ބާރުތައް މަޖިލީސް ރައީސް ޖަމާކުރާތީ ޖުމްހޫރީ ޕާޓީގެ ފާޑުކިޔުން ނަޝީދަށް އަމާޒުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވަނީ މަޖިލިސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ”މަޖިލީސްއަށް ހުރިހާ ބާރެއް ޖަމާ ކުރުމަކީ، ގާނޫނު އަސާސީ ބުނާ ތިން ބާރު ވަކިވުންތޯ؟ މީތޯ ރައްޔިތުން އިތުބާރު ކުރި ގޮތަކީ؟“ ސައުދު ސުވާލުކުރެއްވިއެވެ.
ސައުދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައީސްގެ ބާރުތައް މަޖިލީހުގެ ތެރެއަށް ގެންދިއުމަކީ ހުދުމުހުތާރު ސިފައެއް ކަމަށާ ހުރިހާ ބާރެއް މަޖިލީހަށް ޖަމާ ކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ. އަދި މަޖިލީހުން މިހާރު އަމަލު ކުރަމުން ގެންދަނީ ރައްޔިތުން ދިން އިތުބާރުގެ މައްޗަށް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ގެންދިއުމަކީ ހުދުމުހުތާރު ސިފައެއް ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ފަހަކަށް އައިސް މަޖިލިހުން ޤައުމުގެ ހުރިހާ ކަމެއްގައި ބަސް ބުނެ ކަންކަން ނިންމަމުންދާތީ ގިނަ ބަޔަކު ދަނީ މިއީ މަޖިލީހުން ހިންގާ ވެރިކަމެއްތޯ ސުވާލުކުރަމުންނެވެ. ސަރުކާރުން ނިންމަން ޖެހޭ ކަންކަމުގެ މައްޗަށް ބަސް ބުނެ، ތަހުގީގީ އިދާރާތަކުން ކުރަންޖެހޭ ކަންކަމަށް އަތްބާނާ ހަދާތީ އެމްޑީޕީގެ ސުޕާރ މެޖޯރިޓީ އޮތް މަޖިލީހަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.