުޅަށް އިދިކޮޅު ސިޔާސީ މައި ލީޑަރު ކަމުގައިވާ، ކެމާލް ކިލިޗްދަރޯލޫ އިދިކޮޅުހަދާ ވާހަކަދައްކާއިރު، އޭނާގެ ވެރިކަމެއްގައި ހުޅަނގުގެ ގައުމުތަކާއެކު ތުރުކީގެ ސިޔާސީ ގުޅުން ބަދަހިކުރާނެ ކަމަށާއި، ނޭޓޯއަށް ތާއީދުކުރުމުގެ އިތުރުން، ތުރުކީގައި ފަރުދީ މަޒުހަބު ބާރުވެރިކޮށް އަނބުރާ ސެކިއުލަރިޒަމަށް ތުރުކީ ގެންދާނެކަމަށް އޭނާ ވަނީ ވައުދުވެފައެވެ.

މެދުމިނުގެ މުސްލިމުންގެ ތާއީދު ކަށަވަރުކުރުމަށްޓަކައި އިދިކޮޅުން އެމީހުންގެ އިސްލާމްދީނާއި ދެކޮޅު ސިޔާސަތުތަކާއި ދުރަށް ޖެހިފައިވާކަމަށް ދައުވާ ކުރިނަމަވެސް، ދާދިފަހުން އިދިކޮޅު ސަޕޯޓަރުންގެ ތެރެއިން ބަޔަކުވަނީ ބުރުގާ އަޅައިގެން ހުރި މުސްލިމް ކަނބަލަކަށް މަގުމަތިން ފުރައްސާރަކޮށްފައެވެ.

ހުޅަނގުގެ ގައުމުތަކުން އިސްލާމީ ގައުމުތަކަށް އަތްގަދަކުރުމަށް ހުރަސް އަޅާ ވާހަކަދައްކާ އެންމެ ބޮޑު ގައުމު ކަމުގައިވާ ތުރުކީގެ ސިޔާސީ މަސްރަހު މިއަދު ހީނަރުވެފައިވާއިރު، ރައީސް އުރުދުޣާން އިންތިޚާބުގައި ބަލިވެއްޖެނަމަ އެތައް މިލިއަން މުސްލިމުންނަށް އިސްލާމީ ސިޔާސަތު ކުރިއަރުވާ މައިގަނޑު ވާގިވެރި ބާރެއް ގެއްލިގެންދާނެއެވެ. ސީރިއާގެ ހަނގުރާމައިން ހިމާޔަތް ހޯދައި ތުރުކީގައި ދިރިއުޅޭ ސީރިއާގެ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވައިލާ، ތުރުކީގެ އަސްކަރީބާރު މުސްލިމުންނާ ދެކޮޅަށް ބޭނުން ކުރެވޭނެއެވެ.

އިދިކޮޅުން ތުރުކީގެ އިންތިޚާބު ކާމިޔާބުކޮށްފިނަމަ އެހެން މުސްލިމް ގައުމުތަކުން ތުރުކީއަށް ދަތުރުކުރާ ފަރާތްތަކަށް ރައްކާތެރިނޫން ގައުމަކަށް އެ ގައުމުވުމުގެ ފުރުސަތު އެބައޮތެވެ. އަދި ޔޫކްރެއިން ހަނގުރާމަ ފުޅާވެ ދުނިޔޭގެ އިގުތިސާދީ ހާީލަތު މިހާރަށްވުރެ ގޯސްވުމުގެ ބިރު ވެސް އެބައޮތެވެ.

ދުނިޔޭގެ ނަޒަރު ހުއްޓިފައި އޮތީ އާދިއްތަ ދުވަހުގެ ރޭގައި ފާޅުކުރާނެ ތުރުކީގެ އިންތިޚާބުގެ ނަތީޖާއަށެވެ. ތުރުކީގެ އިންތިޚާބުގެ ތައްޔާރީތަކުން ކަށަވަރުވާ އެއްކަމަކީ އެކި ގައުމުތަކުގެ ސިޔާސީ މަސްރަހު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް ދުނިޔޭގެ ބާރުތަކުން އަމިއްލަ ގައުމުގެ މަސްލަހަތު ކުރިއެރުވުމަށްޓަކައި އެތައް މަސައްކަތެއް ކޮށްފާނެކަމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް