ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމާ ގުޅިފައިވާ އެއްކަމަކީ އާއިލާގެ ތެރެއިންނާއި މުޖުތަމައުގެ ތެރެއިން އެ ކުދިންނަށް ލިބެންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި މުޖުތަމައުގައި ހިމެނޭ އެންމެ ނާޒުކު ބަޔަކީ އެ ތަނެއްގައި ދިރިއުޅޭ ކުޑަކުދިންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކުދިންގެ އިންސާނީ ކަރާމާތާއި އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ އެޅިފައިވަނީ އެ މުޖުތަމައުއްގައި ދިރިއުޅޭ ބޮޑެތި މީހުންގެ ކޮނޑުގައި ކަމަށެވެ.
އެހެންކަމުން ތިމާގެ އަތުން އެހެން ކުޑަކުއްޖަކަށް އެއްވެސް ގޯނާއެއް ނުވަތަ އަނިޔާއެއް ނުދިނުމަށާއި ތިމާގެ ފަރާތުން ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ކުއްޖެއްކަމުގައި ހެދުމަށް ކޮންމެ މީހަކު އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު, ވެރިކަމަށް ވަޑައިގެންނެވި ގޮތަށް އެންމެ ފުރަތަމަ ވެސް މިނިވަންކުރެއްވީ ކުޑަކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށްލައިފައި ހުރި މީހެކެވެ. އެއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީއަކަށް ހުންނެވި އިބްރާހިމް ރަޝީދު(ހޯރަ އިއްބެ) އެވެ.
ހޯރަ އިއްބެ ޖަލުން މިނިވަންކުރެއްވީ ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ފަހުން, 06 ޑިސެމްބަރު 2018 ގައެވެ.
ހޯރަ އިއްބެގެ އަދަބު ލުއިކޮށްދެއްވީ އޭނާއަށް ކުރި ހުކުމުގެ ބާކީ 5 އަހަރު އޮއްވައެވެ. އަދަބު ލުއިކޮށްދެއްވީ ހުކުމުގެ ބާކީ އޮތް މުއްދަތުން ތިން ދުވަސް ފިޔަވައި އެހެން ހުރިހައި ދުވަހެއް މާފުވާ ގޮތަށެވެ.
ހޯރަ އިއްބެގެ އަދަބު ލުއިކޮށްދެއްވައި މިނިވަން ކުރެއްވުމުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އެންމެ ފަހުން ރައީސް ޞާލިޙް ވިދާޅުވީ އެއީ އެންމެ ރަނގަޅަށް ކުރެއްވުނު ކަމެއް ނޫން ކަމަށެވެ.
One Response
މިޒަމާނުގެ ސިޔާސީ މީހުނަކީ ކުރިސީކަހަލަ މޮޅުމީހުނެވެ. ހުރިހާ މޮޅުގޮތެއް ދަންނާނެއެވެ. ދައްކާނީވެސް ހަމަ ބަރާބަރު ވާހަކައެވެ. ޢަމަލު ބަހަށްޓާނީ ސިޔާސީ ސެޓިފިކެޓް ނެގިއިރު ކިޔެވިގޮތައްވުރެ ބުނާބަހާއި ޢަމަލު އަދި ކަންކުރާގޮތް ދިމާނުވާގޮތަށެވެ. ލިޔެގެންވެސް ދައްކާނީ ހަމަ މޮޅުވާހަކައެވެ. ވާގޮތަކީ ބިޒީކަމުން ރައްޔަތުން ދެކޭގޮތް ބަލާކަށް ވަގުތުނޯންނަނީއެވެ. ދެން އިލެކްޝަން ކައިރިވީމާ އެއްކަލަ ވިނިން ފޮމިއުލާ ބޭނުންކޮށްލައިގެން ޗަލުވާލަނީއެވެ. ކޮންމެފަދަ ދޮގުތަކެއް ހަދައި ފައިސާދީ ވަސްބަލާ، ބޯއެއްޗެތި ދީގެންވެސް ވޯޓް ގަނެލެވުނީމާ ނިމުނީއެވެ. އަނެއް 5 އަހަރު ލިބުނީއެވެ. އެހެންވެދިމާވާ ގޮތެއް މިއީވެސް. މިފަހަރު ޑްރަގްވެސް ބަހާފާނޭ މާރުކޭޓްތަކުގައި އެބަކިޔައެވެ.