ބައިނަލް އަގްވާމީ ވިޔަފާރީގެ އަގު އިންޑިއާ ރުޕީސް އިން އަދާކުރަން އެއްބަހެއް ނުވެވުނެވެ. ރަޝިޔާއާއި އިންޑިއާ ދެމެދު ކުރެވޭ ބައިނަލް އަގްވާމީ ވިޔަފާރީގެ އަގު އިންޑިއާ ރުޕީސް އިން އަދާކުރެވޭނެ މަގެއް ހޯދުމަށް އެތައް ދުވަހަކު މަޝްވަރާ ކުރުމަށްފަހު އެކަމަށް މޮސްކޯއަށް އެއްބަސް ނުވެވުނުކނަ ހާމަކޮށްފިއެވެ.
އެކަން ރަނގަޅަށް ދެނެވަޑައިގަންނަވާ އިންޑިއާގެ ދެ އޮފިޝަލަކާއި ޙަވާލާދީ ނިއުދިއްލީން އެ ޚަބަރު ކަށަވަރުކޮށްދީފާ ވެއެވެ. މިއީ އަގުހެޔޮކޮށް ތެޔޮ އެތެރެ ކުރަން ބޭނުންވާ އިންޑިއާގެ ކުންފުނިތަކުން ފަހަތަށް ފިޔަވަޅެއް އަޅަން ޖެހުން ކަމުގައި ބުނެވެއެވެ.
އިންޑިއާ ރުޕީސް އިން އަގު އަދާކުރެވޭ އުސޫލެއް ގާއިމް ކޮށްފިނަމަ އަހަރެއްގެ މައްޗަށް އިތުރު 40 ބިލިއަން އެމެރިކާޑޮލަރުގެ އިންޑިއާ ރުޕީސް ރަޝިޔާގައި ޖަމާވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ރަޝިޔާއިން ނުދެކެއެވެ.
މިވާހަކަތަކަށް އިންޑިއާގެ މަރްކަޒީބޭންކާއި މާލީ ވުޒާރާއަކުން އެއްވެސް އެއްޗެއް އޮފިޝަލީ އަދި ބުނެފައެއް ނުވެއެވެ. އަދި ރަޝިޔާއިންވެސް ރަސްމީ ސިފައެއްގައި އެއްވެސް މައުލޫމާތެއް ނުދެއެވެ. ދެގައުމުންވެސް އަމިއްލަ ފައިސާ ބޭނުންކޮށްގެން ބައިނަލް އަގްވާމީ ވިޔަފާރި ކުރެވޭނެ މަގެއް ހޯދަން ބޭނުންވެއެވެ.
އެކަމަކު މިހާތަނަށް އެކަމަށް ބޭނުންކުރާނެ ގައިޑްލައިނެއް އެއްބަސް ވެވިފައެއް ނެތީއެވެ. ވާހަކަތަކުގައި ބައިވެރިވި އިންޑިއާގެ އޮފިޝަލަކު ވިދާޅުވީ ރަޝިޔާއިން ބޭނުންވަނީ ވަކިގޮތަކަށް އެއްބަސް ވެވެންދެން ޗައިނާގެ ޔުއާނުން އަގު އަދާކުރުމަށެވެ. މިވާހަކަތަކުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ އެހެން ބޭފުޅަކު ވިދާޅުވީ މިހާރު ދެން ރަޝިޔާއާއެކު ކުރާ ވިޔަފާރީގެ އަގު އަދާކުރަން އިންޑިއަން ރުޕީސް ކޮށްޕަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތްކަން އެނގިއްޖެ ކަމަށާއި އަދި އިންޑިއާ ރުޕީސް ބޭނުންކުރުން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
ޔޫކްރެއިންގެ ހަނގުރާމަ ފެށުނީއްސުރެން މިހާތަނަށް ރަޝިޔާއިން އިންޑިއާއަށް އެތެރެކުރި މުދަލުގެ އަގު މިދިޔަ އޭޕްރިލް މަހުގެ 5 ވަނަދުވަހާ ހަމަޔަށް 51 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެންވެސް ގިނައެވެ. ކުރީ އަހަރުގައި މި އަދަދު އުޅުނީ ދިހަ ވަރަކަށް ބިލިއަން އެމެރިކާ ޑޮލަރުގެ ތެރޭގައެވެ.
އިންޑިއާ ރުޕީސް އަކީ ގިނަގ ައުމުތަކެއްގައި މާރުކުރެވޭ ފައިސާއަކަށް ނުވެފައި ދުނިޔޭގެ ބާޒާރުގައި އިންޑިއާގެ އެކްސްޕޯރޓަކީ ހަމަ އެކަނި %2 ކަމަށްވާތީ އެހެން ގައުމުތަކުން އިންޑިއާ ރުޕީސް ބޭނުން ނުވަނީއެވެ.
ޔޫކްރެއިންގެ ހަނގުރާމަ ފެށުމާއިއެކު އިންޑިއާއިން އެ ގައުމުގެ ރުޕީސްއިން އަގު އަދާކުރާ ގޮތަށް ރަޝިޔާއިން މުދާ އެތެރެކުރެވޭނެ މަގެއް ފެނޭތޯ ގެންދިޔައީ ބަލަމުންނެވެ.
އެހެންނަމަވެސް މިހާތަނަށް ރުޕީސް އިން އަގު އަދާކުރާގޮތަށް އެއްވެސް މުޢާމަލާތެއް ނިމިފައިވާކަން އެނގޭކަށް ނެތެވެ. ރަޝިޔާއާއި އިންޑިއާގެ ވިޔަފާރީގެގިނަ މުޢާމަލާތުތަކެއް އެމެރިކާ ޑޮލަރުން ކުރެވެމުންދާއިރު އެމިރޭޓްސް ދިރްހަމްވެސް ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވެމުން އެބަ ދެއެވެ.